ކޮވިޑާ ގުޅޭ ސިޔާސަތު ވެސް އޮތީ އިންތިޚާބަށް ނުފޫޒު ފޯރުވާ ގޮތަށް ، ޝަރީފް ހުއްޓާ އިންސާފުވެރިއެއް ނުވާނެ: މޮސްޓާ
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަކީ އިންސާފުވެރި އިންތިޚާބަކަށް ވާނެ ކަމަށް ބުއްދި ހަމަޖެހޭ އެކަކު ވެސް ގަބޫލު ނުކުރާނެ ކަމަށާއި އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަޤާމުގައި އަޙުމަދު ޝަރީފް ހުއްޓައި ، އިންތިޚާބު އިންސާފުވެރި ނުވާނެ ކަމަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ.
"ދެން"އަށް ދެއްވި އިންޓަވިއުއެއްގައި މޮސްޓާ ވިދާޅުވީ މި އިންތިޚާބުގައި ކެމްޕެއިން ކުރުމުގެ ފުރުސަތު ކެނޑިޑޭޓުންނަށް ހަމަހަމައަށް ލިބިދީފައި ނުވާ ކަމަށާއި ކޮވިޑާ ގުޅިގެން ކަނޑައެޅި ސިޔާސަތުތަކުގައި ވެސް އިންތިޚާބަށް ނުފޫޒު ފޯރުވައިފައިވާ ކަމަށެވެ.
"އިދިކޮޅަކަށް ނެތް ކެމްޕޭން ކުރުމުގެ ފުރުސަތެއް ، މިސާލަކަށް އައްޑޫއަށް ބަލާއިރު ލަތީފްބެ (ޕީޕީއެމް ކެނޑިޑޭޓް) ކެމްޕެއިނަށް ގޮސް ހުންނަން ޖެހެނީ ގޭގައި ކަރަންޓީނުގައި ، އަލީ ނިޒާރުގެ ކެމްޕޭނަށް މާލެއިން ދާ ޓީމުތައް ކެމްޕެއިން ކުރެވޭ އަލީ ނިޒާރާއެކު ޚާއްޞަ ހުއްދައިގެ ދަށުން ، ދެން ކިހިނެއް އިންތިޚާބު މިނިވަން ވާނީ، އިންސާފުވެރި ވާނީ " މޮސްޓާ ސުވާލު ކުރެއްވިއެވެ.
މޮސްޓާ ވަނީ ، ކޮވިޑުން ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އެކި ފަހަރު އެކަށައެޅި އެކި ސިޔާސަތު ތަކަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން މޮސްޓާ އެކަން ސިފަ ކުރެއްވީ ގޭމެއްގެ ގޮތުގައެވެ.
"ކޮވިޑަކީ ވެސް ވަކި ބަޔަކަށް ވީމަ ވަރަށް ނުރައްކާތެރި އެއްޗެއް ، އަނެއް ބަޔަކަށް ހަމަ އެއްވެސް އެއްޗެއް ނޫން ގޮތުގައި ، ޑްރާމާއެއް ގޮތަށް ފެންނަނީ ، ފުރަތަމަ ދިވެހިރާއްޖެއިން އެންމެ މީހަކު ކޮވިޑަށް ފައްސިވީމަ މުޅި ރާއްޖެ ބަންދު ކޮށްފައި 300 މީހުން ފެނުނީމާ އެއްކޮށް މި ހުޅުވާލީ ، އިންތިޚާބަށް ނުފޫޒު ފޯރުވަން" މޮސްޓާ ވިދާޅުވިއެވެ.
މޮސްޓާ ފަދައިން އާންމުންގެ ގިނަ ބަޔަކާއި އިދިކޮޅު ކޯލިޝަނުން ވެސް ދަނީ އެޗްޕީއޭގެ ގައިޑްލައިންތަކާއި އިލެކްޝަންސް ކޮމިޝަންގެ ބައެއް ނިންމުންތަކާ ގުޅިގެން އިންތިޚާބަށް އެކި ފަރާތްތަކުން ނުފޫޒު ފޯރުވާކަމުގެ ތުހުމަތު ކޮށްފައެވެ.
މޮސްޓާ! ޝަރީފަކީ ތިޔަބޭފުޅުން ގެނައިމީހެކޭ. މަދުން ލާރިދިނީމަ ތިޔަ ބޭފުޅުންގެ ބާރުގެ ދަށުން ނެއްޓުނީ.