ލައިފްސްޓައިލް

ފިރިއެއްގެ ފަރާތުން އަނބިމީހާ ބޭނުންވާ ކަމަކީ ކޮބާ؟

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ކައިވެނީގެ ގުޅުމަކީ މަތިވެރިވެގެން ވާ ގުޅުމެކެވެ. މި ގުޅުން ހަރުދަނާކޮށް، ދެމެހެއްޓުމަށް ދެމަފިރިން އެކަކު އަނެކަކުގެ އިހްސާސްތައް ދެނެގަނެ އެކަންކަމަށް އިހްތިރާމް ކުރަންވާނެއެވެ.

Ads by STELCO

ޝައްކެއް ނެތް ގޮތުގައި ފިރިއެއްގެ ފަރާތުން އަތްބަކު ބޭނުންވާނެ އެންމެ އަސާސީ ކަމަކީ ހިފެހެއްޓުމެއް އަދި ހުއްޓުމެއް ނެތް އަޅާލުމާއި ލޯތްބެވެ. ފިރިމީހާގެ އަބަދުގެ ވެސް ''ނަމްބަރ ވަން'' އަކީ އަނބިމީހާކަން އޭނާއަށް އިހްސާސްވުމެވެ. ހަމައެހެންމެ ފިރިމީހާގެ ވިސްނުމުގައި އަބަދުވެސް ވަނީ އަނބިމީހާކަން އަދި އަބަދުގެ އަބަދަށް އަނބިމީހާދެކެ ލޯބިވާނެ ކަމުގެ އިހްސާސާއި ޔަގީންކަމަކީ އަނބިމީހާ ނިހާޔަތަށް އެދޭނެ ކަންކަމެވެ.

ފިރިން ވިސްނާށެވެ. އޭނާ މިހާރު އަހަރެން ދެކެ ލޯބިވޭތަ؟ އަހަންނާ މެދު ވިސްނާތަ؟ މިހާރުވެސް އޭނަގެ ''ނަމްބަރ ވަން'' އަކީ އަހަރެންތަ؟ މިއީ ހަމަ އަބަދުވެސް އަނބިންނަށް އުފެދޭނެ ސުވާލުތަކެވެ. މިކަންކަމުގެ ޔަގީންކަމަކީ އަނބިމީހާ އަބަދުވެސް ބޭނުންވާނެ ކަންކަމެވެ. ހަމައެހެންމެ ފިރިހެނުންނާއި ޚިލާފަށް އަނބިން ނުވަތަ އަންހެނުންނަށް އެމީހުންގެ ހަށިގަނޑާއި ރީތި ކަމަކީ ވަރަށް މުހިންމު ކަމެކެވެ. ''މިހާރުވެސް އޭނައަށް އަހަރެން ރީތިވާނެތަ، އަހަންނަށް ހިތް ކިޔާނެތަ؟'' ހަށިގަނޑަށް އަންނަ ބަދަލަކާއެކު ނުވަތަ ދަރިއަކު ލިބުމަށްފަހު ނުވަތަ ކައިވެންޏަށް އަހަރުތަކެއްވުމަށްފަހު ވެސް މި ސުވާލުތަކަކީ އަންހެނުން އެމީހުންގެ އަމިއްލަ ނަފްސުތަކާމެދު ކުރާނެ ސުވާލުތަކެކެވެ. ވުމާއެކު އަނބިމީހާ އަބަދުވެސް ރީތިކަން ،އޭނާދެކެ ލޯބިވާކަން، އަޅާލާކަން އަމަލާއި ބަހުން ޔަގީން ކޮށްދިނުމަކީ ފިރިން ކުރަން ޖެހޭނެކަމެކެވެ. މިކަން ކުރާނީ ކިހިނަކުން ހެއްޔެވެ؟

ލޯބިވާކަން ބުނެދިނުން

''އައި ލަވް ޔޫ'' މި ބަހަކީ ކައިވެނީގެ ކުރީކޮޅުގައި ދެމަފިރިންގެ ފަރާތުންވެސް ވަރަށް އާއްމު ބަހަކަށް ވެއެވެ. ނަމަވެސް ކައިވެންޏަށް ދުވަސްވަމުންދާ ވަރަކަށް ފިރިންގެ ފަރާތުން މިބަސް އިވޭލެއް މަދުވިޔަސް އަނބިންނަކަށް މި ފެޝަނެއް ނުކަޓައެވެ. މިބަސް އިވުމަކީ އަނބިންނަށް އަބަދުވެސް އުފާ ލިބޭ ކަމެކެވެ.

ރަސޫލު (ސއވ)ގެ ޟައީފް ހަދީޘް ފުޅެއްގައިވެއެވެ. އައިޝަތުގެފާނު ރަސޫލު (ސއވ) އަށް ދެންނެވިއެވެ. '' އަހުރެންދެކެ ކަލޭގެފާނު ކިހާވަރަކަށް ލޯބިފުޅު ވޭތޯއެވެ.'' ރަސޫލު (ސއވ) ޖަވާބުގައި ހަދީޘްކުރެއްވިއެވެ. '' މޮހާ ނުލެވޭނެ ގޮށެއް ފަދައިން ތިމަން ކަލޭގެފާނު، ކަމަނާ ދެކެ ލޯބިފުޅުވެއެވެ.''

މުހިންމު އަނެއްކަމަކީ ލޯބިވާ ވާހަކަ ބުނެލުމުން ހަމައެކަނި ފުއްދާ ނުލާ އަނބިމީހާއަށް ތަޢުރީފު ކުރުމެވެ. ''މާޝާ ﷲ، ހާދަ މީރޭ، ގޭތެރެ ހާދަ ސާފޭ'' މިފަދަ ބަސްބަހަކީ އަނބިމީހާގެ ސިކުނޑީގައި ބިންވަޅު ނެގޭފަދަ ބަސްބަހެވެ. ހައްދެއް ނެތްފަދަ ލޯބި އަނބިމީހާއަށް ލިބޭ ބަސްތަކެވެ.

ވަގުތު

ފިރިންނަށް ނުވަތަ ފިރިހެނުންނަށް ވަގުތަކީ އަތުގައި އޮންނަ ގަޑި ކަމަށް ވެދާނެއެވެ. އެގޮތުން އަނބިމީހާއާއެކު ވަގުތު ހޭދަ ނުކުރާކަމުގެ ޝަކުވާއެއް އަތުވެއްޖެނަމަ އޭގެ ބަދަލުގައި ''އަށް ގަޑިއިރު އެބަ ނިދަން، ހެނދުނު ސައި ބޮނީ ގެއިން، މެންދުރު ކަނީ ގެއިން، ދިހަ ގަޑިއިރު އެބަ ހޭދަކުރަން އެކީގައި'' މިއީ ޖަވާބަކަށް ވުން އެކަށީގެންވެއެވެ. ފިރިހެނުންގެ ނަޒަރުގައި ވަގުތަކީ މިއީ ކަމުގައި ވިޔަސް އަންހެނުންގެ ބަސްކޮށާރުގައި ވަގުތަކީ އޭނާއަށް ސަމާލުކަން ދިނުމެވެ. ހަފްތާގެ ފަސް ދުވަހު މަސައްކަތް ކުރުމަށްފަހު ލިބޭ ހަފްތާ ބަންދުގައި އެކީގައި ދަތުރު ދިޔުން މޫދަށް ދިޔުން ނުވަތަ މިނޫންވެސް އަގުހުރި ވަގުތުކޮޅެއް ހޭދަކޮށްލުމަކީ އެކަމުގެ ދިރުން ކައިވެންޏަށް ލިބޭނެ ކަންކަމެވެ. ފިރިންގެ ފަރާތުން އަނބިން އެދޭ ވަގުތަކީ މިފަދަ އުފާވެރި ވަގުތުތަކެވެ.

ކަނުލާ އަޑުއެހުން

އަނެއްކަމަކީ އަނބިންގެ ވާހަކަތައް އަޑުއެހުމެވެ. ދިމާވާ ކަމެއްގެ ވާހަކައެއް ހިފައިގެން އަނބިމީހާ އަތުވެއްޖެނަމަ ބައެއް ފަހަރު ފިރިންނަށް އިހްސާސްކުރެވެނީ އަންހެނުން އެއަންނަނީ އެކަން ހައްލުކުރުމަށް ކަމަށެވެ. ނަމަވެސް ގިނަ ފަހަރު އަނބިން ބޭނުންވަނީ އޭނާގެ ކަންބޮޑުވުންތައް، ވިސްނުންތައް އަޑު އަހާނެ ކަންފަތެކެވެ. އަދި އޭނާގެ ހިތްދަތިކަމަށް ހަމްދަރުދީވާނެ އިހްސާންތެރި ބަސްކޮޅެކެވެ.

ފިރިން ވިސްނަންވީ ކަމަކީ އޭނާއާއި އެކުގައި ދުވަސްތައް ހޭދަ ކުރަމުންދާ އަނބިމީހާއަކީ ދެމަފިރިއެއްގެ އަޅާލުމާއި ލޯބިދިން ދަރިއެއްކަމެވެ. ދައްތައިންނާއި ބޭބެއިންގެ ރައްކާތެރިކަން ލިބުނު އަންހެނެއް ކަމެވެ. އެމާހައުލު ދޫކޮށްފައި އަނބިމީހާ އެއައީ ފިރިމީހާގެ ލޯތްބާއި އަޅާލުމުގެ ހިޔާވަހިކަން އެދިގެން ކަމެވެ. ވުމާއެކު އަނބިމީހާ ބޭނުންވާކަންކަން އޭނާއަށް ކޮށްދީ، އޭނާއަށް ލޯތްބާއި ރައްކާތެރިކަން ދިނުމުގައި ދެމިހުންނާށެވެ. އޭގެ ބަދަލުގައި ފިރިމީހާގެ ހިދުމަތުގައި އޭނާގެ ހިތް އުފާކޮށްދިނުމުގައި އަނބިމީހާ ދެމި ހުންނާނެއެވެ.

(ޔާސިރު ގާޟީގެ ދަރުހަކުން)

Ads by HDC
  1. ައަނގޮޅިބެ

    ޔާސިރު ގާޟީގެ ދަރުހުގެ ތަރުޖަމާއެއް. ރަނގަޅު އިންފޮމޭޓިވް އަދި ދިވެހިންނައް މުހިއްމު ލިޔުމެއް