ވިޔަފާރި

ފުރަތަމަ 8 ހަފްތާ ތެރޭގައި ސަރުކާރުން 3.3 ބިލިއަން ރުފިޔާ ހަރަދުކޮށްފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

މިއަހަރުގެ ފުރަތަމަ 8 ހަފްތާގެ ތެރޭގައި ދައުލަތުގެ ހަރަދުތަކުގެ ގޮތުގައި 3.3 ބިލިއަން ރުފިޔާ ހޭދަ ކޮށްފިއެވެ.

Ads by Sosun Fihaara

ފިނޭންސް މިނިސްޓްރީން އާންމުކުރި ދައުލަތުގެ އާމްދަނީ އާއި ހަރަދުގެ ތަފާސް ހިސާބުތައް ބަލާއިރު ދައުލަތަށް މި މުއްދަތުގައި އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 2.8 ބިލިއަން ރުފިޔާ އެވެ.

އާމްދަނީގެ ގޮތުގައި ލިބުނު ފައިސާގެ ތެރެއިން  2.4 ބިލިއަން ރުފިޔާ އަކީ ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނު ފައިސާއެވެ. ޓެކްސް ނޫން އާމްދަނީ އަށް 375.4 މިލިއަން ރުފިޔާ ލިބުނުއިރު،  ހިލޭ އެހީ އަށް 3.1 މިލިއަން ރުފިޔާ ވަނީ ދައުލަތަށް ލިބިފައެވެ.

އާމްދަނީގެ ގޮތުގައި 2.8 ބިލިއަން ލިބުނުއިރު، ދައުލަތުގެ ހަރަދުގެ ގޮތުގައި ވަނީ 3.3 ބިލިއަން ރުފިޔާ ހޭދަ ކޮށްފައެވެ. އެއީ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް އަދި ޕެންޝަނަށް ހަރަދުކުރި 1.4 ބިލިއަން ރުފިޔާގެ އިތުރުން ހިންގުމުގެ ހަރަދަށް ހޭދަކުރި 1.1 ބިލިއަން ރުފިޔާއެވެ.

ފުރަތަމަ 8 ހަފްތާގެ ތެރޭގައި ލޯނުތައް ދެއްކުމަށް ވެސް ވަނީ 170.3 މިލިއަން ރުފިޔާ ހޭދަކޮށްފައެވެ.

މި އަހަރަށް ލަފާކޮށް ފާސް ކޮށްފައިވާ 34 ބިލިއަން ރުފިޔާގެ ބަޖެޓުގައި އާމްދަނީގެ ގޮތުގައި 21 ބިލިއަން ލިބޭނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!