ހަރުކަށި ފިޔަވަޅުތަކާއި ކާފިއު އިތުރު ހަފްތާއަކަށް!

މާލެ ސަރަހައްދުގައި ކޮވިޑް-19 ހަލުވި ކަމާއެކު ފެތުރެމުންދާތީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު އެޅި ފިޔަވަޅުތައް ހަފްތާއަކަށް އިތުރު ކޮށްފިއެވެ.
ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ދެންމެ ނެރުއްވި އެންގުމުގައި ބުނެފައި ވަނީ ފެބްރުއަރީ ހަތަރުވަނަ ދުވަހު އެޅި ފިޔަވަޅުތައް މިއަދުން ފެށިގެން ހަފްތާއެއްގެ މުއްދަތަށް އިތުރު ކޮށްފައިވާ ކަމަށެވެ.
މާލޭ ސަރަހައްދުގައި ފައްސިވާ މީހުން އިތުރުވާން ފެށުމުން އެޗްޕީއޭއިން ރޭގަނޑު 8:30 އިން ފަތިހު 4:30އަށް އެއްގަމު އުޅަނދު ދުއްވުން މަނާ ކުރިއެވެ. އަދި ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް ކާފިއު ހިންގަން ނިންމިއެވެ. ނަމަވެސް އޭގެ ފަހުން ފިޔަވަޅުތައް ހަރުކަށިކޮށް އިރުއޮއްސި ހަޔަކުން ހެނދުނު ހަޔަކަށް ވެހިކަލް ދުއްވުން ވަނީ މަނާ ކޮށްފައެވެ.
މީގެ އިތުރުން ކަސްރަތު ކުރާ މީހުންނާއި އުމުރުން ދުވަސް މީހުންނަށް ފިޔަވައި، ޕާކުތައް ވެސް ވަގުތީ ގޮތުން ބަންދުކުރަން އަންގާފައިވާއިރު، ގިނަ ބަޔަކު އެއްވެގެން ކުރިއަށް ގެންދާ ކުޅިވަރު ހަރަކާތްތަކާއި ޓީމު ކުޅިވަރުތައް ކުޅުން ވެސް ވަނީ މަނާ ކޮށްފައެވެ. ޔުނިވާސިޓީތަކާއި ކޮލެޖުތައް އޮންލައިންކޮށް ކިޔަވައި ދިނުމަށް ވަނީ އަންގައިފައެވެ. އަދި ސްކޫލްތަކުގައި ވެސް ގްރޭޑް 9 އިން ދަށުގެ ކުދިންނަށް ކިޔަވައިދެނީ އޮންލައިން ކޮށެވެ. ހަމަ އެހެންމެ ޕާޓީތަކާއި ހަފްލާތައް އަދި ރަސްމިއްޔާތުތައް ބޭއްވުން ވެސް މަނާ ކޮށްފައިވާއިރު، ފަތުރުވެރިން ފިޔަވައި ރާއްޖެއިން ބޭރުން އަންނަ މީހުން 10 ދުވަހުގެ މުއްދަތަށް ކަރަންޓީނު ކުރުމަށް ވެސް ވަނީ ނިންމާފައެވެ.