ކޮވިޑް-19: ރާއްޖެއިން ފައްސިވީ މީހުންގެ ޖުމްލަ އަދަދު 25،000ން މައްޗަށް އަރައިފި

ކޮވިޑް-19 އަށް ރާއްޖެއިން މިއަދު އިތުރު 145 މީހުން ފައްސިވެ 125 މީހުން ބަލިން ރަނގަޅު ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ ސާވޭލަންސް ޑޭޓާއަށް ބަލާއިރު މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައިވަނީ މާލެއިން 85 މީހުންނާއި، އަތޮޅުތަކުން 39 މީހުންނާއި، ހިންގަމުން އަންނަ ރިސޯޓުތަކުން 19 މީހަކާއި އިންޑަސްޓްރިއަލް އައިލެންޑަކުން ދެ މީހެކެވެ.
މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 25،053 މީހުން ފައްސި ވެފައިވެއެވެ.
ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 21،898 މީހުންނެވެ. އަދި މިހާތަނަށް މިބަލީގައި ރާއްޖެއިން 67 މީހުން ނިޔާވެެފައިވެއެވެ.
ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 73 މީހުންނެވެ.
ކޮވިޑް-19 ފެތުރުން ކޮންޓްރޯލު ކުރުމަށް އެޗްޕީއޭއިން އަޅާފައިވާ ބައެއް ފިޔަވަޅުތައް މިހާރު ވަނީ އުވާލައިފައެވެ. އެގޮތުން އިރުއޮއްސި 6:00 އިން ފެށިގެން އަނެއް ދުވަހުގެ ހެނދުނު 6:00 އަށް މާލެ ސަރަޙައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ކުރި އެންގުން މިހާރު ވަނީ ބާތިލު ކޮށްފައެވެ. އަދި ޕާކުތަކާއި މައިޒާންތައް ވެސް ވަނީ އަލުން ހުޅުވައިފައެވެ. މީގެ އިތުރުން ރޭގަނޑު 11:00 އިން ފަތިހު 4:30 އަށް މާލެސަރަޙައްދުގައި ބޭރުގައި އުޅުން މަނާކުރި ކާފިއު ވެސް އެޗްޕީއޭއިން މިހާރު ވަނީ އުވާލައިފައެވެ.