ޚަބަރު

ލުއި ދެވެން އޮތީ ވެކްސިން ޖަހައިގެން: ޑރ. ނަޒްލާ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން
ވެކްސިން ޖަހަނީ-- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއި ދެވެން އޮތީ ހުރިހާ އެންމެން ވެސް ކޮވިޑް-19 ވެކްސިން ޖަހައިގެން ކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

Ads by MWSC

އެސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އެންމެ އުންމީދު ބޮޑީ ވެކްސިން އިން ކަމަށާއި ވެކްސިން ޖެހުމަށް އުމުރު ހަމަވާ ބޭފުޅުން ވެކްސިން ޖެހުމަކީ މުހިންމު ކަމެއް ކަމަށެވެ.

ޑރ. ނަޒްލާ ވަނީ މިހާރު މާލެ ސަރަހައްދުން 18 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށާއި، އަތޮޅުތެރޭގައި ތިއްބެވި އުމުރުން ދުވަސްވީ މީހުންނާއި، 18 އަހަރާއި 50 އަހަރާ ދެމެެދުގެ ގުރޫޕްތަަކަށް ވެސް ކޮވިޑް-19 ވެކްސިން ޖެހުމުގެ ހިދުމަތް މަޑުމަޑުން ކުރިއަށްދާ ކަން ފާހަގަ ކުރައްވާފައެވެ.

"އެހެންވީމަ ވެކްސިން ޖަހާގެން އިރާދަކުރެއްވިޔާ ކުރިއަށް އޮތްތަނުގައި އަޅަންޖެހޭ ފިޔަވަޅުތަކަށް ލުއިތަކެއް ލިބޭނެ ހަމަ އެކަނި ގޮތަކީ މިއީ ކަމަށް އަޅުގަނޑުމެންނަށް ފާހަގަ ކުރެވެނީ. އެހެންވީމަ ވެކްސިން ވީހާ ވެސް އަވަހަށް ޖެއްސެވުމަކީ ވަަރަށް މުހިންމު ކަމެއް" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވަނީ ވެކްސިން ޖަހަން ދާއިރު ސަމާލުވާން ޖެހޭ ކަންކަން ވެސް ފާހަގަ ކުރައްވާފައެވެ. އެގޮތުން ބަލީގެ އަލާމަތް ހުރި އެއްވެސް ފަރާތެއް ވެކްސިން ސެންޓަރުތަކަށް ނުދިއުމަށް ޑރ. ނަޒްލާ ވަނީ އިލްތިމާސް ކުރައްވާފައެވެ. ޑރ. ނަޒްލާ ވިދާޅުވީ ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ އެންމެ މުހިންމު ކަމަކީ ބައްޔަށް ޓެސްޓުކުރުން ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!