ޖިންސީ ގޯނާގެ ޝިކާރައަކަށްވީ އަންހެން ކުއްޖެއްގެ ވާހަަކަ، މިއަދު ގިނަ ބަޔަކަށް 'ސެލްފް ޑިފެންސް" ކިޔަވައިދެނީ
އަންހެނުންނަށް ކުރާ އަނިޔާގެ ވާހަކަ އަކީ މިހާރު އާ ވާހަކަ އެއް ނޫނެވެ. ޖިންސީ އަނިޔާއާއި ގެވެށި އަނިޔާ އެވެ. ނުވަތަ ހަނގާ ކުރުމެވެ. މިފަދަ ދަށު ދަރަޖައިގެ ޢަމަލު ތަކުގެ ސަބަބުން ވޭން ތަހައްމަލު ކުރަމުން ދަނީ މަދު އަދަދެއްގެ ކުދިންނެއް ނޫނެވެ.
މި ނުލަފާ ޝިކާރަވެރިންގެ ދަލުގައި ޖެހި ހަޔާތް ބަރުބާދުވެ ދިރިއުޅުން މަތިން ފޫހިވީ ކިތައް ކުދިންނެއް ކަން ގުނާލަން ދައްޗެވެ. ނަފްސާނީ ބަލިމަޑުކަމުގެ ޝިކާރައަކަށްވެ ބިރުވެރި ކަމާއި ސިހުމުގެ ތެރޭގައި ދުވަސްތައް ގުނަމުން ދަނީ އިންސާފެއް ލިބޭނެ ކަމުގެ އުއްމީދުގައެވެ. ނަމަވެސް އެ ކުޑަ އުއްމީދު ވެސް ނެތިދަނީ ޤާނޫނުތަކާއި ސަރުކާރުތަކުން ކުށްވެރިންނާ މެދު އެޅޭނެ އެކަށޭނެ ފިޔަވަޅު ތަކެއް ހެދިފައި ނެތުމުންނެވެ. ނުވަތަ އެފަދަ ކުށްވެރިންގެ ދިފާޢުގައި ތެދުވާ މީހުންގެ އަތުގައި އާރާއި ބާރު އޮތީމައެވެ. މިއީ މިއަދުގެ ހާލަތެވެ. މިކަމުގައި އަޑު އުފުލާނޭ ބަޔަކު ނެތެވެ.
އަޑު އުފުލި ކަމުގައި ވިޔަސް އެފަދައިން އަޑު އުފުލާ މީހާއަށް ވެސް އިންސާފު ހޯދައިދެވޭނެ މަގުތަކެއް ނެތެވެ. އެހެންކަމުން އަންހެނުންގެ ދިފާޢުގައި ވަނީ އެމީހުންގެ އަމިއްލަ ނަފްސެވެ. ސަމާލުވެ ތިބެން ޖެހިފައި މިވަނީ އަންހެނުންނަށެވެ. ރައްކާތެރި ކަމެއް ނެތް ކަމުގައި ވިޔަސް ދިރިއުޅުމަށް ޓަކައި ތެދުވާން ޖެހިފައި ތިބީ ވެސް އަންހެނުންނެވެ.
އެހެންކަމުން މި ފަދަ އަނިޔާތަކުން ރައްކާތެރިވެ ތިބުމަށްޓަކައި ތިމާގެ އަމިއްލަ ނަފްސު ތައްޔާރު ކުރުމަކީ މުހިއްމު ކަމެކެވެ. އެ ގޮތުން އިންޑިޔާއަށް އުފަން އުމުރުން އެންމެ 18 އަހަރުގެ ޝިވާނީ ސިސޮޑިއާ އަކީ މިފަދަ އަންހެނުންނަށް ހުރި މިސާލެކެވެ. ނަމޫނާއެއް ކަމުގައި ދެކެންވީ ޝަހުސިއްޔަތެކެވެ. ފުރަތަމަ ނަޒަރުން ޝިވާނީ ސިފަ ކުރެވެނީ އެ އުމުރުގެ އެހެން ކުދިންނެކޭ އެއްފަދަ އާދައިގެ ކުއްޖެއްގެ ގޮތުގައެވެ. ނަމަވެސް އޭނާގެ ހަޤީޤަތް އެނގުމަށް ފަހު މި ނަޒަރިއްޔާތު ބަދަލުވާނެކަން ގައިމެވެ. ޝިވާނީ އަކީ އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ތެދުވެ ހުރި ގަދަ ފަހުލަވާނެކެވެ. އޭނާ ދަނީ ކަރާޓީ ކިޔަވައިދޭ ސްކޫލެއްގައި އެ އުމުރުގެ 100 އަންހެންކުދިން އެކުލެވޭ ގުރޫޕަކަށް ހަށިރައްކަލަކަށް ޓަކައި ބޭނުން ކުރެވިދާނެ އުކުޅުތައް ދަސްކޮށްދެމުންނެވެ. އެގޮތުން ޖިންސީ ގޯނާ އާއި ގެވެށި އަނިޔާގެ އިތުރުން އެހެނިހެން އަނިޔާތަކުން ސަލާމަތްވުމަށް ޓަކައި ހަށިރައްކަލެއްގެ ގޮތުން ބޭނުން ކުރެވިދާނެ އުކުޅުތަކާއި ކަރާޓީ ދަސްކޮށްދިނުމަކީ އޭނާގެ މަސައްކަތެވެ.
ފާއިތުވެ ދިޔަ 2 އަހަރު ތެރޭގައި ޝިވާނީ ވަނީ 1500 އަށްވުރެ ގިނަ އަންހެން ކުދިން ތަމްރީން ކޮށްފައެވެ. މި ހުރިހާ ކަމެއް ވެސް ގުޅިފައި ވަނީ އޭނާ ކުޑައިރު އުފުލަން ޖެހުނު ވޭންތަކާއެވެ. ޝިވާނީ ބުނި ގޮތުގައި ކިޔަވަމުން ދިޔަ ދުވަސްވަރު ފިރިހެން ކުދިންގެ އުނދަގޫ ފޯރިއެވެ. ސްކޫލު ނިންމާލުމަށް ފަހު ގެއަށް އަންނަ މަގުމަތީގައި އޭނާއާ ދިމާލަށް ތަފާތު ބަސްތައް ބުނެހަދާ ކަމަށާއި އޭނާގެ ޖިންސީ ގޮތުން އަނިޔާ ކުރަން ވެސް އެމީހުން މަސައްކަތްކުރި ކަމަށް ޝިވާނީ ބުންޏެވެ.
މިކަންކަމާ ހުރެ ނަފްސާނީ އަސަރުތަކެއް ކުރި ނަމަވެސް އޭނާ ފަދައިން އަނިޔާ ލިބޭ އެހެން ކުދިންވެސް ވާކަން އެނގުމުން ޝިވާނީ އަޒުމެއް ކަނޑައެޅިއެވެ. ބަލިކަށިވެ ހިތްވަރު އެލުވާލުމުގެ ބަދަލުގައި ޝިވާނީ ބޭނުންވީ އެ އަނިޔާތައް ތަހައްމަލް ކުރަން ޖެހިދާނެ ކުދިންނަށް ފައިދާ ކުރުވަނިވި މަސައްކަތެއް ކޮށްދިނުމެވެ. އެގޮތުން ޝިވާނީ ވަނީ އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި މިފަދަ ހުނަރުތައް އަމިއްލަ އަށް ދަސްކޮށްފައެވެ. މިކަމުގައި އޭނާއަށް އެހީތެރިވެދިން ކޯޗަށް ޝިވާނީ އަބަދުވެސް ޝުކުރުވެރި ވެއެވެ. އޭނާ މިހާރު ކުރަމުންދާ މަސައްކަތަކީ މާޒީން ލިބުނު އިބްރަތުގެ ފޮނި ނަތީޖާއެވެ.
މިއީ މިފަދަ އެންމެ ކުއްޖެއްގެ ވާހަކައެވެ. އަޅުގަނޑުމެން ހިތްވަރު ލިބިގަންނަންވީ މި ކުދިން ނަމޫނާ އަކަށް ބަލައިގެންނެވެ. އޭރުން މި މުޖުތަމައުން ވެސް މިފަދަ އަނިޔާތައް މަދުކުރެވުމަކީ ނުވާނޭ ކަމެއް ނޫނެވެ.