މުނިފޫހިފިލުވުން

އަލީ ސްޕާރީ ކިޔައިދިނީ ވޯޓުލާ ދުވަހުގެ މޫސުން ކުރިއަަށް ލަފާ ކުރާ ގޮތް

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

އަލީ ސްޕާރީ ނުވަތަ ހުޝާމްއަކީ އެހެން މީހުން ހެއްވާލުމުގެ ހުނަރުވެރިކަން ލިބިފައިވާ ހުނަރުވެރި މޮޅު އަދި އެހާމެ ކުޅަދާން ކޮމީޑިއަންއެކެވެ. އެގޮތުން ކޮންމެ އަހަރަކު ވެސް އޭނާ ގެނެސްދޭ ޕްރޮގުރާމެއް ކަމަށްވާ އަހަމާ ބަހަމާ ޕްރޮގުރާމަކީ ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ މަޖާ ޕްރޮގުރާމެކެވެ. މިއަހަރު ވެސް އަހަމާ ބަހަމާ ޕްރޮގުރާމު ކުރިއަށް ގެންދަން ވަނީ ހަމަޖެހިފައެވެ.

އަލީ ސްޕާރީ މިއަދު ކިޔައިދިނީ ވޯޓުލާ ދުވަހުގެ މޫސުން ކުރިއަށް ލަފާ ކުރާ ގޮތުގެ ވާހަކައެވެ.

އެގޮތުން މިއަދު އޭނާ ފޭސްބުކަށް ލައިފައިވާ ވީޑިއޯގައި ބުނެފައި ވަނީ، ވޯޓުލާން ކިއު ޖެހުމާއެކު ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ވޯޓުލުން ކުރިއަށް ދާނެ ކަމަށާއި، ދޭތެރެ ދޭތެރެއިން ގަދަ ޒުވާބު ކުރުމާއި، ކިއު ފަޅައިލައި ވޯޓުލާން އުޅޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އޭނާ އިތުރަށް ބުނެފައި ވަނީ، ރާއްޖޭގެ އެކި ހިސާބުތަކަށް އާދަޔާ ޚިލާފަށް ވޯޓުލުމުގެ ފޯރި ގަދަވުމާއެކު ޒުވާބު ކުރުން ގިނަވާނެ ކަމަށާއި، ބައެއް އާއިލާތަކަށް ވޯޓުގެ އުދަ އެރުން އެކަށީގެން ވާ ކަމަށެވެ. އަދި ފޭސްބުކަށް ގިނަ އަދަދެއްގެ ވޯޓުލީ ނިޝާން އަރާނެ ކަމުގައި ވެސް އޭނާ ފާހަގަ ކުރިއެވެ.

މިފަދަ ކަންކަމުން ރައްކާތެރި ވުމުގެ ގޮތުން، ބްލަޑް ޕްރެޝާ ބެލުމާއި، ފާގަ ދިޔަ ބުއިމުގެ އިތުރުން ހަޖަމް ކުރަން ދަތި ފަރާތްތައް "ހަޖަމޯލާ" ބޭސް ކެއުމަށް އަލީ ސްޕާރީ ވަނީ އިލްތިމާސް ކޮށްފައެވެ.

މިއަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓުލުން ކުރިއަށް ދާ ދުވަސް ކަމުން ހަމަ ނުޖެހުމާއި ރުޅިވެރިކަމުގެ މާހައުލެއް އެކި ކަންކޮޅުތަކުގައި ވަނީ އުފެދިފައެވެ. އެހެން ނަމަވެސް މިއަދު ވެސް އަލީ ސްޕާރީ ވަނީ އޭނާގެ ހުނަރުން އެތައް ބައެއްގެ މޫނުމައްޗަށް ހިނިތުންވުން ގެނުވައިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!