ޚަބަރު

ޝައުބާން މަހު އަޅުކަމުގައި ހީވާގި ވުމަކީ ، ރަމަޟާން މަހު އަޅުކަމުގައި މަޝްޣޫލް ވުމަށް ލިބިގެންދާ ތަމްރީނެއް: ހުތުބާ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ރަމަޟާންމަހުގެ ދަރުމައާއި ޘަވާބު ހޯދުމަށް އަހަރެމެން ކުރަން އޮތް މަސައްކަތްތައް ގިނަ ގުނައެވެ. ފުރަތަމަ ކަމަކަށް ހިތް ނިޔަތް ޚާލިޞްކޮށް ތެދުވެރި ތައުބާއަކުން ތައުބާވުން މުހިންމެވެ. އެހެނީ އަހަރެމެންނަކީ އަބަދާއި އަބަދު ފާފައަށް ހުށަހެޅި ފާފަތައް ކުރެވެމުންދާ ބައެކެވެ. އެހެންކަމުން ތައުބާއާއެކު ހެޔޮ ޢަމަލުތައް ކުރުން މަތީ ދެމި ހުންނަން ޖެހެއެވެ. އަޖަލަކީ އެނގިގެން ނުވާ ކަމަކަށް ވީހިނދު ރަމަޟާން މަހާ ބައްދަލުވުމުގެ ނަސީބު ދެއްވާތޯ ތާ އަބަދު ދުޢާ ކުރަން ޖެހެއެވެ.

Ads by STELCO

ރަމަޟާންމަހާ އިސްތިގުބާލް ކުރުމުގެ ދުވަސްތައް އަހަރެމެން ގުނަމުންދާއިރު މިހާރު އަޅުގަނޑުމެންނާ ބައްދަލު ކޮށްފައި މިވަނީ ޝައުބާން މަހެވެ. މިއީ ވެސް ޚާއްޞަ މަހެކެވެ. އަޅުތަކުންގެ ޢަމަލު ﷲގެ ޙަޟްރަތަށް އުފުއްލެވޭ މަހެކެވެ. އެހެންކަމުން ޝަޢުބާން މަހުގައި ރަސޫލުﷲ ޞައްލަﷲ ޢަލަހި ވަސައްލަމް ގިނައިން ރޯދަ ހިއްޕެވިއެވެ. މިއަދުގެ ހުކުރު ހުތުބާގައި އަލިއަޅުވައިލައިފައިވާ މައުޟޫއު އަކީ "ޝައުބާން މަހާއި ހެޔޮ އަމަލު ކުރުން" މިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ވަނީ އަޅުގަނޑުމެން މިހާރު މި ހޭދަ ކުރަމުން ދަނީ ޝައުބާން މަސް ކަމާއި މި މަހަކީ ހާއްސަ މަހެއް ކަން ހަނދާން ކޮށްދެއްވާފައެވެ. އަދި އެއީ ރަމަޟާން މަހަށް މަރުހަބާ ކިޔުމަށް އަންނަ މައްސަރަކަށްވާތީ ކަމަށާއި ޝައުބާން މަހުގެ ހަނދު ފެނުމާއެކު ރޯދައިގެ މާތްކަމާއި، ރޭއަޅުމަކައި، ހެޔޮ އަމަލުތައް ކޮންމެ މުސްލިމެއްގެ ހިތަށް ވެސް ވަދެގެންދާ ކަމަށް ހުތުބާގައި ފާހަގަ ކުރިއެވެ. އަދި ސަަބަބަކީ ޝައުބާން މަހު އަޅުކަމުގައި ހީވާޤި ވުމަކީ، ރަމަޟާން މަހު އަޅުކަމުގައި މަޝްޣޫލް ވުމަށް ލިބޭ ތަމްރީނެއް ކަމުގައި ވާތީ ކަމަށް ވެސް ހުތުބާގައި ބުންޏެވެ.

މީގެ އިތުުރުން ހުތުބާގައި ބުނެފައިވަނ ސިއްހީ ގޮތުންނާއި އުމުރުގެ ގޮތުން، އެކި މީހުންގެ ހާލަތު ތަފާތު ކަމަށެވެ. އެހެންކަމުން އެމީހަކަށް ކުޅަދާނަވީ މިންވަރަކުން ހެޔޮ އަމަލު ކުރުމަށް ހުތުބާގައި ނަސޭހަތްތެރި ވެފައި ވެއެވެ.

"އުމުރުގެ ދުވަސްތަކަށް ނިމުމެއް އަންނާނެކަމީ ކަށަވަރުވެގެންވާ ކަމެކެވެ. އެވަގުތު އަންނާނީ ކިހިނެއް، ކޮންއިރަކު ކަމެއް، ކޮންތާކު ހުއްޓައި ކަމެއް އެއްވެސް މީހަކަށް އެނގިގެން ނުވެއެވެ." ހުތުބާގައި އިތުރަށް ބުނެފައިވެއެވެ.

ހުތުބާގައި އިތުރަށް ބުނެފައިވަނީ "ވެހޭތާ ފެންނަގާށޭ" ބުނާ ފަދައިން ފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފާށޭ އެވެ. އަދި ހެޔޮ އަމަލު ކުރުމުގައި އަވަދިނެތި އުޅެވޭތޯ މަަސައްކަތް ކުރުމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!