ޚަބަރު

ޝަޢުބާން މަހުގެ ފަނަރަ ވިލޭރެއަށް ޚާއްޞަވެގެންވާ ނަމާދެއް، އަދި އެ ދުވަހު ހިފަން އަންގަވާފައިވާ ރޯދައެއް ވެސް ނެތް: ހުތުބާ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ރަމަޟާންމަހާ އިސްތިގުބާލް ކުރުމުގެ ދުވަސްތައް އަޅުގަނޑުމެން ގުނަމުންދާއިރު އަޅުގަނޑުމެންނާ މިހާރު ބައްދަލު ކޮށްފައި މިވަނީ  ޝައުބާން މަހާއެވެ. އެ މަހަކީ ވެސް ޚާއްޞަ މަހެކެވެ.އެއީ އަޅުތަކުންގެ ޢަމަލު ﷲގެ ޙަޟްރަތަށް އުފުއްލެވޭ މަހެކެވެ. އެހެންކަމުން ޝަޢުބާން މަހުގައި ރަސޫލުﷲ ޞައްލަﷲ ޢަލަހި ވަސައްލަމް ގިނައިން ރޯދަ ހިއްޕެވިއެވެ. މިއަދުގެ ހުކުރު ހުތުބާގައި އަލިއަޅުވާލައިފައިވާ މައުޟޫއު އަކީ "ޝައުބާންމަހުގެ ފަނަރަ ވިލޭރޭ އާއި ދުވަސް" މިއެވެ.

Ads by STELCO

ޝަޢުބާން މަހަކީ ލޮބުވެތި ރަސޫލާ ގެ އެހެން މަސްމަހަށް ވުރެ ގިނައިން ރޯދަ ހިއްޕަވާފައިވާ މަހެއް ކަމަށާއި ނަމަވެސް ރަމަޟާން މަސް ނޫން އެހެން މަހެއްގެ ހުރިހާ ދުވަހެއްގައި ރަސޫލާ ރޯދަފުޅެއް ނުހިއްޕަވާ ކަމުގައި ހުތުބާގައި ފާހަގަ ކޮށްފައިވެއެވެ.

"ކީރިތި ރަސޫލާ ޝަޢުބާން މަހުގައި ރޯދަ ހިއްޕަވާލެއް ގިނަކަމުން އުސާމާތު ބުނު ޒައިދުގެފާނު ކީރިތި ރަސޫލާއަށް ސުވާލު ދެންނެވިއެވެ. އެހިނދު އެ ކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. "އެއީ ރަޖަބު މަހާއި ރަމަޟާން މަހާ ދެމެދުގައިވާ މަހެކެވެ. އެއީ މީސްތަކުން އެ މަހާ މެދު ޣާފިލުވާ މަހެކެވެ. އެއީ ޢާލަމްތަކުގެ ވެރި ރަސްކަލާނގެ ޙަޟްރަތަށް ޢަމަލުތައް އުފުއްލެވޭ މަހެވެ. ތިމަން ކަލޭގެފާނު ރޯދަފުޅަށް ހުންނަވަނިކޮށް ތިމަން ކަލޭގެފާނުގެ ޢަމަލުފުޅުތައްﷲގެ ޙަޟްރަތަށް އުފުއްލެވުމަށް ލޯބި ކުރައްވަމެވެ." ހުތުބާގައި އިތުރަށް ފާހަގަ ކޮށްފައިވެއެވެ.

މީގެ އިތުރުން ހުތުބާގައި ބުނެފައިވަނީ ޝަޢުބާންމަހުގެ ފުރަތަމަ ފަނަރަ ފާއިތުވެއްޖެ ނަމަ ސުންނަތް ރޯދަ ހިފުން ހުއްޓައިލުމަށެވެ.  އެކަމަކު އޭނާއަކީ ފާއިތުވި ރަމަޟާންމަހުގެ ރޯދައެއް ޤަޟާ ކުރަން ޖެހިފައިވާ މީހަކު ނަމަ، ނުވަތަ ނަދުރު ރޯދައެއް ހިފަން ޖެހިފައިވާ މީހަކު ނަމަ، ނުވަތަ އާދަކޮށް ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހާއި ބުރާސްފަތި ދުވަހު ރޯދަހިފުމަށް އާދަވެފައިވާ މީހަކު ނަމަ، ނުވަތަ އާދަކޮށް، ދެދުވަހުން އެއް ދުވަހު ރޯދަހިފާ މީހަކު ނަމަ، ޝަޢުބާން މަސް ދެބައިވުމުން ވެސް އެފަދަ ރޯދަ ހިފުން މަނާ ވެގެންނެއް ނުވާ ކަމުގައި ވެސް ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި އިތުރަށް ބުނެފައި ވަނީ ޝަޢުބާން މަހުގެ ފަނަރަ ވިލޭރޭގެ މާތްކަމާ ބެހޭގޮތުން ވާރިދުވެފައިވާ ޙަދީޘްތަކަކީ، އިތުބާރުހުރި ބޮޑެތި ޢިލްމުވެރިން ޤަބޫލު ނުކުރައްވައި، ރައްދު ކުރައްވާފައިވާ ޙަދީޘްތަކެއް ކަމަށެވެ. އަދި  ޝަޢުބާން މަހުގެ ފަނަރަ ވިލޭރެއަށް ޚާއްޞަ ވެގެންވާ ނަމާދެއް، އަދި އެ ދުވަހު ހިފަން އަންގަވާފައިވާ ރޯދައެއް ވެސް ނެތް ކަމަށާއި އެ ދުވަހަށާއި އެ ރެއަށް ޚާއްޞަވެގެންވާ ވަކި ދުޢާއެއް ވެސް ނެތް ކަަމަށް ހުތުބާގައި ބުނެފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!