ކޮވިޑް-19: ރާއްޖެއިން މިހާރު 24،908 މީހުން ފައްސިވެއްޖެ
ކޮވިޑް-19 އަށް ރާއްޖެއިން މިއަދު އިތުރު 125 މީހުން ފައްސިވެ 127 މީހުން ބަލިން ރަނގަޅު ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ ސާވޭލަންސް ޑޭޓާއަށް ބަލާއިރު މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައިވަނީ މާލެއިން 64 މީހުންނާއި، އަތޮޅުތަކުން 46 މީހުންނާއި، ހިންގަމުން އަންނަ ރިސޯޓުތަކުން 14 މީހެކާއި އިންޑަސްޓްރިއަލް އައިލެންޑަކުން އެކެކެވެ.
މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 24،908 މީހުން ފައްސި ވެފައިވެއެވެ.
ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 21،773 މީހުންނެވެ. އަދި މިހާތަނަށް މިބަލީގައި ރާއްޖެއިން 67 މީހުން ނިޔާވެެފައިވެއެވެ.
ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 90 މީހުންނެވެ.
ކޮވިޑް-19 ފެތުރުން ކޮންޓްރޯލު ކުރުމަށް އެޗްޕީއޭއިން އަޅާފައިވާ ބައެއް ފިޔަވަޅުތައް މިހާރު ވަނީ އުވާލައިފައެވެ. އެގޮތުން އިރުއޮއްސި 6:00 އިން ފެށިގެން އަނެއް ދުވަހުގެ ހެނދުނު 6:00 އަށް މާލެ ސަރަޙައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ކުރި އެންގުން މިހާރު ވަނީ ބާތިލުކޮށްފައެވެ، އަދި ޕާކުތަކާއި މައިޒާންތައް ވެސް އަލުން ވަނީ ހުޅުވައިފައެވެ. މީގެ އިތުރުން ރޭގަނޑު 11:00 އިން ފަތިހު 4:30 އަށް މާލެސަރަޙައްދުގައި ބޭރުގައި އުޅުން މަނާކުރި ކާފިއު ވެސް އެޗްޕީއޭއިން މިހާރު ވަނީ އުވައިލަައިފައެވެ.