ރިޕޯޓް

ރޯދައަށް މުދާ ގަންނަން މީހުންތައް އެކި ކޮޅުކޮޅަށް ދުވަނީ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

"ދެ ބަސްތާ ފިޔާ، ދެ ފޮށި އަލަނާސި ދީބަލަ" ބާޒާރު މަތީގައި ހުރި ފިހާރައެއްގެ ސޭޓު ގާތުގައި އަހަރެން ބުނީމެވެ. ރޯދައަށް ރަށުގައި ދިރިއުޅޭ އާއިލާގެ މީހުންނަށް މުދާ ފޮނުވަން ބަނދަރުމައްޗަށް އަހަންނަށް މި އާދެވުނީ އެންމެ ބާރުބޮޑު ވަގުތުގައި ބާވައޭ ހިތަށް އެރިއެވެ. ނެގި އެއްޗިއްސަށް ފައިސާ ދެއްކުމަށްފަހު އެކުގައި ދިޔަ އެކުވެރިއަކާއެކު މާފަރު ބޯޓު ކައިރިއަށް ގޮސްފީމެވެ.

Ads by STELCO

އަސްތާ! ކަމަކު ދާކަށް ނެތެވެ. ބޯޓު ކުރިމަތީގައި އޮތީ ބޮޑު ތިން ލޮރީއެވެ. ނޯތު ހާބަރުގައި އޮތް އެއްވެސް އުޅަނދަކަށް ކޮޅަކުން ކޮޅަކަށް ޖެހި ވެސް ނުލެވެއެވެ. މިތަނަކީ އަބަދުވެސް ބާރުބޮޑު ތަނަކަށް ވިޔަސް މިހާ ބާރުބޮޑު ކޮށް އޮންނަނީ މަދު ފަހަރަކުއެވެ.

ބޯޓު ކައިރިއަށް ގޮސް ގެނައި އެއްޗެހި ބަހައްޓަންވީ ކޮންތާކުތޯ އެތާހުރި ބިދޭސީ މީހެއްގެ ގާތުގައި އެހީމެވެ. ބުނީ އެތަނުގައި ބާއްވައިފައި އޮތް ފަތިގަނޑުގެ ބިއްދޮށުގައި ބޯޓާވީ ފަޅިއަށް ބޭއްވުމަށެވެ. ސަހަރޯއޭ ހިތަށް އެރިއެވެ. އެތަނުގައި ޖާގައެއް ނެތުމުންނެވެ. ކޮންމެ ވެސް ގޮތަކުން އެތަނުގައި އެއްޗެހި ބަހައްޓާފައި އައިއިރު އެ އެއްޗެހި ބެހެއްޓުނު ގޮތާމެދު ހިތްހަމަ ނުޖެހިގެން އެތާ ހުރި ބިދޭސީ މީހާ ހަޅޭ ލެވިއެވެ. ނަމަވެސް ކުރާނެ ކަމެއް ނެތެވެ. ފަތިގަނޑަށްވުރެ މަގާ ވީ ފަޅީގައި ބަހައްޓައިފި ނަމަ ބޯޓަކަށް އަރުވައެއް ނުދެއެވެ. އެހެންވީމާ ދެން އޮތް ގޮތަށް ކަންތައް ކުރީއެވެ.

ބޯޓަށް އެއްޗެހި އަރުވާފައި އަންނަމުން އެކި ކޮޅު ކޮޅަށް ނަޒަރު ހިންގާލީމެވެ. އަދި އެހެން ދަމުން ބޯޓެއްގެ ކައިރީގައި ހުރި ބޭބެއެއްގެ ގާތުގައި ތިޔަ އަރުވަނީ ހާދަ އެއްޗިއްސެކޭ ސަމާސާ ފާޑަކަށް ބުނީމެވެ. އެއީ ށަވިޔަނި އަތޮޅު ބޯޓެކެވެ. އެ ބޭބެ ބުނީ ރޯދައަށް ގެންދަން ޖެހޭ ހުރިހާ އެއްޗެއް މި ދަތުރުގައި ގެންދަން ޖެހޭނެ ކަމަށެވެ. ސަބަބަކީ ދެން ބޯޓުތައް މާލެއަށް އަންނާނީ 10 ރޯދަ ނުވަތަ 15 ރޯދަ ފަހުން ކަމަށް ވާތީއެވެ.

ނޯތު ހާބަރު ބޭރު ތޮށިން މަގާ ދިމާއަށް ހިނގަމުން ދިޔައިރު ފެންނަ ހުރިހާ ބޯޓެއް ވެސް ވަނީ މުދާ އަރުވާ ބަރާ ކުރެވިފައެވެ. ކިރިޔާ އަޑިއަށް ނުގޮސް އޮތް ފަދައެވެ. ފިހާރަތައް ކައިރީގައި ވެސް އަދި ދަތުރުވެރިންގެ މާރުކޭޓުގައި ވެސް މީހުން ތޮއްޖެހިފައެވެ.

ކޮވިޑަކީ ބައްޔެއް ކަމެއް، ގައިން ގަޔަށް އަރާ އެއްޗެއް ކަމެއް ހަނދާން ހުރި ބަޔަކު އުޅޭހެން ހިޔެއް ނުވެއެވެ. މިހެން މި ބުނީ ގައިދުރުކަމެއް ނެތީމައެވެ. ގިނަ ފަހަރަށް މާސްކު އެޅިޔަސް އަޅާފައި ހުންނަނީ ދަތްދޮޅީގައެވެ.

ގިނަ ފަހަރަށް ކޮންމެ ބަޔަކު ވެސް ކަންކަން ކުރަން އުޅެނީ ވަގުތު ޖެހެން ވަރަށް ކައިިރި ވުމުންނެވެ. ދިވެހީން ބުނާ ގޮތަށް ނަމަ "ފޫކޮޅުގައި ރޯވީމަ" އެވެ. އެހެން ނޫނަސް ރޯދަ މަހަށް ދިވެހީން ތައްޔާރުވާ ވަރަށް ތައްޔާރުވާ ބަޔަކު އުޅޭ ހެންނެއް އަހަންނަކަށް ހިޔެއް ނުވެއެވެ. ކޮންމެ ރޯދައަކަށް ތެލި ތައްޓާއި، ގޭގެ ކުލަ އާއި، ފަރުނީޗަރު ބަދަލު ކުރަން ޖެހެއެވެ.

އެހެން ނަމަވެސް ހަގީގަތުގައި ބަދަލުކުރަން ވީ އަހަރެމެންގެ އުޅުމެވެ. ރޯދައަށް ކާބޯތަކެއްޗާއި ހިފާ ގެންގުޅޭ ތަކެތި ރައްކާ ކުރާ ފަދައިން އީމާންތެރިކަން ވެސް އިތުރުކޮށް އަހަރެމެންގެ ނަފްސުތަކުގައި ރައްކާ ކުރަން ޖެހެއެވެ. ކުރިއަށް އޮތީ ނަގައިލެވެން ނެތް ރަނުގެ ފުރުސަތެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!