މިއީ މިއަޅާގެ ޙާލެވެ.
ބުނެދޭން ނޭނގެނީއެވެ. ހިތައް ތަސައްލީއެއް ގެންނަން ކިތަންމެހާ ވެސް ބޭނުން ވިޔަސް އެކަން ކުރާނީ ކިހިނެއް ކަމެއް ޚުދު އަހަރެންނަށް ވެސް ނޭނގެނީއެވެ. ފަހަރުގައި އަހަރެން މި ޙާލަތުގައި ހުންނަން ބޭނުން ވަނީއެއް ވެސް ނޫނެވެ. އެހެން ނަމަވެސް ބުނެދޭން ނޭނގެނީއެވެ.
ބުނެދޭން ނޭނގުމަކީ ޖަވާބެއް ނޫން ކަން ވެސް އެނގެއެވެ. އެހެން ނަމަވެސް އެއީ އަހަރެންގެ ޙާލަތެވެ. ދުވަހަކަށް ފަހު ދުވަހެއް ޙަޔާތުން ގެއްލިގެން ދާއިރު، މިކަމަށް ގެންނާނެ ދާއިމީ ހައްލެއް އަހަރެން މި ދަނީ ވިސްނަމުންނެވެ. މިކަމުގައި އަހަރެން ބޭނުން ވަނީ ތެރަޕިސްޓެއް ނުވަތަ ޑޮކްޓަރެއްގެ ލަފާއެއް ވެސް ނޫނެވެ. އަދި އެމީހުންގެ އެހީތެރިކަމެއް ވެސް ނޫނެވެ.
އަހަރެން ބޭނުންވަނީ ތިބާގެ އެއްބާރުލުމާއި ތިބާގެ އެހީތެރިކަމެވެ. ވާގޮތް ކިޔައި ނުދެނީިސް އެހީވެދޭނީ ކިހިނަކުންހޭ ތިބާ ބުނާނެކަން ވެސް އެނގެއެވެ. އެހެން ނަމަވެސް މިއީ އަޅުގެ ޙާލެވެ. މިކަމުގައި އަހަރެން ވެސް ބޭނުންވަނީ އަހަރެންނަށް ވާގޮތެއް އެނގޭށެވެ.
ބައެއް ފަހަރު ހީވާ ކަހަލައެވެ. ކުދިކުދި ކަންކަމާ ވިސްނަން ނުޖެހޭ ވަރަށް ވިސްނެނީއެވެ. ނުވަތަ ހުރިހާ ކަމަކާ ވެސް މާބޮޑަށް ވިސްނެނީއެވެ. މާޒީގައި ކުރިމަތިލާން ޖެހުނު ކަންތައްތަކާ ދޭތެރޭ މިއަދު ބިރު ގަންނަނީއެވެ. އެހެން ނަމަވެސް މާޒީއާ ދޭތެރޭ ވިސްނުމަކީ ބޭކާރު ކަމެއް ކަން އަހަރެންނަށް ވިސްނައިދިނުމަށް ތިބާ އެތައް މަސައްކަތެއްކުރެއެވެ. އެހެ ންނަމަވެސް ވިސްނުން އެހުރިހާ ކަމެއްގެ ތެރެއަށް ބަދަލުވެގެން ދަނީ ޚުދު އަހަރެންގެ އިޚުތިޔާރެއް އޮވެގެންނެއް ވެސް ނޫނެވެ.
އަހަރެންގެ މި ވިޔާނުދާ އާދަ ކެނޑުވުމަށް އަހަރެން ކުރަމުންދާ މަސައްކަތް ދެނެވޮޑިގެން ވަނީ މާތް ރަސްކަލާނގެއެވެ. އަދި އަހަރެންގެ ޙާލާމެދުގައި އަހަރެން ކަރުނަ އަޅަަ ރޯ ވަރު ވެސް އެކަލާނގެ ދެނެވޮޑިގެން ވެއެވެ. އަހަރެންގެ ސަބަބުން ތިބާގެ ދުވަސް ޚަރާބުވާކަށް އަހަރެން ނޭދެމުއެވެ. އަދި އެފަދަ ގޮތަކަށް ކަންތައް ދިމާވާނަމަ ތިބާގެ އަރިހުން އަހަރެން ނިހާޔަތަށް މަޢާފަށް އެދެމެވެ. ނަމަވެސް މިއީ މި އަޅާގެ ޙާލެވެ.