ބައެއް ކަންކަމަކީ ތިމާ ނުރުހުނަސް އަޅާނުލާ ހުންނަން ޖެހޭ ކަންކަމެވެ.
ދިރިއުޅުމުގައި އެކި ކަންކަން ދިމާވާނެއެވެ. ދުނިޔެ އެނބުރޭނީ ތޮށަލި ދުޅައަށޭ ބުނާ ވާހަކައަކީ އަޅުގަނޑުމެން ވަރަށް ގިނައިން އަޑު އަހާ ވާހަކައެކެވެ. އެހެން ނަމަވެސް އެ ބުނުމުގައި ފޮރުވިފައިިވާ ހިކުމަތް އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކަށް އޮންނަނީ އޮޅިފައެވެ.
އެކުވެރިކަމުގައި ވެސް ނުވަތަ އާއިލާގައި ވެސް ތިމާ ހިތް އެދޭ ފަދަ ގޮތަކަށް ހުރިހާ ކަމެއް ނުހިނގާނެއެވެ. އެފަދަ ކަންކަން ތިމާ ޖެހޭނީ ގަބޫލު ކުރާށެވެ. ކިތަންމެ ހިތަށް ތަދު ވިޔަސް އަދި ކެތް ކުރަން އުނދަގޫ ވިޔަސް އެފަދަ ކަންކަމުގައި އެންމެ ރަނގަޅު ވާނީ ތިމާގެ ބަހެއް ނުބުނެ ހަނު ހުރުމެވެ. އެއީ މަސްލަހަތާއި އަނެކާއާ ތިމާއާ ދެމެދު އުފެދިފައިވާ ގުޅުމަށް ޓަކައެވެ.
އެހެން ނަމަވެސް އެކަމުގެ ސަބަބުން ތިމާގެ ނަފްސާނީ ހާލަތަށް އެއްވެސް ވަރަކަށް އަސަރު ކުރާނަމަ ލަސްނުކޮށް އަނެކާއާ އެވާހަކަ ހިއްސާ ކުރަން ވާނެއެވެ. އެހެނީ އެ ހުރިހާ ގުޅުމަކަށް ވުރެ ވެސް ތިމާއަށް އެންމެ މުހިންމު ވާން ޖެހޭނީ ތިމާގެ އަމިއްލަ ނަފްސެވެ. އަނެކާ ތިމާއާ ދޭތެރޭ ނުވިސްނާ ވަރަށް ތިމާ އަނެކާއާ ދޭތެރޭ ވިސްނުމަކީ ކޮސްކަމެކެވެ. އެއީ ފޫނެތް ފަޔަށް ފެން ފުރުން ފަދަ ބޭކާރު ކަމެކެވެ.
އެންމެންނަށް ހެޔޮ ވެގެން މި ދުނިޔޭގައި ހާސިލުވާނޭ އެއްވެސް އެއްޗެއް ނެތެވެ. އެހެންކަމުން ދަސްކުރަންވީ ކަމަކީ މިނެދޭ ނާޅިއަކުން އަނެކާއާ މެދު މިނުމެވެ. އަނެކާއަށް ތިމާ މުހިންމު ވާ ވަރަށް ތިމާއަށް ވެސް އަނެކާ މުހިންމު ވުމެވެ. މަތިން ބައިން ގޮސް އަނެކާއާ މާ ގާތް ވުމަކީ ފަހުން އެކަމުގެ ހިތާމަ މުޅި އުމުރަށް ވެސް ތިމާ ކުރަން ޖެހިދާނެ ކަމެއް ކަން ދަންނާށެވެ. އެއީ ދުނިޔޭގެ އުސޫލެވެ.