މައުމޫންގެ އާދޭސް: ވަގުތު ފާއިތުވުމުގެ ކުރިން ފިޔަވަޅުތައް ހަރުކަށިކުރޭ
ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ(އެޗްޕީއޭ) އިން ލުއި ދިނުމާ ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.
ރައީސް މައުމޫން މިއަދު ވިދާޅުވީ ކޮވިޑް-19ގެ ކޭސްތައް މިހާރު އިތުރުވަމުން އަންނަ އައުމަކީ ނުރައްކާތެރި އިންޒާރެއް ކަމަށެވެ.
އަދި ވަގުތު ފާއިތު ނުވަނީސް ފިޔަވަޅުތައް ހަރުކަށި ކުރުމަށް ރައީސް މައުމޫން ވަނީ ކަމާބެހޭ އިދާރާތަކަށް ގޮވާލާފައެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު އިއްޔެ ވަނީ ފައްސިވީ މީހުންގެ އަދަދު ރެކޯޑް އަދަދަކަށް މައްޗަށް ޖެހިފައެވެ. މުޅިއަކު 300 މީހުން ރާއްޖެއިން އިއްޔެ ކޮވިޑް-19 އަށް ފައްސި ވެފައިވާއިރު މާލެއިން ފައްސިވީ 94 މީހުންނެވެ. އަދި މާލެއިން ބޭރުން މުޅިއަކު 206 މީހުން ފައްސި ވެފައިވެއެވެ.
ކޮވިޑް-19 ފެތުރުން ކޮންޓްރޯލު ކުރުމަށް އެޗްޕީއޭއިން އަޅާފައިވާ ބައެއް ފިޔަވަޅުތައް މިހާރު ވަނީ އުވާލައިފައެވެ. އެގޮތުން އިރުއޮއްސި 6:00 އިން ފެށިގެން އަނެއް ދުވަހުގެ ހެނދުނު 6:00 އަށް މާލެ ސަރަޙައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ކުރި އެންގުން މިހާރު ބާތިލު ކޮށް، ރޭގަނޑު 11:00 އިން ފަތިހު 4:30 އަށް މާލެ ސަރަހައްދުގައި ބޭރުގައި އުޅުން މަނާކުރި ކާފިއު ވެސް އެޗްޕީއޭއިން މިހާރު ވަނީ އުވައިލައިފައެވެ. އަދި ޕާކުތަކާއި މައިޒާންތައް ވެސް ވަނީ އަލުން ހުޅުވައި، ސުކޫލުތަކާއި ޔުނިވާސިޓީތައް ހުޅުވުމުގެ ހުއްދަ ވެސް ވަނީ ދީފައެވެ.