ޚަބަރު

އައްޑޫގެ ރިސޯޓް ހުޅުވުމަށް ކައުންސިލްގެ ދައުރު ބޮޑު ކަމަކަށް ނުބުނަން: ޑރ މައުސޫމް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ފޮޓޯ: އަވަސް

ކޮވިޑް-19 އާއި ގުޅިގެން ބަންދުކުރި ޝަންގަރިއްލާ އާއި ހެރެތެރެ ރިސޯޓް އަލުން ހުޅުވޭތޯ އައްޑޫ ސިޓީ ކައުންސިލްގެ ދައުރުބޮޑު ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވި ކަމަށް ބުނާ ވާހަކަ އެމަނިކުފާނު ދޮގު ކުރައްވައިފިއެވެ.

Ads by STELCO

އޮންލައިން ނޫހަކުން ލިޔެފައިވާ ޚަބަރެއްގައި ބުނެފައި ވަނީ ޝަންގްރިއްލާ އާއި ހެރެތެރެ ނުހުޅުވި ލަސްވުމުގެ ސަބަބުން އައްޑޫސިޓީގެ ރައްޔިތުންނަށް ލިބެމުންދާ ވޭނާއި ކެކުޅުން މިނިސްޓަރާ ޙިއްސާކޮށްފައިވާ ކަމަށާއި އަދި އެރިސޯޓްތައް އަލުން ހުޅުވުމަށް އައްޑޫ ސިޓީ ކައުންސިލްގެ ދައުރުބޮޑު ކަމަށް މިނިސްޓަރ ވިދާޅުވި ކަމަށެވެ. މި ޚަބަރު ހިއްސާ ކުރައްވާ މައުސޫމް ވިދާޅުވީ އެ ވާހަކައަކީ ރަނގަޅު ވާހަކައެއް ނޫން ކަމަށެވެ.

"އަނެއްކާވެސް މާނަ ކޮށްދޭން މިޖެހުނީ ! އަޅުގަނޑު ބުނީ ޝަންގަރިއްލާ އާއި ހެރެތެރެ އަލުން ހުޅުވޭތޯ ސިޓީ ކައުންސިލް އަދި ޕާރލިމަންޓު މެންބަރުން އަޅުގަނޑާ ގުޅުއްވާ މުހިންމު ދައުރެއް އަދާ ކުރައްވާ ވާހަކަ! (މަ އައްޑޫބަސް ދަސްކެރާއްވީ ދީ)": ޑރ. މައުސޫމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން "ދެން" އަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ޝަންގްރިއްލާއާއި ހެރެތެރެގެ ކަންތަކުގައި ސިޓީކައުންސިލުގެ ބޭފުޅުންނާ ޕާލަމެންޓް މެމްބަރުން ވަރަށް ގިނައިން ޚަބަރު ބައްލަވާ ކަމަށެވެ.

"އެބޭފުޅުން ޒިޔާރަތް ވެސް ކުރައްވާނެ، ހަމަ ވަކިން ކަމާ ކަންފަށާ އެކަމާ ބެހޭގޮތުން މައުލޫމާތު އޮޅުން ފިލުވުމަށް މިނިސްޓްރީއަށް ވަޑައިގަންނަވާނެ." މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.

އައްޑޫގައި ހިންގަމުން އަންނަ ސަންގިރިއްލާ ރިސޯޓްވަނީ މަރާމާތު ކުރުމަށް ބަންދުކޮށްފައެވެ. މި ރިސޯޓަކީ ސަރުކާރުގެ 30 އިންސަައްތަ ހިއްސާއެއް އޮންނަ ރިސޯޓެކެވެ. އަދި އައްޑޫގައި ހިންގަމުން އަންނަ ހެރެތެރެ ރިސޯޓްވެސް މުއްދަތެއް ނެތް ގޮތަށްވަނީ ބަންދުކޮށްފައެވެ. އައްޑޫގައި ހިންގަމުން އަންނަ ދެ ރިސޯޓް ބަންދު ކުރުމާއި ގުޅިގެން ގިނަ ބައެއްގެ ވަޒީފާ ގެއްލިފައިވާކަން ފާހަގަކޮށްލެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!