ކޮވިޑް-19: ބާރަށުން އިތުރު 9 މީހަކު ފައްސިވެއްޖެ
ހއ. ބާރަށުން އިތުރު 9 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
ބާރަށު ކައުންސިލުން ބުނެފައި ވަނީ ފައްސިވެފައި ވަނީ އިއްޔެ އެރަށުން ނެގި 150 ސާމްޕަލްގެ ތެރެއިން އިތުރު 9 މީހެއްގެ ސާމްޕަލް ކަމަށެެވެ. މިއާއެކު އެ ރަށުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 22 އަށް ވަނީ އަރާފައެވެ.
ބާރަށުން އެންމެ ފުރަތަމަ ފައްސި ކޭސްއެއް ފެނިފައި ވަނީ މާޗް މަހުގެ 1 ވަނަ ދުވަހުއެވެ. އެ ދުވަހު ފައްސި 9 ކޭސް ފެނިފައި ވެއެވެ. އެމީހުން ފައްސިވެފައިވާ ކަން އެނގިފައިވަނީ ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރުމަށް ފަހު ނެގި ސާމްޕަލުންނެވެ.
ފައްސިވެފައިވާ މީހުންގެ ތެރޭގައި 70 އަހަރުގެ ހައި ރިސްކު މީހެއް ވެސް ހިމެނެއެވެ. އެ މީހާ ށ. އަތޮޅު ފުނަދޫގައި ހުންނަ ކޮވިޑް ފެސިލިޓީއަށް ވަނީ ބަދަލު ކޮށްފައެވެ.
ރާއްޖޭގައި ކޮވިޑްގެ ހާލަތު ދުވަހުން ދުވަހަށް އަންނަނީ ގޯސްވަމުންނެވެ. މިއަދު ރާއްޖެއިން އިތުރު 167 މީހުން ފައްސި ވެފައިވެއެވެ. މިއަދު ފައްސިވި މީހުނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 20،447 އަށް އަރާފައެވެ. އަދި މިހާތަނަށް މި ބަލިން ރަނގަޅުވެފައި ވަނީ 17،712 މީހެކެވެ.