ދިވެހި ސިނަމާ

ދިވެހި ސިނަމާގައި ވިދާލި ތިން ތަރިން، ރޯމަންގެ ޓިކްޓޮކުން ދައްކާލައިފި!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރާއްޖޭގެ ފިލްމީ މަސްރަޙަށް ބަލާލާއިރު، އަރަމުން އަންނަ ތަރި މުޙައްމަދު ވިޝާލް (ރޯމަން) މިއަދު މިވަނީ އެތައް ބަޔަކު އެދެމުންދިޔަ ކަމެއް ފުރިހަމަ ކޮށްދީފައެވެ.

Ads by STELCO

އެތައް ބައެއްގެ މަގުބޫލުކަން ލިބުނު ދިވެހި ސިނަމާގައި މީގެ ކުރިން ފިޔަ ޖަހަމުން ދިޔަ ތިން ތަރިން ކަމުގައިވާ އައިޝަތު ޝިރާނީ، މަރިޔަމް ނިޝާ އަދި ނިއުމާ މުޙައްމަދު އާއެކު ކުޅެފައިވާ ޓިކްޓޮކް ތަކެއް ރޯމަން އާންމު ކުރުމުން، އެންމެންގެ ދޫތަކުގައި ވެސް އެ ވާހަކަ ވަނީ އާންމު ވެފައެވެ.

އެގޮތުން ނިއުމާ އާއި ނިޝާ ވަނީ ރޯމަން އާއެކު އެ ކުރު ވީޑިއޯތަކަށް އެކްޓު ވެސް ކޮށްދީފައެވެ. ނަމަވެސް ޝިރާނީ އާއި ދިމާލަށް ފޯނު އަނބުރާލުމުން އޭނައަށް ކުއްލި ސިހުމެއް ލިބުނުކަން އެވީޑިއޯއިން ހާމަވިއެވެ.

ނިޝާ، ނިއުމާ އަދި ޝިރާނީ އަށް ބަލާލާއިރު، މި ތިން ތަރިންނަކީ ވެސް ބެލުންތެރިންގެ ހޫނު ތަރުޙީބެއް ލިބުނު ތިން ތަރިންނެވެ.

އެގޮތުން ޝިރާނީ ހަރަކާތްތެރިވި "މަ ހޭ ނެތި ދާނޭ" ލަވައިގެ ފަރި ހަރާކާތްތަކަކީ އަދުގެ ޒުވާނުން ވެސް އަދިވެސް ފައިހަމަ ކުރަމުންދާ ލަވައެކެވެ. މިހާރު ފިލްމީ ދާއިރާ ދޫކޮށްލާފައި ޒަވާޖީ ޙަޔާތެއް ފަށައިގެން އުޅެމުންދާ ޝިރާނީ އަކީ އަދިވެސް ގިނަ ބައެއްގެ އެންމެ މަގުބޫލު އެކްޓްރެސް އެކެވެ. އޭނާއަށް އިޙްތިރާމް ކުރާ ފިލްމީތަރިން ވެސް މަދެއް ނޫނެވެ.

ފިލްމީ ދާއިރާއާ ދުރުގައި އުޅުމަށްފަހު މަރިޔަމް ނިޝާ އަނެއްކާވެސް މިދާއިރާއިން ފެނިދާނެ ކަމުގެ ޚަބަރު އޭނާ ވަނީ ވަރަށް ފަހުން ހާމަކޮށްފައެވެ. އެހެންކަމުން އޭނާގެ ސަޕޯޓަރުން ތިބީ އެދުވަހެއްގެ އިންތިޒާރުގައެވެ.

ނިއުމާއަށް ބަލާލާއިރު، އޭނާ އެކްޓު ކުރުމުގެ ދާއިރާއާއި ދުރަށް ދިޔައީ ވަރަށް ފަހުންނެވެ. ނަމަވެސް އެކްޓުކުރުމުގެ ހުނަރު އަދިވެސް ނިއުމާގެ ހުރިކަން، ރޯމަން ގެ ޓިކްޓޮކުން ހާމަވާން ހުއްޓެވެ.

ކުރީގެ ތަރިން މިހާރުގެ ތަރިންނަށް މިފަދައިން އެއްބާރުލުން ދިނުމަކީ، ދިވެހި ފިލްމީ ދާއިރާ ކުރިއަރަން ލިބިގެންދާ ހިތްވަރެއްކަން މި ވީޑިއޯތައް ބެލުމަށްފަހު ގިނަ މީހުން ފާހަގަ ކޮށްފައި ވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!