"ކީރިތި ކުރައްވަމުން" ރައްޔިތުން އަހާ ސުވާލު: ކަން ތިކުރައްވަނީ ހަމަ ޑަކްޓަރުންގެ ލަފާގެ މަތިން ހެއްޔެވެ؟
މުޅި ޤައުމު ރޮއްވާލި ދުވަހެކެވެ. ކޮވިޑް-19ގެ ބަލީގައި ދިވެއްސަކު މި ދުނިޔެ ދޫކޮށް ދިޔަ ދުވަހެވެ. އެ ދުވަހު ކަރުނަ ނާޅާ ލޮލެއް ނެތެވެ. ޚުދު ރައީސުލް ޖުމްހޫރިއްޔާ ވެސް ލައިވް ޓީވީގައި ކީރިތި ކުރެއްވިއެވެ. ކޮވިޑް-19ގެ ސީރިއަސް ކަމުގެ ވާހަކައާއި ޑަކްޓަރުންގެ ލަފައާ އެއްގޮތަށް ކަންތައް ކުރުމަށް އެ ދުވަހު ކީރިތި ކުރައްވަމުން ރައީސް ވިދާޅުވިއެވެ. ރައީސްގެ ބަސްފުޅުތަކުން އެދުވަހު ވަރަށް ކަމުދިޔަ ވާހަކައެއްގެ އަޑު އިވުނެއެވެ. އެއީ ކޮވިޑް-19ގެ ކަންކަމުގައި އިސް ކުރައްވާނީ ޑަކްޓަރުންގެ ލަފައާ އިރުޝާދު ކަމަށް ވިދާޅުވި ބަސްފުޅެވެ. ނަމަވެސް މިއަދު ރައްޔިތުންގެ އެތައް ސުވާލެއް އެބަ އޮތެވެ. "ކީރިތި ކުރައްވަމުން"ނެއް ނޫނެވެ. ހިތްދަތިކަމާ ވޭނާއެކު ރޮމުންނެވެ. ކަންތައް ތި ކުރައްވަމުން ގެންދަވަނީ ހަމަ ޑަކްޓަރުންގެ އިރުޝާދާ އެއްގޮތަށް ހެއްޔެވެ؟
ކުރެއްދޫ ރިސޯޓުން ފަތުރުވެރިޔަކު ފައްސިވެ، މުޅި މާލެ ޑިސްއިންފެކްޓް ކުރި ހަނދާން އިހަކަށް ދުވަހު ވީކަމެއްހެން އެބަ ހުއްޓެވެ. އެންމެ މީހަކު ފައްސިވުމުން މުޅި މާލެ ލޮކްޑައުންކުރި ހަނދާން ވެސް އެބަހުއްޓެވެ. ނަމަވެސް މިއަދުގެ ހާލަތު ތޯއެވެ. ރިކޯޑް އަދަކަށް މީހުން ފައްސިވުމާއެކު، އެ ހުޅުވާލީ ކޮވިޑް-19ގެ މައި ހަބް މާލެއެވެ. ފިޔަވަޅުތަކަށް ދިނީ އިންތިހާ ލުޔެވެ.
މިކަން ކޮށްފައި ވަނީ ރޯދަ މަހާ ދިމާކޮށް އަނެއްކާވެސް މާލެ ފުރަބަންދަކަށް ގެންދިއުމަށް ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. ކަންވާނީ ވެސް އެހެންތާއެވެ. މިދިޔަ އަހަރު މުޅި ރޯދަމަސް އަހަރެމެން ވޭތުކުރީ މިސްކިތުގެ އެތެރެ ނުފެނިއެވެ. އެމީހަކާ އެމީހެއް ވެގެން ތަރާވީޙް ނަމާދު ކުރި ފުރަތަމަ އަހަރެވެ. ޖަމާޢަތުގައި ނަމާދުކޮށްލުމުގެ ނިޢުމަތް ނުލިބި ބޭކާރުވެގެން ދިޔަ މަހެއް ރައްޔިތުން ތަޖުރިބާ ކުރުމުންނެވެ.
މިއަދު ރާއްޖޭގައި އެޅިގެން މިދާ އަދި ލުއިދެމުން އަންނަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅިގެން މި ދަނީ ޑަކްޓަރުންނާއި ތަޖުރިބާކާރުންގެ ލަފާގެ މަތިންތޯ ގިނަ ބަޔަކު ސުވާލު އުފައްދާ އެތައް ސަބަބެއް އެބައޮތެވެ. ފުރަތަމަ ކަމަކަށް އޮތީ 24 ގަޑިއިރުން އުވާލި ލޯކަލް ކައުންސިލް އިންތިޚާބަށް ހެދި ރަށްރަށަށް ދެވޭ އުސޫލެވެ. ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ސޮއި ކުރައްވާ ގަޒެޓް ކުރެއްވި، ގިނަ ބަޔަކު ސިފަ ކުރާ ގޮތުންނަމަ "އަތޮޅު ތަކަށް ކޮވިޑް-19 ފަތުރާ" އުސޫލު ނެރުއްވީ ހަމަ ޑަކްޓަރުންގެ ލަފާގެ މަތިންތޯ ސުވާލު އުފެދެއެވެ. ކެންޕެއިން ހަރަކާތަށް 5 ދުވަހަށް ދާނަމަ އެމީހަކީ "ކޮވިޑް-19 ފްރީ" މީހަކަށް ވާނެ ކަމަށް ސިއްޙީ މާހިރަކު ޤަބޫލު ކުރާނެ ކަމަށް އަހަރެންނަކަށް ޤަބޫލެއް ނުކުރެއެވެ.
ދެން އޮތީ "އިންޖީނުގެތަކާއި ނަރުދަމާ ހުޅުވާ ކޮވިޑް-19 ފްރީ ކެންޕެއިން"ގެ ވާހަކައެވެ. ލޯކަލް ކައުންސިލް އިންތިޚާބު ބޯވަތިވެފައިވާއިރު، ސަރުކާރުން މިހާރުދަނީ ކޮވިޑް-19 ނުފެތުރޭ ކަމަށް ބަޔަކު ޤަބޫލު ކުރާ ޒާތުގެ ކެންޕެއިނެއް ކުރަމުންނެއެވެ. އެއީ ރަށްރަށުގައި ހިންގަމުން އަންނަ މަޝްރޫޢުތައް އިފްތިތާޙް ކުރުމަށް 5 ދުވަހަށް ރަށްރަަށް ގޮސް ކުރާ ކެންޕެއިނެވެ. ކޮވިޑަކާ ކޮވިޑޭ ބުނެ، ރަށްރަށް އަރާ ކުންފުނިތަކުގެ ވެރިން ކެންޕެއިން ކުރައްވަމުން ގެންދަނީއެވެ. މިހާރުވެސް ރާއްޖޭގެ 20 އަތޮޅުގެ 65 ރަށެއްގައި ކޮވިޑަށް ޕޮޒިޓިވްވެފައިވާ 923 މީހުން އެބަތިއްބެވެ. އިންތިޚާބު ކެންޕެއިނަށް ފަހު މި ނަންބަރު އިންތިހާއަށް އިތުރު ވެގެންދާނެ ކަމަށް ޤަބޫލު ކުރެވެއެވެ.
ސިކުނޑީގެ ކޮށިކަމުން ކަމަށް ވެސް ވެދާނެއެވެ. މިއަދު ނެރެމުންދާ އުސޫލު ހަމަ އެއްގޮތަކަށް ވެސް ސިކުނޑިއަކަށް ނަގައެއް ނުގަނެވެއެވެ. 150 ވަރަކަށް މީހުންނަށް ކޮވިޑް-19 ޖެހުނު އިރު މުޅި މާލެ އޮތީ ފުރަބަންދެއްގައެވެ. ރެސްޓޯރެންޓްތަކުގައި ބޮޑުތަޅު އެޅުވިއެވެ. ކާފިޢު އިޢުލާނުކޮށް ތިބެން ޖެހުނީ ގޭގައެވެ. ކާން ލިބެނީ ފިހާރައަކުން ޑެލިވަރ ކޮށްދިނިއްޔާ ، ކޮށްދިން އިރަކުންނެވެ. އެހެން ނަމަވެސް މިހާރު ދުވާލަކު ފައްސިވާ މީހުންގެ އަދަދު ކުރިން ދެންނެވި ޖުމްލަ އަދަދަށް ވުރެ މަތީގައިވާއިރު، ފެންނަނީ ތަފާތު މަންޒަރެކެވެ. މާލެ ވަނީ ހުޅުވާލާފައެވެ. ރެސްޓޯރެންޓްތައް ފުރިބާރުވެފައެވެ. މައިޒާންތަކުން ވެސް ފަޅުކަން ފިލާފައެވެ. ދަތްދޮޅި ތިރީގައި އޮންނަ މާސްކް ނޫން އިތުރު ކަމެއް ކޮވިޑް-19 އިން ރައްކާތެރިވުމަށް މިއަދު އެޅިފައެއް ނުވެއެވެ. މިފަދަ ކަންކަން ހުރުމާއެކު، އަނެއްކާ ވެސް ސުވާލު ތަކުރާރު ކޮށްލާނަމެވެ. ކަންތައް ތި ކުރައްވަމުން ގެންދަވަނީ ، ހަމަ ޑަކްޓަރުންގެ އިރުޝާދާ އެއްގޮތަށް ހެއްޔެވެ؟
ކީރިތި މަހާރަދުން