ފަސިންޖަރަކު ކޮވިޑް-19އަށް ފައްސިކަން އެނގުނީ ބޯޓު ނައްޓާލަން އުޅެނިކޮށް

އިންޑިއާގެ ވެރިރަށް ނިއު ދިއްލީއިން ފުރަން އުޅުނު މަތިންދާ ބޯޓެއްގެ ފަސިންޖަރަކު ބޯޓު ނައްޓާލަން އުޅެނިކޮށް އޭނާ ކޮވިޑް-19އަށް ފައްސިވެފައިވާ ކަމަށް ބުނެފިއެވެ.
ކެބިން ކުރޫއިންގެ ސަމާލުކަމަށް މި ފިިރިހެން މީހާ އެކަން ގެނެސްފައި ވަނީ ބޯޓު ނައްޓާލަން އެންމެ ފަހުގެ ތައްޔާރީތައް ވަމުން ދަނިކޮށްނެވެ. އިންޑިއާގެ އެއާލައިނެއް ކަމަށްވާ އިންޑިގޯގެ މި ބޯޓަކީ އެގައުމުގެ ނިއު ދިއްލީން ޕޫނޭއަށް ދަތުރު ކުރަން އުޅުނު ބޯޓެކެވެ.
ފަސިންޖަރު ކެބިން ކުރޫއިންގެ ސަމާލުކަމަށް އެކަން ގެނައުމުން ބޯޓު ނައްޓާ ނުލައި މަޑު ކުރިއެވެ. އަދި ހަވީރު 5:30ގައި ފުރަން ތާވަލު ކޮށްފައިވާ މި ބޯޓުން އެމީހާ ބޭރު ކުރުމަށް ފަހު ބޯޓު ނައްޓާލީ 7:30ގައެވެ.
މި ހާދިސާއާ ގުޅިގެން ނިއު ދިއްލީގެ ފުލުހުން ބުނެފައި ވަނީ އެފަދަ ހާދިސާއެއްގެ ރިޕޯޓް ލިބިފައި ނުވާ ކަމަށެވެ. އަދި އިންޑިގޯގެ ފަރާތުން ވެސް އެފަދަ މައުލޫމާތެއް ނުލިބޭ ކަމަށް ވެސް ފުލުހުން ބުނެއެވެ.
އިންޑިގޯ އެއާލައިނުން މިކަމާ ގުޅިގެން ރަސްމީ އެއްވެސް ބަހެއް އަދި ބުނެފައެއް ނުވެއެވެ.