ޚަބަރު

މީހުން ޓްރެފިކް ކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނަގަން ފާސްކޮށްފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

މީހުން ޓްރެފިކް ކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ގާނޫނު އިސްލާހު ކޮށްފިއެެވެ.

Ads by STELCO

މި ބިލަކީ ސަރުކާރުގެ ފަރާތުން ހިންނަވަރު ދާއިރާގެ މެންބަރު ޖީީހާން މަހްމޫދު ހުށަހެޅުއްވި ބިލެކެވެ. މި ބިލުގެ މަގްސަދަކީ މީހުންނާއި ކުޑަކުދިން ޓްރެފިކް ކުރުން މަނާ ކޮށްފައިވާ ގޮތާއި މީހުންގެ ނާޖާއިޒު ފައިދާ ނެގުން ހުއްޓުވުމުގައި އަމަލު ކުރާގެ ގޮތް އ.ދގެ ކަމާބެހޭ މުއާހަދާއާ އެއްގޮތް ކުރުމެވެ.

ގާނޫނަށް ގެނައި އިސްލާހުތަކުގައި ހިއުމަން ޓްރެފިކިން މާނަކުރާ ގޮތް ފުޅާ ކޮށްފައި ވަނީ، ޚާއްސަކޮށް ރާއްޖެ ގެނެވޭ ބިދޭސީންނާ މެދު އަމަލު ކުރަމުންދާ ގޮތް ކުށުގެ ގޮތުގައި ކަނޑައެޅުމަށެވެ. އެ ގޮތުން ބޭރު ގައުމަކުން ރާއްޖެއަށް ގެނައުން ނުވަތަ ބަދަލު ކުރުމާއި، ރާއްޖޭން އެހެން ގައުމަކަށް ވެސް މީހަކު ގެންދިއުން ނުވަތަ ބަދަލު ކުރުން ހިމެނެއެވެ. އަދި ރާއްޖޭން އެއްތަނުން އަނެއް ތަނަށް ގެންދިއުން ނުވަތަ ބަދަލު ކުރުން ވެސް މި އިސްލާހުގެ ދަށުން ވަނީ ހިމަނާފައެވެ.

މި ގާނޫނުގައި އެންމެ ބޮޑު ފިޔަވަޅެއްގެ ގޮތުގައި ހިމަނާފައި ވަނީ މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ގާނޫނުގައި ބަޔާންކުރާ ކުށެއް ކުރުމަށް އަދި ކުށުގެ އަމަލުން ހޯދާފައިވާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެ ކަމަށް ކަނޑައެޅުމެވެ. އަދި އެ ފައިސާ ދައުލަތަށް ނެގުމުގައި އަމަލު ކުރާނީ ޖިނާއީ އިޖުރާތްތަކުގެ ގާނޫނުގައިވާ އުސޫލްތަކާ އެއްގޮތަށެވެ.

މި ބިލު މަޖިލީހުން މިއަދު ފާސް ކޮށްފައި ވަނީ 57 މެންބަރުންގެ އިއްތިފާގުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!