ޝާހްރުކް ޚާން އާއެކު "ކަލް ހޯ ނަހޯ" ގައި އުޅުނު މިކުއްޖާ މިހާރު ހުރީ ވަޒީފާއެއް ނެތިފައި!

ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރި ޝާހްރުކް ޚާނާއެކު ފިލްމު "ކަލް ހޯ ނަހޯ" ގައި ހަރަކާތްތެރިވި ކުޑަ އަންހެންކުއްޖާ މިހާރު ހުރީ ވަޒީފާއެއް ނެތިފައި ކަމަށް އޭނާ ބުނެފިއެވެ.
މިހާރު އުމުރުން 25 އަހަރުގެ ޖަނަކް ޝުކްލާ އިންޑިއާގެ ނޫހަކަށް މައުލޫމާތު ދެމުން ބުނީ، އޭނާގެ އުމުރުން ހަތް އަހަރުން ފެށިގެން 15 އަހަރު ވަންދެން އޭނާ ފިލްމީ ދާއިރާގައި މަސައްކަތް ކުރި ކަމަށާއި، އެއަށްފަހު އެ ދާއިރާއިން "ބްރޭކެއް" ނަގަން ނިންމި ފަހުން މިހާރު އެއްވެސް މަސައްކަތެއް ލިބިފައިނުވާ ކަމަށެވެ.
"އަހަރެން ކުރިން ވަރަށް ހުވަފެންތައް ދުށިން. އެގޮތުން ތާރީޚު ދިރާސާކުރުން ކިޔަވާ، އުމުރުން 24 އަހަރުވާއިރު ކައިވެންޏެއްކޮށް، މިޔުޒިއަމެއްގައި މަސައްކަތްކޮށް ވަރަށް ގިނަ ފައިސާ ހޯދާނަމޭ އަހަރެންގެ ހިތުގައި އޮތް. މިހާރު އަހަރެންގެ އުމުރުން 25 އަހަރު. ވަޒީފާއެއް ނެތް، އާމްދަނީއެއް ވެސް ނުލިބޭ" ހިނިގަނޑެއް ޖަހާލާފައި ޖަނަކް ބުންޏެވެ.
ފިލްމު "ކަލް ހޯ ނަހޯ" ގެ އިތުރުން، ޖަނަކް މަޝްހޫރު ވެފައިވަނީ ސްޓާޕްލަސް އިން ކުރިން ދެއްކި "ކަރިޝްމާ ކާ ކަރިޝްމާ" އިންނެވެ.
އެ ސީރީޒްގައި ޖަނަކް ކުޅެފައިވަނީ ރޮބަޓު އަންހެން ކުއްޖެއްގެ ރޯލެވެ. އޭނާގެ ހުނަރުވެރިކަމުން އެ ސީރީޒް ވެގެން ދިޔައީ ވަރަށް ގިނަ ބަޔަކަށް މަޤްބޫލުވި ސީރީޒަކަށެވެ.