އިނގިރޭސިވިލާތުން ފެނުނު ކޮވިޑްގެ އާވައްތަރު ރާއްޖޭގައި

އިނގިރޭސިވިލާތުން ފެނުން ކޮވިޑްގެ އާވައްތަރު ރާއްޖޭގައި އުޅޭކަމަށް ސިއްޙީ މާހިރުން ވިދާޅުވާކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް (ކެރަފާ ނަސީމް) ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ނަސީމް މިހެން ވިދާޅުވީ ރ. އުނގޫފާރު ރީޖަނަލް ހޮސޕިޓަލުގެ އެކްސްޓެންޝަން އިމާރާތުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ކޮވިޑް-19 އާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.
ޓެގް ޓީމުގެ ބޭފުޅުން ވިދާޅުވާ ގޮތުގައި ރާއްޖެއަށް ކޮވިޑް-19ގެ އެކި ވައްތަރުތައް މިހާރު އައިސްފައި ކަމަށް ވެސް މިނިސްޓަރ ނަސީމް ވިދާޅުވިއެވެ. އަދި، އޭގެ މާނައަކީ ކުރިން ބަލި ޖެހޭ މިންވަރަށްވުރެ މާ އަވަހަށް ދެން ބަލި ފެތުރޭ ކަހަލަ ވައްތަރެއް ރާއްޖެއަށް އައިސްފައިވާ ކަމަށް ވެސް ނަސީމް ވިދާޅުވިއެވެ.
"އިނގިރޭސިވިލާތުގައި އަލަށް ފެތުރޭ ސްޓްރެއިން ވެސް ދިވެހިރާއްޖެއަށް އައިސް ހުރި ކަމަށް އެބަ ވިދާޅުވޭ ވަރަށް ގިނަ ބޭފުޅުން" މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.
ކޮވިޑް-19 އާ ގުޅިގެން ނަފްސާނީ ބަލިތައް ރާއްޖޭގައި ގިނަ ވެއްޖެ ކަމަށާއި އަބަދު އެންމެން ގޭގައި ތިބެން ޖެހުމުން ގޭތެރޭގައި ވެސް ބައެއް ކަހަލަ މައްސަލަ ޖެހޭ ކަމަށްވެސް ހެލްތު މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.