ޚަބަރު

ރައީސް ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ އެމްޑީޕީން މަޖިލީހަށް ވައްދަން މާ ލަސްވެއްޖެ: މޮސްޓާ

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ އެމްޑީޕީގެ ފަރާތުން މަޖިލީހަށް ހުށަހަޅަން މާ ލަސް ވެއްޖެކަމަށް ރައްޔިތުންގެ މަޖިލީހުގެ ހދ. ނޮޅިވަރަމްފަރު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ސަންގުޓީވީގެ ” ހަބަރަށް ފަހު” ޕްރޮގުރާމުގައި ވާހަކަފުޅު ދައްކަވަމުން މޮސްޓާ ވިދާޅުވީ އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އެބޭފުޅާއަށް ރައީސް ނަޝީދަށް އިތުބާރު ނުކުރެއްވޭކަމަށާއި އެކަމުގެ ވާހަކަ އޭރުއްސުރެވެސް މަޖިލީހުގައިވެސް ދައްކަވަމުން ގެންދެވިކަމަށެވެ.

އެހެންނަމަވެސް ރައީސް ނަޝީދު އެމްޑީޕީގައި ހުންނެވިއިރު އެބޭފުޅާ މަޖިލިސް ހިންގަވަނީ ޚުދުމުޚުތާރުކޮށް ކަމެއް އެމްޑީޕީގެ މެންބަރުންނަށް އޭރު އެނގިވަޑައިނުގެންނެވި ކަމަށާއި ނަމަވެސް މިއަދު އެކަން އެބޭފުޅުން ޤަބޫލުކުރައްވާ ކަމަށް މޮސްޓާ ވިދާޅުވިއެވެ.

"އޭރަކު އެޕްޑީޕީ މީހުންނަކަށްވެސް ރައީސް ނަޝީދު ވެފަ އެ އުޞޫލުން ދިޔައިރަކު ނުވޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސައްކަތްކުރެއްވި ޚުދުމުޚުތާރުކޮށް ކަމަކަށް.... މިސާލަކަށް އަޅުގަނޑުމެން ވާހަކަދައްކަ ދައްކާ ހުންނައިރު އެބަ ހުއްޓުވާލާ ބޭނުންވީމަ. ހުއްޓުވާލާފަ ފުރުޞަތު ގެއްލުވާލާފަ މިގޮތްގޮތަށް ކަންތައް ކުރި، އޭރު އަޅުގަނޑު އެކަނި ވަކާލާތުކުރަން ޖެހުނީ" މޮސްޓާ ވިދާޅުވިއެވެ.

އަދި އެދުވަހު އެބޭފުޅާ އެކަނި ދެއްކެވި ވާހަކަފުޅުތައް މިއަދު އެމްޑީޕީގެ 55 މެންބަރުން ދައްކަވަން ޖެހޭނީ ކޮންމެވެސް ކަމެއް ވެގެންކަމަށާއި ނަމަވެސް އެންމެ ކުރީއްސުރެވެސް މަޖިލީހުގެ ހާލަތު އޮތީ އެފަދަ ގޮތަކަށްކަމަށް މޮސްޓާ ފާހަގަކުރެއްވިއެވެ.

"އެދުވަހު އަޅުގަނޑު ދެއްކި ވާހަކަތައް މިއަދު އެމްޑީޕީ 55 މެންބަރުން ދައްކާ ހިސާބަށް ދާނީ ކޮންމެވެސް ކަމެއް ވީމަ ދޯ. އެހެންވީމަ އެކަންތައްތައް އޭރުން ފެށިގެންވެސް ދިޔައީ މިހެން... ދެން ހަޤީޤަތަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީންވެސް ވައްދަން މާ ލަސްވެސް ވެއްޖެ" މޮސްޓާ ވިދާޅުވިއެވެ.

ހަމައެއާއެކު އެމްޑީޕީން ރައީސް ނަޝީދުގެ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހަޅަން ލަސްވެސްވެއްޖެކަން ފާހަގަކުރައްވަމުން މޮސްޓާ ވިދާޅުވީ ރައީސް ނަޝީދަކީ ޑިމޮކްރަސީގެ ރީތި މިސާލު ދައްކަވާ ބޭފުޅެއްކަމަށް ވިދާޅުވިނަމަވެސް އެމަނިކުފާނަށް އެކަން ނުކުރެއްވޭކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ ރައީސް ބުނަނީ ތިމަންނައަކީ ޑިމޮކްރަސީގެ ރީތި މިސާލު ދައްކާ މީހެކޭ ދުނިޔޭގެ ހުޅަނގު ޤައުމުތަކުންނޭ ތިމަންނަ ޑިމޮކްރަސީ މި ގެންނަނީ. އޭގެއިން ގެންނަ ޑިމޮކްރަސީގައި އެމީހުން ބުނާގޮތުން ވެއްޖިއްޔާ އެވަރުގެ އަޤުލަބިއްޔަތަކާއި އެއްކޮށް 56 މެންބަރުން 55 މެންބަރުން ސޮއިކުރީމަ އެ 50 މެންބަރުންގެ ޙައްޤުޤައިވެސް އެބަޖެހޭ އިސްތިއުފާ ދޭން" މޮސްޓާ ވިދާޅުވިއެވެ.

ނަމަވެސް، ދުނިޔޭގެ އެހެން ތަންތަނުގައި ތުޙުމަތެއް ކުރެވުނަސް މީހުން އިންތިއުފާ ދެއްވާކަމަށާއި އެ ރީތި އާދަ މިތަނުން ނުފެންނަކަމަށް މޮސްޓާ ވިދާޅުވިއެވެ.

"މިތާ ހަމަ ތިމާ ގަދަވެފަ މިގޮތަށް ހަމަ ހުންނަން ގިނަ މީހުން ބޭނުންވަނީ.... އެކަމަކު އެ އުޞޫލެއް ނެތޭ އެއްކަލަ ޑިމޮކްރަސީގެ ބައްޕަ މަންޑޭލާމެންގެ ނެތޭ މިކަމެއް" މޮސްޓާ ވިދާޅުވިއެވެ.

އިސްތިއުފާ ދިނުމުގެ ރީތި އާދަ ނެތްކަމަށާއި ރައީސް ނަޝީދުވެސް ބޭނުންފުޅުވަނީ "ޓައިޓަލް" ކަމަށް މޮސްޓާ ވިދާޅުވިއެވެ. އަދި މަޖިލީހުގެ މަސައްކަތްތައް ހުއްޓުވާފައިވާކަން ފާހަގަކުރައްވަމުން މޮސްޓާ ވިދާޅުވީ މުހިންމު އެތައް ބިލުތަކެއްގެ މަސައްކަތްތަކާއި އެހެނިހެން މަސައްކަތްތައްވެސް މަޖިލީހުގައި ހުރި އިރު އެކަންކަން ނުކޮށް މަޖިލިސް ހުއްޓުވައިގެން ރައީސް ނަޝީދު އުޅުއްވިކަމަށެވެ. އަދި އެހުރިހާ ކަމެއްވެސް އެމަނިކުފާނު ކުރައްވަނީ "ޓައިޓަލް" ގެ ބޭނުމުގައި ކަމަށްވެސް މޮސްޓާ ފާހަގަކުރެއްވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!