ލިކުއިފައިޑް ނޭޗުރަލް ގޭސް ބޭނުންކުރުމުން ހަކަތައިގެ އަގުހެޔޮވާނެ : ޝަރީފް

ޕެޓްރޯލާއި ޑީސަލްގެ ބަދަލުގައި ލިކުއިފައިޑް ނެޗުރަލް ގޭސް ބޭނުން ކުރުމުން ހަކަތައިގެ އަގު ހެޔޮ ވެގެންދާނެ ކަމަށް މަރަދޫ ދާއިރާ މެންބަރު އިބްރާހީމް ޝަރީފު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގައި ލިކުއިފައިޑް ނެޗުރަލް ގޭސް ސްޓޭޝަނެއް އެޅުމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް(އޭ.ޑީ.ބީ) އިން ފަންޑުކުރުމަށް ނިންމާފައިވާ މައްސަލަ، އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ދިރާސާ ކޮށް ނިންމާފައި ވަނީ ރާއްޖޭގައި އެ ސްޓޭޝަން އެޅުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.
މިމައްސަލައިގައި ބަހުސް ކުރައްވަމުން އިބްރާހިމް ޝަރީފް ވަނީ ބެޓަރިއަށް ނުވަތަ އިރުގެ ހަކަތައަށް ރާއްޖޭގެ އިންޖީނުގެތައް ބަދަލު ކުރެވެންދެން، ޖައްވަށް ވިހަ ގޭސް ދޫކުރާ މިންވަރު އެންމެ ކުޑަ އަދި އެންމެ ޚަރަދު ކުޑަ ވަސީލަތެއްގެ ބޭނުންހިފުމަކީ އެންމެ ރަނގަޅު ގޮތްތޯ ސުވާލު ކުރައްވާފައެވެ.
މިހާރު ބޭނުންކުރާ ޑީސަލުގެ ކިއުބިކް މީޓަރަކުން 2100 ކިލޯ ގުރާމުގެ ކާބަންޑައި އޮކްސައިޑު ނުކުންނަ ކަން ފާހަގަ ކުރައްވައި ޝަރީފް ވިދާޅުވީ ނެޗުރަލް ލިކުއިޑިފައިޑް ގޭހުގެ ކިއުބިކް މީޓަރަކުން އުފައްދަނީ 2.05 ކިލޯގުރާމު ކަމަށެވެ. އަދި މިއީ އެދެވޭ ބަދަލެއް ކަމުގައި އޭނާ ވިދާޅުވިއެވެ.
ޝަރީފް ވަނީ ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރްމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީގެ މުގައްރިރު އަދި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމްއަށް ރައްދު ދެއްވައި، ފޮސިލް ފިއުލްގެ ބާވަތްތަކުގެ ތެރެއިން ތިމާވެއްޓާ އެންމެ ރަޙުމަތްތެރި ފިއުލަކީ ލިކުއިފައިޑް ނޭޗުރަލް ގޭސް ކަމަށް ވެސް ވިދާޅުވެފައެވެ.