ބާކީ ހުންނަ ޑޭޓާ އަނެއް މަހުގައި ވެސް ބޭނުން ކުރެވޭނެ ގޮތް އުރީދޫން ހަދައިފި

މަސް ނިމޭއިރު ފޯނުގައި ބާކީ ހުންނަ ޑޭޓާ ޖެހިގެން އަންނަ މަހުގައި ވެސް ބޭނުން ކުރެވޭ ގޮތް އުރީދޫން ހަދައިފިއެވެ.
އުރީދޫން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ، މި ބަދަލު ގެނައީ މި ހިނގާ އޭޕްރިލް މަހުން ފެށިގެން ކަމަށެވެ. އެ ގޮތުން އުރީދޫ ޕޯސްޓްޕެއިޑްގެ 600ރ. އިން މަތީގެ ޕެކޭޖުތަކުގައި ބާކީ ހުންނަ ޑޭޓާ މިހާރު އަނެއް މަހުގައި ވެސް ބޭނުން ކުރެވޭނެ ކަމަށް ނިޔާޒް ވިދާޅުވިއެވެ.
ނިޔާޒް ވިދާޅުވީ އުރީދޫން މި ބަދަލު ގެނައީ ގިނަ ދިރާސާތަކެއް ކުރުމަށްފަހު ކަމަށެވެ. އަދި ޕޯސްޓްޕެއިޑްގެ 600ރ. އިން ދަށުގެ ޕެކޭޖުތަކަށާއި ސުޕަނެޓް ޕެކޭޖުތަކަށް މި ހިދުމަތް ނުދެނީ، މަސް ނިމޭއިރު އެ ޕެކޭޖުތަކުގައި އިތުރު ޑޭޓާ ނުހުންނާތީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ބެލި ބެލުމުން 600 ރުފިޔާއަށް ވުރެ ކުޑަ ޕެކޭޖުތަކުގައި ނުހުރޭ ބާކީ ޑޭޓާއެއް. އެހެންވެ އަޅުގަނޑުމެން ބޮޑަށް ފޯކަސް ކުރީ ބޮޑެތި ޕްލޭންތަކަށް މި ހިދުމަތް ދޭން. މިއާއެކު 600 އިން މަތީގެ ޕެކޭޖުތައް ނަގާފައި ތިބި ކަސްޓަމަރުންގެ ބާކީ ހުންނަ ޑޭޓާ މެއި މަހު ވެސް ބޭނުން ކުރެވޭނެ" ނިޔާޒު ވިދާޅުވިއެވެ.
އުރީދޫން ބުނީ، ޕޯސްޓްޕެއިޑް ދެ ޕްލޭން ކަމަށްވާ "ވަރަށް ތަފާތު" އަދި "އެކު"ގެ ޕެކޭޖުތަކުގެ ތެރެއިން 600ރ. އިން މަތީގެ ޕެކޭޖުތަކަށް މި ހިދުމަތް ލިބޭނެ ކަމަށެވެ.