ކޮވިޑް-19: ރާއްޖެއިން ފައްސިވީ މީހުންގެ ޖުމްލަ އަދަދު 26،200އާ ގާތްކޮށްފި
ރާއްޖެއިން ކޮވިޑް-19އަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު 26،200އާ ގާތްކޮށްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ ސާވޭލަންސް ޑޭޓާއަށް ބަލާއިރު މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައިވަނީ މާލެއިން 84 މީހުންނާއި، އަތޮޅުތަކުން 44 މީހުންނާއި، ހިންގަމުން އަންނަ ރިސޯޓުތަކުން 06 މީހަކާއި އިންޑަސްޓްރިއަލް އައިލެންޑުން ހަތަރު މީހެކެވެ.
މި އަދަދުތަކަށް ބަލާއިރު މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 25،191 މީހުން ފައްސި ވެފައިވެއެވެ.
ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 22،014 މީހުންނެވެ. އަދި މިހާތަނަށް މިބަލީގައި ރާއްޖެއިން 67 މީހުން ނިޔާވެެފައިވެއެވެ.
ނިމިދިޔަ 24 ގަޑިއިރު ތެރޭގައި ރާއްޖެއިން ކޮވިޑަށް ޓެސްޓުކުރަން ނަގައިފައިވަނީ 4،034 ސާމްޕަލެވެ.
ކޮވިޑް-19 ފެތުރުން ކޮންޓްރޯލު ކުރުމަށް އެޗްޕީއޭއިން އަޅާފައިވާ ބައެއް ފިޔަވަޅުތައް މިހާރު ވަނީ އުވާލައިފައެވެ. އެގޮތުން އިރުއޮއްސި 6:00 އިން ފެށިގެން އަނެއް ދުވަހުގެ ހެނދުނު 6:00 އަށް މާލެ ސަރަޙައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ކުރި އެންގުން މިހާރު ވަނީ ބާތިލުކޮށްފައެވެ. އަދި ޕާކުތަކާއި މައިޒާންތައް ވެސް ވަނީ އަލުން ހުޅުވައިފައެވެ. މީގެއިތުރުން ރޭގަނޑު 11:00 އިން ފަތިހު 4:30 އަށް މާލެސަރަޙައްދުގައި ބޭރުގައި އުޅުން މަނާކުރި ކާފިއު ވެސް އެޗްޕީއޭއިން މިހާރު ވަނީ އުވާލައިފައެވެ.