އަތޮޅުތަކަށް ދަތުރު ކުރެވުނުނަމަ މި ރާއްޖެއަކުން އެމްޑީޕީއަށް އެންމެ ގޮނޑިއެއް ވެސް ނުލިބޭނެ: އަދުރޭ
އަތޮޅުތަކަށް ދަތުރު ކުރެވުނު ނަމަ މި ރާއްޖެއަކުން އެމްޑީޕީއަށް އެންމެ ގޮނޑިއެއް ވެސް ނުލިބޭނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ފަރާތުން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވައި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އެބޭފުޅުންނަށް މިނިވަންކަން މަތީ ކެމްޕެއިން ކުރުމުގެ ފުރުސަތެއް ނުލިބޭ ކަމަށެވެ. އަދި މިނިވަން، އިންސާފްވެރި އިންތިހާބެއް ބޭއްވޭނެ ފުރުސަތެއް ނުލިބޭ ކަމަށެވެ.
މީގެ އިތުރުން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އެމްޑީޕީގެ މަޖިލިސް މެންބަރުންނާއި އެމްޑީޕީގެ އެ ނޫން ބޭފުޅުން އަތޮޅުތަކަށް ވަޑައިގެން ކެމްޕެއިން ކުރި ކަމަށެވެ. އަދި އަތޮޅުތަކަށް ގޮސް ކެންޕެއިން ކުރަން ފުރުސަތު ލިބުނު ނަމަ ޕީޕީއެމުން ހުރިހާ އަތޮޅެއްގެ ގޮނޑި ނަގާނެ ކަމަށެވެ.
“އަޅުގަނޑުމެންނަކަށް އެ ފުރުސަތެއް ނުލިބޭ. އަޅުގަނޑުމެން މި ދަންނަވަނީ އެއީ ގަސްތުގައި ރާވައިގެން ކުރި ކަމެކޭ. އަތޮޅުތަކަށް ގޮސް ކެންޕެއިން ކުރަން ފުރުސަތު ލިބުނު ނަމަ މި ރާއްޖޭގެ އެއްވެސް އަތޮޅެއް އެމްޑީޕީ އަކަށް ނުލިބޭނެ. އެކަން އެއޮތީ މާލެ އިން ދައްކާފައި”އަބްދުއްރަޙީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމްގެ ޓިކެޓްގައި މާލެއިން ވާދަކުރި ހުރިހާ ކެނޑިޑޭޓުން އިންތިހާބުވި ކަމަށެވެ. އަދި ދަޢުލަތުން ޕީޕީއެމްއަށް ދޭން ޖެހޭ ފައިސާ އަދިވެސް ނުދީ ހިފަހައްޓާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.