ދީން

އިޔާޒްގެ ޤަލަމުން: އޭ އަޚާއެވެ. ގިޔާމަތް ދުވަހުން ތިބާގެ އެއްފަޅި ވާވެފައި އޮތަ ނުދޭށެވެ.

ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަތީފް ، ދެން އޮންލައިން

ކޮންމެ ކަމެއްގައި ވެސް ޢަދުލުވެރިވުމަށް ﷲ ސުބްޙާނަހޫ ވަތަޢާލާ އަމުރު ކުރައްވާފައިވެއެވެ. އަދި އެއްވެސް ކަމެއްގައި އަނިޔާވެރި ނުވުމަށް ވެސް ވަނީ އަމުރު ކުރައްވާފައެވެ. އެ ގޮތުން ހުރިހާ ދަރިންގެ މެދުގައި ޢަދުލުވެރިވާން ޖެހޭނެއެވެ. އަދި އެއް އަނތްބަށްވުރެ ގިނަ އަނބިން ތިބޭނަމަ އެއަނބިންގެ މެދުގައި ވެސް ޢަދުލުވެރިވާން ޖެހޭނެއެވެ. މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާވެގެންވެއެވެ. (مَنْ كَانَتْ لَهُ امْرَأَتَانِ فَمَالَ إِلَى إِحْدَاهُمَا جَاءَ يَوْمَ الْقِيَامَةِ وَشِقُّهُ مَائِلٌ) މާނައަކީ: "އެއް އަނތްބަށް ވުރެ ގިނަ އަނބިން ތިބެ، އެތަނުން އެކެއްގެ ފަރާތަށް ލެނބި ބުރަވެއްޖެނަމަ އެމީހަކު ގިޔާމަތް ދުވަހުން އަންނަ ހުށީ އެއްފަޅި ވާގިނެތިފައިވާ މީހެއްގެ ގޮތުގައެވެ".

Ads by Sosun Fihaara

ހުރިހާ އަނބިންގެ މެދުގައި ކެއުން ބުއިމުންނާއި ރޭކުރުމުން އަދި ދިރިއުޅޭ ތަނުގެ ގޮތުން ޢަދްލުވެރިވާން ޖެހޭނެއެވެ. އަދި މިނޫން ވެސް ކޮންމެ ކަމެއްގައި ޢަދްލުވެރިވާން ޖެހޭނެއެވެ. ސަލަފުއް ޞާލިޙުން މިކަން ކުރެއްވި މަގަކީ މިއީއެވެ. فعن جابر بن زيد قال : كانت لي امرأتان وكنت أعدل بينهما حتى في القبل . ޖާބިރު ބިން ޢަބްދިﷲ- ރަޙިމަހުﷲ- ވިދާޅުވިއެވެ. "ތިމަންނާގެ ދެއަނބިން ތިބިއެވެ. އެއަނބިންގެ މެދުގައި ދޮން ދިނުމުގައި ވެސް ތިމަންނާ ޢަދްލު ވެރިވީމެވެ".

وعن مجاهد قال : كانوا يستحبون أن يعدلوا بين النساء ، حتى في الطيب يتطيب لهذه كما يتطيب لهذه . މުޖާހިދު- ރަޙިމަހުﷲ ވިދާޅުވިއެވެ. "ސަލަފުން އަނބިންގެ މެދުގައި ޢަދްލުވެރިވުމަށް ލޯބި ކުރެއްވިއެވެ. އެގޮތުން ޢަޠަރު ލުމުގައި ވެސް ޢަދުލުވެރިވިއެވެ. ކޮންމެ އަނތްބެއްގެ ގާތަށް ދާންވީމާ ވެސް އެއްވައްތަރެއްގެ ޢަޠަރެއް ލައްވާ ހެއްދެވިއެވެ".

وكان محمد بن سيرين يقول فيمن له امرأتان : يُكره أن يتوضأ في بيت إحداهما دون الأخرى ދެ އަނބިން ތިބޭ މީހުންނާ ބެހޭ ގޮތުން މުޙައްމަދު ބިން ސީރީން- ރަޙިމަހުﷲ- ވިދާޅުވިއެވެ. "ދެއަނބިން ކުރެ އެއް އަނތްބެއްގެ ގެއިން ވުޟޫ ކުރުމަކީ ވެސް މަކްރޫހަ ކަމެކެވެ"، އެބަހީ އެއްގެއިން ވުޟޫ ކޮށްފިނަމަ އަނެއް ގެއިން ވެސް ވުޟޫ ކުރަން ޖެހޭނެއެވެ.

ފަޟީލަތުއް ޝައިޚް އިބްނު ޢުޘައިމީން- ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. " القول الصحيح في العدل بين الزوجات أنه يجب على الزوج أن يعدل بينهن في كل ما يمكنه العدل فيه ، سواءٌ من الهدايا أو النفقات ، بل وحتى الجماع إن قدر : يجب عليه أن يعدل فيه " انتهى . އަނބިންގެ މެދުގައި ހަމަހަމަ ކޮށް ޢަދްލުވެރި ކޮށް ކަންތައް ކުރުމާ ބެހޭ ގޮތުން އެންމެ ރަގަޅު ގޮތަކީ، ފިރިމީހާ ކޮންމެ ކަމެއްގައި ވެސް ހުރިހާ އަނބިންގެ މެދުގައި ހަމަހަމަ ކުރުމެވެ. ހަދިޔާ ދިނުމުގައްޔާއި ނަފަގާ ދިނުމުގައި ވެސް މެއެވެ. އަދި ކިއެއްތަ، ޖިމާއު ވުމުގައިވެސް ހުރިހާ އަނބިންގެ މެދުގައި ހަމަހަމަ ކުރަން ޖެހޭނެއެވެ".
ޝައިޚް ފައުޒާން- ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.

" يجب على الزوج أن يعدل بين زوجاته في الإنفاق والمسكن والكسوة والقسم في المبيت ، كل هذا مما يجب عليه العدل بين الزوجات ، ولا فرق بين غنية وفقيرة، لأن الكل زوجات له واجب عليه أن يعدل بينهما "ރޭކުރުމުގައްޔާއި، ހެނދުން ދިނުމުގައި އަދި ދިރިއުޅޭ ތަން ހަމަ ޖެއްސުމުގައި އަދި ޚަރަދު ކުރުމުގައި އަނބިންގެ މެދުގައި ހަމަހަމަ ކޮށް ކަންތައް ކުރުމަކީ ފިރިމީހާގެ މައްޗަށް ވާޖިބު ވެގެންވާ ކަމެކެވެ. މިކަމުގައި މުއްސަނދި އަނތްބެއް ފަގީރު އަނތްބެއް ތަފާތު ކުރުމެއް ނެތެވެ. ހުރިހާ އަނބިންގެ މެދުގައި ހަމަހަމަ ކޮށް ކަންތައް ކުރުމަކީ ފިރިމީހާގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ.

ދެއަނބިން ދިރިއުޅެނީ ދެރަށެއްގައި ނުވަތަ ދެގައުމެއްގައި ކަމުގައިވީ ނަމަވެސް އެމީހުންގެ މެދުގައި ހަމަހަމަ ކޮށް ކަންތައް ކުރަން ޖެހޭނެއެވެ. އިބްނު ގުދާމާ- ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. "ދެރަށެއްގައި ދެއަނބިން ތިބިމީހާ ގެ މައްޗަށް ވެސް އެމީހުންގެ މެދުގައި ހަމަހަމަ ކުރުން ވާޖިބު ވެގެންވެއެވެ. ސަބަބަކީ ދެމީހުން ދެރަށެއްގައި ބެހެއްޓީ އޭނާގެ އަމިއްލަ ރުހުމުގައެވެ. އޭގެ ސަބަބުން އެކަނބުލޭގެ ގެ ޙައްގު ގެއްލިގެންނެއް ނުދެއެވެ. އެހެން ކަމުން ދުރު ރަށެއްގައި ހުރި އަނބީގެ ގާތުގައި ، ކައިރީގައި ހުންނަ އަނބީގެ ގާތުގައި ވަގުތު ހޭދަ ކުރާ މިންވަރަށް ވަގުތު ހޭދަ ކުރަން ޖެހޭނެއެވެ. ނޫންނަމަ ދެއަނބިން އެއްރަށަކަށް ގެންނަން ޖެހޭނެއެވެ. އެ އަނތްބަކު ފިރިމީހާގެ ރަށަށް އައުމަށް ދެކޮޅު ހަދައިފިނަމަ އެކަނބުލޭގެ ފިރިމީހާ އަށް ނުކިޔަމަތްތެރި ވުމުގެ ސަބަބުން އެކަނބުލޭގެއަށް ލިބިގެންވާ ޙައްގު ކެނޑުނީއެވެ.

އަނބިމީހާ އޭނާގެ އަމިއްލަ ޙާޖަތެއްގައި އެހެން ރަށަކަށް ފުރައިގެން ގޮސްފިނަމަ ނުވަތަ ފިރިމީހާ ބުނި ރަށަކަށް ދިރިއުޅެން ނައިސްފިނަމަ، އެކަނބުލޭގެއަށް ލިބިގެންވާ ރޭކުރުމުގެ ޙައްގުން މަޙްރޫމްވީއެވެ. ސަބަބަކީ އެކަނބުލޭގެއަށް ޙައްގުވާ ރޭގައި ފިރިމީހާއަށް ނިދަން ނުދެވުނީ އެކަނބުލޭގެ ގެ ސަބަބުން ކަމަށްވީތީއެވެ. ނަމަވެސް ފިރިމީހާގެ ބޭނުމެއްގައި ފުރައިގެން ގޮސްފިނަމަ، ނުވަތަ ފިރިމީހާ އަނބިމީހާގެ ގާތަށް އައުމަށް ޢުޛުރުވެރި ވެއްޖެނަމަ ފާއިތުވި ދުވަސްތައް އަލުން ހަމަކޮށްދޭން ޖެހޭނެއެވެ. والله أعلم

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!