ބައެއް ލޭބާ ކްއާޓާރުތަކުގައި ފްލެޓް އަޅަނީ
މާލޭގައި ހުރި ބައެއް ލޭބާ ކްއާޓަރުތަކުގައި ފްލެޓް އެޅުމުގެ ޕްލޭންތަކެއް ސަރުކާރުގައި ހަދަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި އިއްޔެ ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި، ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޞާލިޙް ވިދާޅުވީ ސިނަމާލެ އަދި މާލެހިޔާ ފްލެޓްތަކަކީ މީހުނަށް މިހާރު ދިރިއުޅެވޭ ހާލަތުގައި ހުރި ތަންތަން ނޫން ކަމަށެވެ.
ރައީސް ވިދާޅުވީ މާލޭގެ ސްޓޭޑިއަމްއާ ޖެހިގެންނާއި އަދިވެސް ހުރި ބައެއް ކޮށިތަކެއް ބޯހިޔާވަހި ކަމަށް ބަދަލު ކުރެވިދާނެ ކަމަށެވެ. އޭގެ ތެރޭގައި މާލޭގެ ބައެއް ލޭބާ ކްއާޓާސްތަކާއި އެސްޓީއޯގެ ލޭބާ ކުއަޓާޒް ހުރިކަން ފާހަގަ ކޮށްފައި ވެއެވެ. އަދި އޭގެ ޕްލޭނެއް ހަދައި އެ ތަންތަނަށް އަވަހަށް ފްލެޓްތައް އެޅޭނެ ގޮތަށް ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.
ސިނަމާލެ އަދި މާލެހިޔާ ފްލެޓްތަކަކީ މީހުނަށް މިހާރު ދިރިއުޅެވޭ ހާލަތުގައި ހުރި ތަންތަން ނޫންކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އެ ފްލެޓްތައް ތަޅާލައި އަލުން ރަނގަޅު ފްލެޓްތަކެއް އެޅުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ.