ބަލި ބޮޑު ވަނީ ހަމައެކަނި ކޮވިޑް-19 ވެކްސިން ޖެހުމުގެ ސަބަބަކުން ނޫން: ޑރ. ނަޒްލާ
ކޮވިޑް-19 ވެކްސިން ޖެހުމުގެ ސަބަބުން ސިއްހީ ހާލަތު ގޯސް ވަނީ ހަމައެކަނި ވެކްސިންގެ ސަބަބުން ނޫން ކަމަށާއި އެއީ އެހެން ބައްޔެއްގެ ސަބަބުން ކަމަށް ވެސް ވެދާނެ ކަމުގައި ޓެގް ޓީމްގައި ހިމެނިވަޑައިގަންނަވާ ޑރ. ނަޒްލާ މުސްތަފާ ވިދާޅުވެއްޖެއެވެ.
"ރާއްޖެ ޓީވީ" ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ ވެކްސިންގެ ސަބަބުން، ރާއްޖޭގައި ސިއްހީ ހާލު ދެރަވީ ވަރަށް މަދު ބައެއް ކަމަށާއި ވެކްސިން ޖެހުމަށްފަހު ސިއްހީ ގޮތުން ކުރިމަތިވާ ހުރިހާ މައްސަލައެއް ވެސް މިހާތަނަށް ރިޕޯޓުކުރަމުން އަންނަ ކަމަށެވެ.
ވެކްސިންގެ ރައްކާތެރިކަމަށް އިޝާރާތްކުރައްވައި ނަޒްލާ ވިދާޅުވީ ރާއްޖޭގައި ކޮވިޝީލްޑް ވެކްސިން ޖެހުމުގެ މަސައްކަތް ފަށާފައި ވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ހުއްދައާއެކު ކަމަށެވެ. އަދި ވެކްސިންގެ ރައްކާތެރިކަން ބެލުމަށް ގިނަ ދިރާސާތަކެއް ވެސް ކޮށްފައިވާ ކަމަށާއި ދުނިޔޭގެ ސިއްހަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ)އިން ވެސް މިހާރު ވެކްސިން އަށް ހުއްދަ ދީފައިވާ ކަން ނަޒްލާ ފާހަގަ ކުރެއްވިއެވެ.
ނަޒްލާ އިތުރަށް ވިދާޅުވީ ވެކްސިން ޖެހިޔަސް، އެހެން ބައްޔެއްގެ ސަބަބުން ވެސް ސިއްހީ ހާލަތު ގޯސްވެދާނެ ކަަމަށާއި އެއީ ވެކްސިންގެ ސަބަބުން ވީ ކަމެއް ކަމަށް ނުބެލެވޭނެ ކަމަށެވެ،
"ވެކްސިން ދިނަސް ދެން އެއަންނަ ބަލިންތައް ނުވެސް ހުއްޓުވޭނެ. އޭގެ މާނައަކީ މިވެކްސިން ދެނީ ކޮވިޑުން ސަލާމަތްވާން. އެހެންވީމަ މުޖުތަމައުގައި ހިނގާނެ ދޯ އާއްމުކޮށް ހިނގާ ބަލިތައް. އެހެންވީމަ އެކަމަކުން ސަލާމަތެއް ނުވޭ. ބެކްރައުންޑްގައި އަންނަ ޑޭޓްގައި މިސާލަކަށް ކްލޮޓްސް އުފެދުން ސްޓްރޯކް މިކަހަލަ ކަންތައްތައް ޚާއްސަކޮށް މިވެކްސިން ޖެހުމަށް ޓަރގެޓް ކުރާ ގުރޫޕްތަކަކީ އިތުރު ކަންތައްތައް ދިމާވާނެ ގުރޫޕްތައް." ޑރ. ނަޒްލާ މުސްތަފާ ވިދާޅުވިއެވެ.
ވެކްސިން ދިނުމަށްފަހު ހަށިގަނޑުގައި ދިފާއީ ބާރު އުފެދުމަށް ނުވަތަ އެންޓި ބޮޑީ އުފެދެން ގާތްގަނޑަކަށް ދެހަފްތާ ނަގާ ކަމަށާއި، ބަލި ކޮންޓްރޯލް ކުރުމަށް އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ދޭން ޖެހޭނެ ކަން ވެސް ޑރ. ފާހަގަ ކުރެއްވިއެވެ.