ކެނަޑާއާއި ޑަބްލިއުއެޗްއޯއިން ރާއްޖޭގެ ސިއްހީ ނިޒާމަށް އެއް މިލިއަން ޑޮލަރުގެ އެހީއެއް

ރާއްޖެއިން ކޮވިޑް-19 އާ ދެކޮޅަށް ކުރަމުން ދާ މަސައްކަތްތަކަށް އެހީތެރިވެ ދިނުމުގެ ގޮތުންނާއި، ރައްކާތެރި ގޮތެއްގައި މެޑިކަލް ވޭސްޓް ނައްތާލުމުގެ މަސައްކަތް ހަރުދަނާ ކުރުމަށްޓަކައި ކެނެޑާ ސަރުކާރާއި ޑަބްލިޔުއެޗްއޯ ގުޅިގެން ރާއްޖެއަށް 1.35 ކެނޭޑިއަން ޑޮލަރުގެ އެހީ ފޯރުކޮށް ދީފިއެވެ.
މި އެހީ ރާއްޖެއަށް ދީފައި ވަނީ ކެނެޑާ ސަރުކާރާއި ޑަބްލިއުއެޗްއޯ ގުޅިގެން ރާއްޖޭގައި ގާއިމުކުރާ "ޑިސްއިންފެކްޝަން އޮފް މެޑިކަލް ވޭސްޓް" މަޝްރޫއު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
މިކަމަށް ޓަކައި މިއަދު ހެލްތު މިނިސްޓްރީން އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ހެލްތުގެ އިސް ބޭފުޅުންނާއި، ސްރީލަންކާގައި ހުންނަ ކެނެޑާގެ ހައިކޮމިޝަނަރުގެ އިތުރުން ޑަބްލިއުއެޗްއޯގެ ރާއްޖޭގެ އޮފީހުގެ އެކްޓިން ރެޕްރެޒެންޓެޓިވް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި މަޝްރޫއުގެ ދަށުން އަތޮޅުތަކުގައި ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުގައި 'މެޑިކަލް ވޭސްޓް މެނޭޖްމަންޓް' މަރުހަލާތައް ހަރުދަނާ ކުރުމަށް 40 އޮޓޯކްލޭވް ހޯދުމަށް ނިންމައި މިހައިތަނަށް މި ހިދުމަތް ގާއިމު ކޮށްފައިވާ އަތޮޅުތަކުގެ އިތުރުން، 10 އަތޮޅެއްގައި 'މެޑިކަލް ވޭސްޓް މެނޭޖްމަންޓް' ގެ ހިދުމަތްތައް ގާއިމު ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ޑަބްލިޔުއެޗްއޯގެ އެހީތެރިކަމާއެކު ރާއްޖޭގައި ނޭޝަނަލް ހެލްތު ކެއާ ވޭސްޓް މެނޭޖްމަންޓް ޕޮލިސީ އަދި ސްޓްރެޓެޖީ އެކުލަވާލައި، ހެލްތު ކެއާ ވޭސްޓް ނައްތާލުމުގެ ޕައިލެޓް ޕްރޮޖެކްޓެއް ލާމު އަތޮޅުގައި ވަނީ މީގެ ކުރިން ވަރަށް ކާމިޔާބު ކަމާއެކު ކުރިއަށް ގެންގޮސްފައެވެ.