ޚަބަރު

ހިޔާ ފްލެޓު ދޫކޮށްލާ ފަންނީ މީހުން އަންގަން އެދިއްޖެ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓުތައް ލިބިފައިވާ މީހުންގެ ތެރެއިން ފަންނީ ކެޓަގަރީގެ މީހުން ބޭނުން ނަމަ ސަރުކާރުން ހިންގާ އެ އަށް ވުރެ ތަނަވަސް ފްލެޓްތަކަށް ބަދަލުވުމަށް އެދުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށް މިނިސްޓްރީ އޮފް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އެ މިނިސްޓްރީން ގެޒެޓު ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވީ ހިޔާ މަޝްރޫޢުގެ ކެޓަގަރީތަކުގެ ތެރެއިން ހިޔާ މަޝްރޫޢުގެ ފަންނީ ކެޓަގަރީގައި ހިމެނޭ ފްލެޓް ލިބޭ ފަރާތްތަކަށް، ހިޔާ މަޝްރޫޢުން ލިބޭ ފްލެޓުގެ ބަދަލުގައި، ސަރުކާރުގެ ކުރިއަށް ހުރި ހައުސިންގ މަޝްރޫޢުތަކުގެ ތެރެއިން މަޝްރޫޢަކުން ފްލެޓް ހޯދުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

މި ފުރުޞަތުގެ ދަށުން ހުރި ހައުސިންގ މަޝްރޫޢުތަކުގެ ފްލެޓުތައް ވެގެންދާނީ، އެ ފްލެޓް ތަކުގެ އަގު ތަނުގެ ފެންވަރާއި އެއްވަރަށް ހިފެހެއްޓިފައިވާ، އަދި ޖާގައިގެ ގޮތުން ތަނަވަސް 03 ކޮޓަރީގެ ފްލެޓްތަކެއް ކަމަށް ވެސް މިނިސްޓްރީގެ އިއުލާނުގައި ވިދާޅުވެފައިވެއެވެ.

ހިޔާ މަޝްރޫއުގެ ފަންނީ ކެޓަގެރީގައި ހިމެނެނީ ޑޮކްޓަރުންނާއި ނަރުހުންނާއި ޓީޗަރުންނަށް ޚާއްޞަ ކެޓަގެރީއާއި، އަދި ސިވިލް ސަރވިސް ފްލެޓުގެ ފަންނީ ކެޓަގަރީއެވެ.

ކެޓަގަރީތަކުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ހިޔާ މަޝްރޫއުގެ ފްލެޓް ދޫކޮށްލަން އެދޭ ފަރާތްތަކުން މިއަދުން ފެށިގެން މި މަހުގެ ނިޔަލަށް މިނިސްޓްރީގައި އެދެވޭނެއެވެ.

އެގޮތުން ސިޓީ، އީމެއިލް އަދި ވަޓްސްއެޕް، އެސްއެމްއެސް މެދުވެރިކޮށް ފްލެޓު ދޫކޮށްލާކަން މިނިސްޓްރީ އަށް އެންގޭނެއެވެ. އަދި މިނިސްޓްރީ އަށް އީމެއިލް ކުނާނަމަ މެއިލް ފޮނުވާނީ [email protected] ނުވަތަ [email protected] ނުވަތަ [email protected] އަށެވެ.

ސިޓީ ފޮނުވާ ނަމަ ސިޓީ އުރައިގެ ބޭރުގައި "ހިޔާ މަޝްރޫއުގެ ފަންނީ ކެޓަގަރީގައި ހިމެނޭ H4ޑޮކްޓަރުންނާއި ނަރުހުން، H5ޓީޗަރުންނަށް ޚާއްޞަ އަދި ސިވިލް ސަރވިސް ފްލެޓުގެ ފަންނީ ކެޓަގަރީ ފްލެޓް ލިބޭ ފަރާތްތަކަށް ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއުއަކުން އެދި" މިހެން ލިޔެފައި އޮންނަން ވާނެ ކަމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!