މުލަ ރޯދަ ދުވަހު މިސްކިތްތައް ފުރި ބާރުވެފައި، މުޅި ރޯދަ މަހު މި ގޮތަށް ދެމިއޮންނާނެބާ؟
ރޭ ފަތިސް ނަމާދަށް ބަންގި ގޮވުމުން ރައްޓެއްސަކާއެކު ގޭ ކައިރީގައި ހުންނަ ޖަލާލުއްދީން މިސްކިތަށް ނަމާދަށް ދިޔައީމެވެ. މިސްކިތަށް ދިޔައިރު އެހާ މީހުން ގިނަ ވާނެ ކަމަކަށް ހިޔެއް ނުކުރަމެވެ. އެހެން ނަމަވެސް ހުކުރެއްގައި ވެސް އީދެއްގައި ވެސް މީހުން ގިނަ ވާނީ އެހާ ވަރަކަށެވެ. މިސްކިތް އޮތީ ފުރި ބާރުވެފައެވެ.
މިސްކިތުން ބޭރުގައި އެއްބަޔަކު ނަމާދު ކުރަން ޖެހުނު އިރު "މާޝާ ﷲ"އޭ ހިތާހިތުން ކިޔާލެވުނެވެ. އަހަންނަށާއި އަހަރެންގެ ރަހުމަތްތެރިޔާއަށް ވެސް މިސްކިތުން ޖާގައެއް ލިބުނީ ހަމަ ކިރިޔާއެވެ. ނަމާދުކޮށް އަވަދިވެގެން ދެމީހުން ގެއަށް ދިޔަ މަގުމަތީގައި ދެކެވުނު ވާހަކައެއް ހަނދާން ކޮށްލާނަމެވެ.
"ރޯދަ މަހު ފުރަތަމަ ދުވަހު މިހެން އުޅޭނެ، އެކަމަކު ފަހު ދުވަހު އައިސް ހަމަ މި އޭންގަލް އިން ފޮޓޯއެއް ނަގާބަލަ. ހާސް ބައި ތަފާތު ވާނެ" އަހަރެންގެ ރަހުމަތްތެރިޔާ ބުނެލިއެވެ. އެއީ ހަމަ ހަގީގަތެވެ. ކޮންމެ އަހަރަކު ވެސް ފުރަތަމަ ދެތިން ދުވަހަކު މީހުން މިސްކިތަށް އަރާ ނިސްބަތް ގިނަ ވެއެވެ. އަނެއްކާ ވެސް ދުވަސްކޮޅަކުން މަދުވެލާފައި ދެން މީހުން ގިނަ ވަނީ ފަހު ދިހައިގެ ބައެއް ރޭ ތަކުގައެވެ.
ރޯދަ މަހުގެ ފުރަތަމަ ދުވަހު މިސްކިތްތައް ފަޅު ފިލުވާލައިދޭ މީހުން، މުޅި ރޯދަ މަހު އަދި އޭގެ ފަހުން ވެސް މިސްކިތަށް ދާނަމަ އެއީ ހާދަހާ ހެޔޮކަން ބޮޑު ކަމެކެވެ. އޭރުން އަހަރެމެންގެ މިސްކިތްތަކަށް ވެސް އިތުރު ދިރުމެއް ގެނުވައިދޭނެއެވެ.
ފަތިސް ނަމާދުކޮށް ނިންމާފައި އަހަރެން ގެއަށް ދިޔައީ ރޯދަ މަހުގެ ފުރަތަމަ ދުވަހުގެ ފަތިސް ނަމާދުގައި ފޮޓޯ މި ނެގި އޭންގަލް އިން ރޯދަ މަހުގެ ފަހު ދުވަހުގެ ވެސް ފޮޓޯއެއް ނެގުމަށް އަޒުމު ކަނޑައަޅަމުންނެވެ. އަދި މި ރޯދަ މަހަކީ އަހަރެމެން އެންމެން ވެސް އަޅުކަމުގައި މަޝްއޫލްވެ އުޅޭ މައްސަރެއް ކަމުގައި ލެއްވުން އެދި ﷲގެ ހަޒްރަތުގައި ދަންނަވަމުންނެވެ.