ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައިވާ މީހުންގެ ދިފާއުގައި ވާހަކަ ދެއްކުން: ދަމަކުން ބަޑިއެއް ޖަހާ އުސޫލުން ހިނގާ ކަމެއްބާ؟
ޖިންސީ ފުރައްސާރަ އާއި ޖިންސީ ގޯނާގެ ވާހަކަތަކަކީ މިއަދު ދިވެހީންނަަށް އައު ވާހަކަތަކެއް ނޫނެވެ. މިއަދު ދިވެހީންނަށް އެވާހަކަތައް އަޑުއިވި އިވި ބާވެފައިވާ ވާހަކަތަކެކެވެ. ނަމަވެސް މިކަމަކީ ކިހާ ވަރެއްގެ ސީރިއަސް މައްސަލައެއްތޯ ވިސްނާލީ ކިތައް މީހުން ބާވައޭ ހިތަށް އަރައެވެ. މިފަދަ މައްސަލަތައް ބަލައި ވަކި ކޮޅެއްގައި ނުޖެއްސިގެން އުޅެނީ ކޮން ސަބަބަކާ ހުރެތޯ ވެސް ސުވާލު އުފެދެއެވެ.
މިދިޔަ އަހަރުގެ ތެރޭގައި ހުޅުމާލޭ ފަޅުތެރޭގައި ކެންޔާގެ އަންހެނަކު ރޭޕް ކުރި މައްސަލައެއް ފެންމަތިވެ ޖިންސީ ފުރައްސާރަ އާއި ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައިވާ މީހުންގެ ދިފާއުގައި ވާހަކަ ދައްކާ މީހުންގެ އަޑު ވަރަށް ގަދަވިއެވެ. މީސްމީޑިއާގެ އެކި މަންސަތަކުގައި ޖިންސީ ގޯނާގެ ޝިކާރައަށް ވެފައިވާ އެތައް ބައެއްގެ ވާހަކަތައް ހިއްސާ ކުރާ މަންޒަރު ވެސް ފެނިގެން ދިޔައެވެ. ނަމަވެސް އެކަމަކީ ވެސް މަދު ދުވަސްކޮޅަކަށް ކުރިއަށް ދިޔަ ކަމެއް ކަމުގައި ވުމަކީ ހިތާމަ ކުރަން ޖެހޭ ކަމެކެވެ.
ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައިވާ އެތައް އެތައް ބަޔަކު މި ކުޑަކުޑަ މުޖުތަމައުގެ ތެރޭގައި އުޅޭއިރު މި ވާހަކަތަކަކީ ސަމާލުކަން ހޯދަން ދައްކާ ވާހަކަތަކަކަށް ވާނަމަ މިކަމުގެ ފައިދާއެއް ނުކުރާނެ ކަން ޔަގީނެވެ. އަދި ކިތަންމެ ވަރަކަށް ޖިންސީ ގޯނާއާ ދެކޮޅަށް މީސްމީޑިއާގެ މަންސަތަކުގައި އަދި މަގުތަކަށް ނުކުމެ ހަޅުތާލު ކުރި ކަމުގައި ވިޔަސް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް މިކަމަކީ ބޮޑުކަމަކަށް ނުވެ ކަހާތަން ހިރުވާ ނުލުމަކީ ވެސް އެހާ ހިތާމަ ހުރި ކަމެކެވެ.
މިއަދު އަޅުގަނޑުމެން މިކަންކަމާ މެދު ވަރަށް ފުންކޮށް ވިސްނާ ފިކުރު ކުރަން އެބަ ޖެހެއެވެ. ވާ ކަންކަން ނުވާ ކަންކަމަށް ހަދައިގެން އަޅުގަނޑުމެންނަށް އަބަދަކު ތިބެވޭކަށް ނެތެވެ. އެތައް ބަޔަކު އާއިލާގެ މެންބަރުންގެ ފަރާތުން ވެސް ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައިވާއިރު، އާއިލާގެ އަގު ވެއްޓިދާނެތީ މި މައްސަލަތައް އޮއްބާލުމަކީ ހައްލެއް ވެސް ނޫނެވެ.
ޖިންސީ ގޯނާގެ މައްސަލަތަކާއި ގެވެށި އަނިޔާގެ މައްސަލަތަކަށް ހައްޤު އަދަބު ދެވިގެން ނޫނީ މިކަމެއް ނުހުއްޓޭނެ ކަން ޔަގީނެވެ. މިއީ މި ގައުމުގައި ތިބި އެތައް ބަޔެއްގެ ވޭނީ އާހްކަން އެނގެން އެބަ ޖެހެއެވެ. އަދި މިފަދަ ކަންކަމާމެދު އަޅުގަނޑުމެން އަނގަ މަޑުން ލައިގެން ތިބޭ ތިބުން ވެސް ނިމުމަކަށް ގެންނަން އެބަ ޖެހެއެވެ.
ޖިންސީ ގޯނާގެ ވާހަކަތައް ދައްކަންވީ އެފަދަ މައްސަލައެއް ފެންމަތިވުމުން އެކަނި ކަމުގައި ގަބޫލު ނުކުރާށެވެ. ކަމާ ބެހޭ ފަރާތްތަކަށް އަޑު އިއްވުމަށް ޓަކައި އަބަދާއި އަބަދުވެސް މިވާހަކަތައް ދައްކަން އެބަޖެހެއެވެ. ސަރުކާރުގެ މަތީ މަގާމުތަކުގައި ތިބޭ ފަރާތްތަކުގެ އާއިލީ ބޭފުޅުން މިފަދަ ކަންކަމުގައި ޝާމިލުވުމުން އެކަންތައް ތަކުގައި މަތި އެޅުން ހުއްޓުވުމަށް ޓަކައި އަޅުގަނޑުމެން އެންމެން ވެސް އަޑު އުފުލަން އެބަޖެއެވެ.
ފިނި ކޮޓަރިތަކުގައި ތިބި ދައުލަތުގެ ބޮޑުންނަށް މިފަދަ ކަންތައްތައްތަކުގެ ވާހަކަ ދަމަކުން ބަޑިއެއް ޖަހާ އުސޫލުން ދައްކައިގެން އަޑު ނީވޭނެ ކަން ޔަގީނެވެ، މިފަދަ ވާހަކަ ތަކަކީ އަބަދުވެސް ދައްކަން ޖެހޭ ވާހަކަ ތަކެކެވެ. ނޫން ނަމަ ގައުމުގައި ޖިންސީ ގޯނާގެ ޝިކާރައަށް ވާ މީހުންގެ އަދަދު އިތުރުވެ މިއީ ގައުމަށް އޮތް ބިރަކަށް ވެދާނެއެވެ.