ކަރަންޓީނުގައި ތިބޭ މީހުންނަށް ކާ އެއްޗެހި ގެންގޮސްދޭ މީހެއްގެ ވާހަކަ
ކޮވިޑް-19ގެ ބަލިމަޑުކަމުގެ މި ދުވަސްވަރަކީ އަހަރެމެންގެ އިންސާނިއްޔާތުކަން ހުރި މިންވަރު ވަރަށް ރަނގަޅަށް ހާމަވެގެންދާ ދުވަސްވަރެކެވެ. އެކަކު އަނެކަކަށް އެހީވުމުގައި ލޮލަކަށް ބޮލަކަށް ބެލުމެއް ނެތި އެހީވަމުން ދާ ފެނެއެވެ. އެގޮތުން މިއީ ވެސް އެފަދަ މީހެއްގެ ވާހަކައެވެ.
އިންޑިއާގެ ވަޑޯޑަރާގެ މީހަކު ވަނީ ކޮވިޑް-19 ބަލި ޖެހިފައި ތިބޭ މީހުންނަށް ހިލޭ ސާބަހަށް ކާ އެއްޗެހި ޑެލިވާ ކޮށްދޭން ފަށާފައެވެ.
އޭނާ ބުނެފައިވާ ގޮތުގައި މިގޮތަށް ނިންމީ އިންޑިއާގައި ބަލި ފެތުރޭ މިންވަރު އިތުރުވަމުން އަންނައިރު، ގިނަ ރެސްޓޯރެންޓުތަކުން ބަލި މީހުންނަށް ކާ އެއްޗެހި ޑެލިވާ ކޮށްދޭން ދެކޮޅު ހަދާތީ އެމީހުންނަށް އެހީތެރިވުމުގެ ގޮތުންނެވެ.
ކާ އެއްޗެހި ޑެލިވާ ކުރަން ބޭނުންވާ ފަރާތްތަކުން އޭނާއަށް ޓްވިޓާއަށް މެސެޖުކޮށްލުމުން ގެއަށް ޑެލިވާ ކޮށްދޭނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.
ކޮވިޑް-19 އަށް އިންޑިއާ އާއި ބްރެޒިލުން ފައްސިވާ މީހުންގެ އަަދަދު އާދަޔާއި ހިލާފަށް ވަނީ އިތުރުވެފައެވެ. ކޮވިޑް-19އާ ބެހޭ މަޢުލޫމާތުތައް ހާމަކުރާ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އިއްޔެ އެކަނިވެސް އިންޑިއާއިން އިތުރު 160,694 މީހަކު ކޮވިޑަށް ފައްސިވެފައި ވެއެވެ. މިއާއެކު އެޤައުމުން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 13,686,073 އަށް އަރާފައެވެ.