ޚަބަރު

އާބާދީގެ ނިސްބަތުން މި ސަރަހައްދުގެ ކޮވިޑްގެ ހާލަތު އެންމެ ގޯހީ ރާއްޖޭގައި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން
މިއަދުން ފެށިގެން، އިރުއޮއްސި 6 އިން ހެނދުނު 6 އަށް މާލޭގަާއި އެއްގަމު އުޅަނދުފަހަރު ދުއްވުން ވަނީ މަނާ ކޮށްފަ ދެން އިމޭޖްސް/ އިބްރާހިމް ޝަމްވީލް

އާބާދީގެ ނިސްބަތަށް ބަލާއިރު، ދެކުނު އޭޝިއާ ސަރަހައްދުގައި ކޮވިޑް-19ގެ ހާލަތު އެންމެ ގޯހީ ރާއްޖޭގައި ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

Ads by MWSC

އޮބްޒާވް ރިސާޗު ފައުންޑޭޝަން (އޯއާރުއެފް) ނަމަކަށް ކިޔާ ބައިނަލްއަގްވާމީ ޖަމިއްޔާއަކުން ވަނީ އެކި ސަރަހައްދުތަކުގައި އާބާދީގެ ނިސްބަތުން ކޮވިޑް-19ގެ ހާލަތު ހުރި ގޮތް ހާމަކޮށްފައެވެ.

އެގޮތުން އޯއާއެރްއެފްއިން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، ދެކުނު އޭޝިއާ ގައުމުތަކުގެ ތެރެއިން ހާލަތު އެންމެ ދެރަ ގައުމެއްގެ ގޮތުގައި ފާހަގަ ކޮށްފައި ވަނީ ރާއްޖެއެވެ. އެގޮތުން ރާއްޖެއިން ކޮންމެ އެއް މިލިއަން މީހެއްގެ ނިސްބަތުން 39،594 މީހުން ފައްސި ވެފައިވާއިރު، އެ ނިސްބަތަށް ބަލާއިރު ނިސްބަތުން 117 މީހުން ވަނީ ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާ ވެފައެވެ.

މި ސަރަހައްދުގައި ދެވަނަ އަށް ހާލަތު އެންމެ ގޯހީ ނޭޕާލުގައެވެ. އަދި ހާލަތު އެންމެ ރަނގަޅު ގައުމުގެ ގޮތުގައި ފާހަގަ ކޮށްފައި ވަނީ ބޫޓާންއެވެ. ބޫޓާނުގައި ބަލި ޖެހިފައި ވަނީ ކޮންމެ މިލިއަނަކުން، 1،116 މީހުންނަށެވެ.

ދުނިޔޭގެ ނިސްބަތުން ވެސް އަދި އާބާދީގެ ނިސްބަތުން ވެސް އެންމެ ހާލަތު ގޯސް ގައުމަކަށް މި ދިރާސާއިން ފާހަގަ ކޮށްފައި ވަނީ އެމެރިކާއެވެ. އެގައުމުގައި ކޮންމެ އެއް މިލިއަން ބައެއްގެ ތެރެއިން 90 ހާހަށް ވުރެ ގިނަ މީހުންނަށް ވަނީ ބަލި ޖެހިފައެވެ.

ދުނިޔޭގެ އާބާދީގެ ނިސްބަތުން ހާލަތު ގޯސް ގައުމުތަކުގެ ދެވަނައިގައި ބްރެޒިލް އޮތްއިރު، ތިން ވަނައިގައި އޮތީ އަވަށްޓެރި އިންޑިއާއެވެ.

ރާއްޖޭގައި މިހާތަނަށް 21000 އަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހިފައި ވާއިރު، މިހާރު ފަރުވާ ދެމުން ދަނީ 2،350 މީހުންނަށެވެ. އަދި މިހާތަނަށް 64 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!