ކޮވިޑް-19: ރާއްޖެއިން މިއަދު ފައްސިވީ 136 މީހުން
ކޮވިޑް-19 އަށް ރާއްޖެއިން މިއަދު އިތުރު 136 މީހުން ފައްސިވެ 125 މީހުން ބަލިން ރަނގަޅު ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ ސާވޭލަންސް ޑޭޓާއަށް ބަލާއިރު މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައިވަނީ މާލެއިން 124 މީހުންނާއި، ހިންގަމުން އަންނަ ރިސޯޓުތަކުން 10 މީހަކާއި ކަނޑުއުޅަނދު ފަހަރުން ދެ މީހެކެވެ.
މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 20،280 މީހުން ފައްސި ވެފައިވެއެވެ.
ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 17،595 މީހުންނެވެ. އަދި މިބަލީގައި ރާއްޖެއިން 63 މީހުން ނިޔާވެެއްޖެއެވެ.
ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 187 މީހުންނެވެ.
ރާއްޖެއިން ކޮވިޑަށް ޓެސްޓު ކުރަން މިހާރު 536،931 ސާމްޕަލް ނަގައިފައިވެއެވެ.
ރާއްޖޭގައި މިފަހަކަށް އައިސް އަނެއްކާވެސް ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.
އެހެންކަމުން އެޗްޕީއޭ އިން އަނެއްކާވެސް ވަނީ ކޮވިޑް ފެތުރުން ކޮންޓްރޯލު ކުރުމަށް ބައެއް ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން އިރުއޮއްސި 6:00 އިން ފެށިގެން އަނެއް ދުވަހުގެ ހެނދުނު 6:00 އަށް މާލެ ސަރަޙައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ކޮށްފައިވާއިރު ރޭގަނޑު 11:00 އިން ފަތިހު 4:30 އަށް ބޭރުގައި އުޅުން ވެސް މަނަލެވެ. އަދި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިހާރު މާސްކު އެޅުންވެސް ވަނީ މަޖުބޫރު ކޮށްފައެވެ.