ކުޅިވަރު

އުރީދޫ އޭކޭއައި-އެލްއެފް ޔޫތު ޗެމްޕިއަންޝިޕް 2021: ޒުވާން ފުޓުބޯޅަ ކުޅުންތެރިންތަކެއް ތަޢާރަފްވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރައިސިންގް ސްޓާސް ސްޕޯޓްސް އެކެޑަމީއިން އިންތިޒާމު ކޮށްގެން، މިމަހުގެ 5 ގައި ފެށި "އުރީދޫ އޭކޭއައި-އެލްއެފް ޔޫތު ޗެމްޕިއަންޝިޕް 2021" ގެ ސަބަބުން ވަރަށް ހުނަރުވެރި ޒުވާން ފުޓުބޯޅަ ކުޅުންތެރިންތަކެއް އުފެދިއްޖެއެވެ.

Ads by STELCO

ތ.އަތޮޅުގައި ބޭއްވުނު މި ފޯރިގަދަ މުބާރާތުގެ ޓައިޓްލް ސްޕޮންސަރަކީ އުރީދޫ އެވެ.

މިމުބާރާތުގެ ފައިނަލް މިމަހުގެ 13 ވަނަ ދުވަހު ބާއްވާފައިވާއިރު، "ފެޔާ ޕްލޭ ޓީމް އޮފް ދަ ޓޯނަމަންޓަށް" ހޮވުނީ ހިރިލަންދޫ ފުޓުބޯޅަ ޓީމެވެ.

"ފެޔާ ޕްލެޔަރ އޮފް ދަ ޓޯނަމަންޓަށް" ހޮވުނީ ހިރިލަންދޫ ފުޓުބޯޅަ ޓީމުގެ ޖާރޒީ ނަންބަރު 22، މުޙައްމަދު ޝިޔާން އެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކޯޗުގެ މަޤާމު ހޯދާފައިވަނީ ހިރިލަންދޫ ފުޓްބޯޅަ ޓީމުގެ ކޯޗު އަލީ ރަޝީދެވެ.

މީގެއިތުރުން ޓޮޕް ސްކޯރަރ ގެ މަގާމު ހިރިލަންދޫ ފުޓުބޯޅަ ޓީމުގެ މުޙައްމަދު ނިޝާޙް ހޯދާފައިވާއިރު، "މޯސްޓް ޕްރޮމިސިންގ ޕްލެޔާ" ގެ މަގާމު ހާސިލު ކޮށްފައިވަނީ ވިލުފުށި ޓީމުގެ މުޙައްމަދު ޝަހުދާން ސަހުދާދް އެވެ. އަދި އެންމެ މޮޅު ގޯލް ކީޕަރުގެ މަގާމު ލިބިފައިވަނީ ވިލުފުށި ޓީމްގެ އިފްހާމް ބިން އަޙްމަދު އަށެވެ.

އުރީދޫ އޭކޭއައި-އެލްއެފް ޔޫތު ޗެމްޕިއަންޝިޕް 2021 ގެ ޗެމްޕިއަން ޓީމަކަށް ހޮވިފައިވަނީ ހިރިލަންދޫ ފުޓްބޯޅަ ޓީމެވެ.

މި މުބާރާތާއި ބެހޭގޮތުން ރައިސިންގް ސްޓާސް ފޮ ވިލުފުށި ރެކްރިއޭޝަންސުން ބުނީ ތ.އަތޮޅުގައި މިފަދަ މުބާރާތެއް އިންތިޒާމު ކުރި ފުރަތަމަ ކްލަބަށްވުމަކީ، އެމީހުންނަށް ލިބުނު ޝަރަފެއް ކަމަށެވެ.

"ރީޖަން ތެރޭގެ ޒުވާން ފުޓްބޯޅަ ކުޅުންތެރިންނަށް މިފަދަ ފުރުސަތެއް ހުޅުވާލަދެވުމަކީ އަޅުގަނޑުމެންނަށް ލިބުނު އުފަލެއް. މިމުބާރާތް މެދުވެރިކޮށް ޒުވާން ފުޓުބޯޅަ ކުޅުންތެރިންތަކެއްގެ ހުނަރު މުޅި ރާއްޖެއަށް ދައްކާލެވިއްޖެ" ރައިސިންގް ސްޓާސް ފޮ ވިލުފުށި ރެކްރިއޭޝަންސުން ބުންޏެވެ.

މީގެއިތުރުން އެކްލަބުން ބުނީ މިމުބާރާތުގެ ޓައިޓްލް ސްޕޮންސަރަކަށް އުރީދޫ ވުމަކީ ލިބުނު އިތުރު ހިތްވަރަކާއި އުފަލެއް ކަމަށާއި އަންނަ އަހަރުގެ މުބާރާތުގެ ޓައިޓްލް ސްޕޮންސަރަކަށް ވެސް އުރީދޫ ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!