ފުޓްބޯޅަ ކޮމެންޓޭޓަރ އަދި ނޫސްވެރިޔާ ސާއިދަށް އެހީއެއްގެ ގޮތުގައި ފުޓުބޯޅަ އާއިލާއިން ތިން ލައްކަ ރުފިޔާ
ޕީއެސްއެމްގެ ޒުވާން ނޫސްވެރިޔާ އަދި މަޝްހޫރު ކޮމެންޓޭޓަރ ސާއިދު އަހުމަދަށް ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފަރާތުން އެހީއެއްގެ ގޮތުގައި ތިން ލައްކަ ރުފިޔާ ހަދިޔާ ކޮށްފިއެވެ.
ފުޓްބޯލް އެސޯސިއޭޝަނުން ކޮށްފައިވާ ފޭސްބުކު ޕޯސްޓެއްގައި ބުނެފައި ވަނީ، އޭނާއަކީ ފުޓުބޯޅަ އާއިލާގެ މުހިންމު މެންބަރެއް ކަމަށާއި، ޒިންމާދާރު ބައްޕައެއްގެ އިތުރުން އޭނާއަކީ އިޚުލާސްތެރި ޚިދުމަތްތެރިއެއް ކަމަށެވެ. އަދި ހިތްވަރު ގަދަ ނަމޫނާ ޒުވާނެއް ކަމުގައި ވެސް އެ ޕޯސްޓުގައި ބަޔާން ކޮށްފައި ވެއެވެ.
މީގެ އިތުރުން އޭނާއަކީ ދިރިއުޅުމުގެ ގިނަ ވަގުތުތަކެއް ފުޓްބޯޅައަށް ޓަކައި ހުސްކޮށްގެން ހުރި ބޭފުޅެއް ނަމަވެސް މިއަދު ހާލަތު ބަދަލުވެއްޖެ ކަމަށާއި، އޭނާ މިއަދު އާދޭސް ކުރަމުން ދަނީ ދިރިހުރުމަށް އޭނާއަށް މިހާރު އެންމެ ބޮޑަށް ބޭނުންވާ ކިޑްނީ ޓްރާންސްޕްލާންޓު ކުރުމަށް ބޭނުންވާ ދީލަތި އެހީއަށް ކަމުގައި ވެސް އެ ޕޯސްޓުގައި ބުނެފައި ވެއެވެ.
އެފްއޭއެމްއިން ކުރި މި ޕޯސްޓުގައި އިތުރަށް ބުނެފައި ވަނީ، ފުޓުބޯޅަ އާއިލާއަށް ކުރިމަތިވާ މިފަދަ ކެކުޅުންތަކަށް އެހީތެރިވެ ދިނުމަކީ އެފްއޭއެމާއި އެފްއޭއެމް ފައުންޑޭޝަނުގެ އެންމެ ބޮޑު އަމާޒު ކަމަށެވެ.
ޕީއެސްއެމްގެ ކުޅިވަރުގެ ޚަބަރުތައް ގެނެސްދޭ މި ކުޅަދާނަ ނޫސްވެރިޔާ ސާއިދު އަޙުމަދު ގެ ޙަޔާތް ބަނަކޮށްލީ 2018 ވަނަ އަހަރު، އޭނާގެ ސިއްޙަތާ ބެހޭގޮތުން ލިބުނު ހިތްދަތި ޚަބަރުންނެވެ. ސާއިދުގެ ދެ ކިޑްނީ ފެއިލް ވެފައިވާކަމަށް ޑޮކްޓަރުން އެންމެ ފުރަތަމަ ބުނި ދުވަހުން ފެށިގެން، އޭނާ ގެންދަނީ އެކަމާ ހަނގުރާމަ ކުރަމުން، އެކަމަށް ފަރުވާ ކުރެވިދާނެ ގޮތެއް ފެނޭތޯ މަސައްކަތް ކުރަމުންނެވެ. މިއަދު ސާއިދުގެ އެ އުއްމީދުތަކުގައި ކުލަޖެހިގެން ދާކަން ހާމަވެގެން ދިޔައީ އެފްއޭއެމްގެ ފަރާތުން ވެދިން ދީލަތި އެހީތެރިކަމުގެ ސަބަބުންނެވެ.