ދީން

ތަރާވީޙު ނަމާދު އިމާމު މީހާއާ އެކު ނިމެންދެން ކޮށްފި މީހާ، މުޅި ރޭ އަޅުކަންކުރި މީހެއްގެ ގޮތުގައި ލިޔުއްވޭނެ: ހުތުބާ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ބަރަކާތްތެރި ރަމަޟާން މަސް އަޅުގަނޑުމެންނާ ބައްދަލު ކުރުމަށް ކުރިއަށް އޮތީ ދެތިން ދުވަހެވެ. މިއަދު އަޅުގަނޑުމެން އަމިއްލަ ނަފްސާ ކޮށްލަންވީ ސުވާލަކީ އަޅުގަނޑުމެން މި މައްސަރަށް ތައްޔާރު ވީ ކިހާވަރަކަށް ތޯއެވެ. އަޅުގަނޑުމެން ރަމަޟާން މަހަށް އިސްތިގުބާލު ކުރުމަށް ކުރީ ކީއްތޯއެވެ. މިއަދުގެ ހުކުރު ހުތުބާގައި އަލިއަޅުވައިލައިފައިވާ މައުޟޫއު އަކީ "ރަމަޟާން މަހަށް މަރުހަބާ ކިޔުން" މިއެވެ.

Ads by STELCO

އަޅުގަނޑުމެން މުސްލިމުންނަށް ކުރިމަތިވަމުން މި އަންނަނީ ބަރަކާތްތެރި ރަމަޟާންމަހުގެ ދުވަސްތައް ކަަމަށާއި އެއީ ހެޔޮކަމުން ފުރިގެންވާ ދުވަސްތަކެއް ކަމުގައި ހުތުބާގައި ހަނދާން ކޮށްދިނެވެ. އަދި މިއީ ތަޤުވާވެރިކަން އިތުރުކޮށް، ކުރެވިފައިވާ ކުށްފާފަތަކުން ތައުބާވުމުގެ ދުވަސްތަކެއް ކަމަށާއި އެހެން މީހުންނަށް ހެޔޮކޮށް ހިތައި އިޙްސާންތެރި ވުމުގެ ދުވަސްތަކެއް ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ. ބަރަކާތްތެރި ރަމަޟާންމަހަކީ މާތް ﷲ އަޅުގަނޑުމެން މުސްލިމުންނަށް ދަރުމަ ކުރައްވައިފައިވާ ވަރަށް ޚާއްޞަ މައްސަރެއް ކަމަށާއި ކީރިތިޤުރުއާން ބާވައިލައްވައި، އެއްހާސް މައްސަރުގެ އަޅުކަމަށް ވުރެ، ހެޔޮކަން ބޮޑުވެގެންވާ ރެއެއް ކަމުގައިވާ ލައިލަތުލްޤަދުރި ވިލޭރޭ އެ މަހުގައި ލެއްވި ކަމަށް ވެސް ބަޔާން ކޮށްފައިވެއެވެ.

އެއީ ކެތްތެރިކަމުގެ މައްސަރު ކަމަށާއި ކެތްތެރިކަމުގެ ޖަޒާއާއި ސަވާބަކީ ސުވަރުގެ ކަމަށް ވެސް ބުނެފައިވެއެވެ. އަދި އެއީ ހަމްދަރުދީއާއި އެހީތެރިކަމުގެ މައްސަރު ކަމަށާއި އަދި އެ މަހުގައި މުއުމިނުންގެ ރިޒުޤު އިތުރުކުރައްވާ ކަމަށް ޚުތުބާގައި ބުނެފައި ވެއެވެ. އަދި ރޯދަވެރިޔަކަށް ރޯދަ ވީއްލާނެ ކާއެއްޗެއް ނުވަތަ ބޯނެ އެއްޗެއް ދީފި މީހާގެ ފާފަ ފުއްސަވާ ކަމުގައި ވެސް ފާހަގަ ކޮށްފައިވެއެވެ. އަދި އެ މީހާ ނަރަކައިން މިންޖު ކޮށްދެއްވާ ކަމަށާއި ރޯދަވެރިޔާއަށް ލިބޭ ރޯދައިގެ ސަވާބާއި އެއްވަރަށް އެ މީހާއަށް ވެސް ސަވާބު ލިބޭނެ ކަމަށާއި އެއީ ރޯދަވެރިޔާއަށް ވެސް އުނިކުރުމަކާ ނުލައި ކަމުގައި ހުތުބާގައި ބަޔާން ކުރިއެވެ.

ރޯދައަކީ އެތައް ކަމަކުން ރޯދަވެރިޔާ ރައްކާތެރިކޮށްދޭ އަޅުކަމެއް ކަމަށާއި ޑޮކްޓަރުންނާއި ޞިއްޙީ މާހިރުން ވިދާޅުވަނީ އިންސާނާގެ ހަށިގަނޑުގެ ސެލްތައް މަރާމާތުވުމާއި، ތަފާތު ބަލިތަކާއި، ވައިރަސްތަކާއި، ބެކްޓީރިއާތައް ނައްތާލުމަށް އޮތް އެންމެ ކާމިޔާބު ވަސީލަތަކީ ރޯދަހިފުން ކަމުގައި ހުތުބާގައި ފާހަގަ ކުރިއެވެ. އެހެންކަމުން މި މައްސަރުގެ ފުރިހަމަ ދަރުމަ ލިބިގަނެ، އަޅުކަމުގައި ގިނަ ވަގުތު ހޭދަކުރެވޭނެ ގޮތަށް، ކަންތައްތައް ރާވަން ޖެހޭ ކަމަށާއި އާދައިގެ ގޮތުގައި ކުރަމުންދާ ބައެއް ކަންތައް ފަހަތަށް ޖައްސައިލަން ޖެހޭ ކަމުގައި ބުނެފައިވެއެވެ.

"ހަމަ މި ބީދައިން މި ބަރަކާތްތެރި ރަމަޟާން މަހުގެ ސަވާބު ފުރިހަމަގޮތުގައި ހޯދުމަށްޓަކައި ތައްޔާރީތަކެއް ވާން އެބަޖެހެއެވެ. ރަމަޟާން މަހަކީ ކީރިތި ޤުރްއާނުގެ މައްސަރެވެ. ކީރިތި ޤުރްއާން ބާވައި ލެއްވުނީ މި
ބަރަކާތްތެރި މައްސަރުގައެވެ. އެހެންކަމުން މި މައްސަރުގައި ކީރިތި ޤުރްއާނަށް ޚާއްޞަ
ސަމާލުކަމެއް ދީ، ކީރިތި ޤުރްއާން ކިޔެވުމުގައި ވަގުތު ހޭދަ ކުރަން ޖެހެއެވެ. އަދި ތަރާވީޙު ނަމާދާއި ރޭ އަޅުކަން ކުރުމަށް ވެސް ސަމާލުކަން ދޭން ޖެހެއެވެ. ތަރާވީޙު ނަމާދު އިމާމު މީހާއާ އެކު ނިމެންދެން ކޮށްފި މީހާ، މުޅި ރޭ އަޅުކަންކުރި މީހެއްގެ ގޮތުގައި ލިޔުއްވޭ ހުށްޓެވެ. " ހުތުބާގައި ބަޔާން ކޮށްފައިވެއެވެ.

ބަރަކާތްތެރި ރަމަޟާން މަސް ބޯމަތީގައި އޮއްވާ އަޅުގަނޑުމެން ބަލަންވީ ތަށި ސެޓާއި ފަރުނީޗަރު ބަދަލު ކުރެވޭތޯއެއް ނޫނެވެ. އަމިއްލަ އުޅުން އިސްލާހުކޮށް ރަމަޟާން މަހުގެ ހެޔޮކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ހޯދުމަށް މަސައްކަތް ކުރުމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!