ޚަބަރު

10 މީހުން 5 މީހުންނަށް ބަދަލު ވުމުން ކޮވިޑް އަކީ ސަރުކާރުން ގެންގުޅޭ ސިޔާސީ ހަތިޔާރެއްކަން އެނގި ނިމިއްޖެ: މުސްތަފާ

ރައުފާ ރަޝީދު ، ދެން އޮންލައިން

ކޮވިޑާ ގުޅިގެން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުގެ ދަށުން އެއްވެ އުޅެވޭ މީހުންގެ އަދަދު 10 އިން 5 އަށް ބަދަލު ވުމުން ކޮވިޑް އަކީ ސަރުކާރުން ގެންގުޅޭ ސިޔާސީ ހަތިޔާރެއްކަން އެނގި ނިމިއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ. 

މުސްތަފާ މިހެން ވިދާޅުވެފައި ވަނީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓުގައި ސަރުކާރަށް ފާޑު ކިޔާފައިވާއިރު ރާއްޖޭގައި ކޮވިޑް ބަލި ފެތުރުން ގިނަވުމާ ގުޅިގެން މިރޭ ވަނީ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކޮށްފައެވެ.

“10 މީހުން 5 މީހުންނަށް ބަދަލު ވުމުން ކޮވިޑް އަކީ ސަރުކާރުން ގެންގުޅޭ ސިޔާސީ ހަތިޔާރެއްކަން އެނގި ނިމިއްޖެ” މުސްތަފާ ވިދާޅުވިއެވެ. 

ދުވަހެއް ދުވަހަކަށް ކޮވިޑް-19 ޖެހޭ މީހުން އިތުރުވަމުން ދިޔުމާ ގުޅިގެން މިރޭ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރެވުނު އިރު ގެނެވުނު އެއް ބަދަލަކީ މާލޭގެ މަގުމަތީގައި 5 މީހުނަށް ވުރެ ގިނަ މީހުން އެއްވެ އުޅުން މަނާ ކުރުމެވެ. މި ފިޔަަވަޅު އަޅާފައި ވަނީ އެއް ހަފްތާގެ މުއްދަތަށެވެ. މީގެ ކުރިން އެޗްޕީއޭއިން އަންގާފައި އޮތީ 10 މީހުނަށް ވުރެ ގިނަ މީހުން މަގުމަތީގައި އެއްވެ ނޫޅެވޭނެ ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގައި އިއުލާނު ކޮށްފަައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އަނެއްކާ ވެސް ވަނީ އިތުރު ކޮށްފައެވެ. ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ކޮށްފައި ވަނީ މިއަންނަ މަހު 4 އާ ހަމައަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!