ރިޕޯޓް

ހަގީގީ ހާދިސާ: "އަހަންނަށް މިވަނީ ރޭޕް ގެ ވޭން އަބަދަށް އުފުލަން ޖެހިފައި !"

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިއީ ވެސް ރާއްޖޭގައި ހިނގި ރޭޕްގެ ހާދިސާއެކެވެ. ނަން ހާމަނުކުރުމަށް އެދި އޭނާ މިވާހަކަ "ދެން" ހިއްސާ ކުރީ، ރޭޕްވެފައި ތިބޭ މީހުން ކުރިމަތިލާން ޖެހޭ ކަންކަން ގިނަ މީހުންނަށް ނޭނގުމުގެ ސަބަބުން، އެކަން ކޮންމެވެސް ވަރަކަށް ނަމަވެސް ވިސްނައި ދިނުމަށެވެ.

Ads by MWSC

"އަހަރެންގެ އުމުރުން 14 އަހަރުގައި އަހަރެންގެ އަމިއްލަ ބޭބެ އަހަރެން ރޭޕް ކުރިއެވެ. އަހަރެން ދީގެނެއް ނޫނީ 30 މިނެޓު ވަންދެން އެކަން 'ލައިކް' ވެގެން އޮވެގެނެއް ނޫނެވެ. ގަދަބާރުން އަހަރެންގެ އަތްފައިގައި ހިފަހައްޓާފައެވެ. އޭނަގެ އުމުރުން އެއިރު ވާނީ 30 ވަރަކަށް އަހަރެވެ.

އެރޭ އެކަމެއްވީ ވެސް އެގޭ ތެރެއިންނެވެ. ބޭބެއަށް އިތުބާރު ކޮށްފައި އަހަރެން އެގެއަށް ދިޔައީތީއެވެ. އެއްވެސް ރަހުމެއްނެތި އޭނާގެ ވަކިތަކުން އަހަރެން ނޮޅާލީ އަހަންނަކީ އޭނާއާއި ލޭގެ ގުޅުން ހުރި މީހެއްކަމަށް ވެސް ބެލުމެއް ނެތިއެވެ.

ކޮންމެހެނެއް ވިޔަސް، އަމިއްލަ ގެއަށް އައިސްފައި އެވާހަކަތައް އެންމެ ފުރަތަމަވެސް ކިޔައިދޭން އަހަރެން އުޅުނީ އަހަރެންގެ މަންމަ އަށެވެ. ނަމަވެސް އަހަރެން ދެއްކި ވާހަކަތައް ރަނގަޅަށް އަޑުއެހުމުގެ ބަދަލުގައި އަހަރެންގެ ކަންކަށިމަތީގައި މަންމަ ޖެހީއެވެ. ބުނީ ބޭބެއާއި ބެހޭގޮތުން އަހަރެން ދޮގު ވާހަކަ ފަތުރަނީ ކަމަށާއި އަހަރެން އެހެން ފިރިހެނުންނާއި ގައިގޯޅި ވެގެން އުޅޭވާހަކައާއި ހުރިހާ ހަގީގަތެއް ބޭބެ ވަނީ މަންމައަށް ކިޔައިދީފައި ކަމަށެވެ. އެހިސާބުން އަހަރެން ނިންމީ ދެން އެވާހަކަ އެކަކަށް ވެސް ކިޔައި ނުދޭށެވެ.

އެދުވަހަށްފަހު އަހަރެން އެބޭބެއާއި ވާހަކައެއް ނުދައްކަމެވެ. ނަމަވެސް އަހަރެންގެ އުމުރުން 19 އަހަރުގައި އަލަތު ކައިވެންޏެއް ކުރަން ރަން ކިޔަން އޮތް ރޭ އެބޭބެ އައިސް އަހަރެން ގާތު މާފަށް އެދުނެވެ. އެއީ ކިތަންމެ އުދަނގޫ ކަމެއް ކަމުގައިވި ނަމަވެސް މަންމައަށްޓަކައި ވެސް އަހަރެން އެކަން ކޮށްދިނީމެވެ. އަހަރެން ހީކުރީ ކައިވެންޏެއް ކުރާތީ ވެސް ދެން އެހަނދާންތައް ހިތުން ފުހެވިގެން ދާނެ ކަމަށެވެ.

ނަމަވެސް ކައިވެންޏެއް ކުރުމަކުން އަހަރެންގެ އެހިތި ހަނދާންތައް އުފާވެރި ކަމަކަށް ބަދަލެއް ނުވެއެވެ. ފުރަތަމަ ރޭ ވެސް ކުރިމަތިލާން ޖެހުނީ ހިތާމައާއެވެ.

ފިރިމީހާއާއެކު އަނބިފިރި ކަމުގެ ގުޅުން ހިންގަން އުޅުނު ވަގުތު އަހަރެންގެ ހިތައް ވެރިވަމުން ދިޔައީ އަހަރެންހެ އިއްފަތްތެރިކަން ގެއްލުނު ރޭގެ ބިރުވެރިކަމާއި ލިބެމުން ދިޔަ އަނިޔާއެވެ. އެހެންކަމުން ފިރިމީހާއާއެކު އެއްވެސް ކަމެއް ނުކުރެވި އޭނަ ނުރުހުންވިއެވެ.

އަހަންނަށް ވަމުންދިޔަ ގޮތްތަކުގެ ސަބަބުން އަހަންނާއިމެދު އޯގާތެރި ވުމުގެ ބަދަލުގައި ފިރިމީހާ ވެސް ދިނީ އަނިޔާއެވެ. އެގޮތުން އޭނާ ބޭނުންވީ ދެމަފިރިން ކަމުގައިވިޔަސް ކުރުން ހަރާމް ކަންތައް އަހަރެންލައްވާ ކުރުވާށެވެ. އަދި އެކަން އޭނަ ކުރިޔަ ދިނުމަށެވެ. ބުނީ އެއިރުން އަހަންނަށް ވެސް 'ސެކްސީ' ވާން ފެށޭނެ ކަމަށެވެ. އަދި އޭނާ އަހަރެންމަތިން ފޫހިވެސް ނުވާނެ ކަމަށެވެ.

ނަމަވެސް އެކަމުގެ ސަބަބުން އަހަރެން އިތުރަށް ގަތީ ބިރެވެ. އޭނަ ގާތު ރޮއެ އާދޭސް ކުރުމުން، ވަރަށް ބޮޑަށް ރުޅިއައިސްގެން އެއްޗެހި ގޮވުމުން އޭނަ އެކަން ކުރުން ހުއްޓާލިއެވެ.

އެކައިވެނި މާގިނަ ދުވަހަކު ދެމިއެއް ނުހުއްޓެވެ. އޭނާއާއި ވަކިވެވުމަކީ އަހަންނަށް ލިބުނު ނަސީބެއް ކަމުގައި ދެކެމެވެ. އަހަންނާއިމެދު ގޯސްކޮށް ކަންތައްކުރި އެއްވެސް މީހަކަށް ބަދަލު ހިފާކަށް ނޫނީ ޤާނޫނީ ފިޔަވަޅު އަޅާކަށް އަހަރެން ބޭނުމެއް ނޫނެވެ. އެމީހުން ކުރިކަންތަކުގެ ޖަޒާ އެމީހުންނަށް މިހާރުވެސް ވަނީ ލިބިފައެވެ. އަހަރެން ހަމައެކަނި ބޭނުންވަނީ މިހިތާމަ ދެން އަހަރެންގެ ހިތުން އެއްކޮށް ފިލުމެވެ." އެ އަންހެންކުއްޖާ ކިޔައިދިނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!