ވާހަކަ

ބޭނުންވޭ ވުމަށް ގާތުގައި... (ދެވަނަ ބައި)

ޒާނާ ، ދެން އޮންލައިން

އިތުރު އެޕިސޯޑްތައް

Ads by Hajj Corporation

ކުއްލިއަކަށް ދާއިން ސިހުނީ ކޮނޑުމަތީގައި މީހަކު އަތް ބާއްވާލުމުންނެވެ. ތެޅިގެންފައި ގޮނޑިން ތެދުވެ ދާއިން ފަސްއެނބުރި ބަލާލިއެވެ.

ނަމަވެސް އިސާހިތަކު ދާއިންގެ ފުސްވެފައިވާ މޫނު އަލިވެގެން ދިޔައެވެ. ފަޒާގެ ތެރެއަށް ދޫކޮށްލި ފުން ނޭވަޔަކާއެކު ދާއިން ހިނިތުންވެލިއެވެ. ކުރިމަތީގައި ހުރީ ދާއިންގެ އެންމެ ގާތް އެކުވެރިޔާ ފާޒިލްއެވެ. ފާޒިލްއަކީ ދާއިންގެ އަންހެނުން ޒުހާގެ ވެސް ބޭބެއެވެ. އޮފީހުން ލިބުނު ކޯހެއްގައި ފާޒިލް މެލޭޝިއާގައި ހުންނަތާ އަހަރެއްހާ ދުވަސްވީއެވެ. ދާއިންގެ ހިތަށް ހަމަޖެހުމެއް ލިބުނު ކަހަލައެވެ. ބަސްހުއްޓިފައި ދާއިން ހުރެވުނީ ވެސް ލިބުނު ހިތްހަމަޖެހުމުގެ ބޮޑުކަމުންނެވެ.

"ވަރަށް ސަޕްރައިޒްޑް ދޯ." ފާޒިލް ދެއަތް ފުޅާކޮށްލަމުން ހީލިއެވެ.
"ޔެސް މޭން. ކޮންއިރަކު އައީ." ދާއިން ފާޒިލްގެ އަތުގައި ހިފަހައްޓާލިއެވެ.
"ހަމަ ވެޑިންއަށް މިއައީ. ދެން އެކަމަކު ނުދާނަން. ކޯސްވެސް ނިމުނީ ދެން." ފާޒިލްގެ ޖަވާބުން ދާއިންގެ ހިތަށް އަނެއްކާ ވެސް ފިނިކަމެއް ލިބުނުކަހަލައެވެ.
"ޒުހާއަށް ގުޅާލިން. ދާއިންގެ ފޯނު ނިވިފައި އޮތީމަ. ނުބުނޭތަ؟" ފާޒިލްގެ ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގާލިއެވެ. ޒުހާ ފެންނަން ނެތީމައެވެ.

"ނުބުނޭ. މި މި..ވެދާނެއެއްނު ޕާޓީން ފެންނާނެކަން އެނގޭތީ އަހަރެން ސަޕްރައިޒްކޮށްލަން ކަމަށް." ދާއިންގެ ރާގުގައިވާ ހާސްކަން ފާޒިލްއަށް ފުރަތަމަ ފަހަރަށް އިޙްސާސްވިއެވެ. ދާއިންގެ މޫނަށް ފަރުވާތެރިކަމާއެކު ފާޒިލްއަށް ބަލަމުން ގެންދެވުނީ ވެސް އެހެންވެއެވެ. ނަމަވެސް މާހައުލުގެ ގޮތުން ފާޒިލް އިތުރު ސުވާލެއް ނުކުރެއެވެ. ނަމަވެސް ދާއިން ހުރީ އެހާ އުފަލުން ނޫންކަން އޭނަގެ މޮޅިވެރި މޫނު ފެނިފައި ފާޒިލް ދެނެގެންފިއެވެ. އެދެމީހުންގެ އެކުވެރިކަމުގެ ގުޅުމަށް ފަނަރަ އަހަރު ވެއްޖެއެވެ.
އެރޭގެ ޕާޓީއިން ވެސް ފާޒިލްއަށް ސުވާލު އުފެދުނު އެތައް މަންޒަރެއް ފެނުނެވެ. ޒުހާ އެއްފަހަރު ވެސް ދާއިން ކޮބާތޯ ބަލައިނުލައެވެ. ޕާޓީ ނިމެންދެން ވެސް ދާއިން އިނީ އެކަންޏެވެ.

އާދުވަހަކަށް އިރު ފެނުން މައްޗަށް ހިއްލާލީ ގަދަވަޔާއި ވިއްސާރައާއި އެކުގައެވެ. ދުވަހަކީ ހުކުރު ދުވަސް ކަމުން އޮފީހަށް ވެސް ދާން ނުޖެހޭތީ ދާއިން އޮތީއެވެ. އެނދުން ތެދުވާ ހިތެއް ވެސް ނުވެއެވެ. ބޮލަށް ބަރުވެ ދާއިންއަށް އުނދަގޫތަކެއް ވާހެން ވެސް ބަައެއް ފަހަރު އޭނައަށް ހީވެއެވެ.

ދާއިންގެ ފޯނުގެ ރިންގްވާން ފެށުމުން ހިތްވަރު ކޮށްލާފައި ދާއިން ތެދުވިއެވެ.
"ދާއިން. ނިދަނީތަ؟ ކިހާ ފިނި ދުވަހެއް. ކޮފީއެއް ބޯލަންދަމާ." އެކޮޅުން އިވުނީ ފާޒިލްގެ އަޑެވެ. ތައްޔާރުވެލައިގެން މިގުޅަނީކަމަށް ބުނެ ދާއިން ކޯލް ކުރުކޮށްލިއެވެ.
"ސައި ހަދާތަ؟ ނޫނީ ތިދާތާކަށް ގޮސް ސައިބޮއެގެންތަ އަންނަނީ؟ " ޒުހާ ގައިގައި ރަޖާ އޮޅާލަމުން ފޫހި ރާގެއްގައި ބުނެލިއެވެ.
"ސައި ހަދާނެ ކަމެއްނެތް" ދާއިންގެ ޖަވާބު ކުރެވެ.
"އާން. އުޝާ އިންނާނެ އިންތިޒާރުގައި ސައި ހަދައިގެން." ޒުހާ ކޮށްލީ ފާޑެއްގެ މަލާމާތެކެވެ. ދާއިން ދެފަރާތަށް ބޯހޫރާލަމުން ގައިގައި އޮތް ރަޖާ ނަގައި ހޫރާލިއެވެ.
"ކިތަންމެ ރުޅިއެއް އަޔަސް ހަޤީޤަތްވާނީ ހަޤީޤަތަށްދޯ." ޒުހާގެ ބޭނުމަކީ ދާއިން ރުޅިއަރުވާ ހާސްކޮށްލުން ކަހަލައެވެ. ނަމަވެސް ދާއިން އެއްވެސް ބަހެއް ނުބުނެ ތެދުވެގެން ގޮސް ތުވާލި ނަގައިގެން ވަނީ ފާހާނާއަށެވެ.

ސީހައުސްގެ ހިތްގައިމު މާހައުލެވެ. ދާއިންއާއި ފާޒިލް ތިބީ މީހުންނާއި ތަންކޮޅެއްދުރުގައި ހުރި މޭޒެއްގައެވެ. އެފިނި ފިނި ހެނދުނު ގަޑީގައިވެސް އެރެސްޓޯރަންޓްތެރެ ވަރަށް ހަލަބޮލިއެވެ. ދެތިން މޭޒެއް ފިޔަވާ ހުރިހާ މޭޒެއްގައި މީހުން ތިއްބެވެ. ތުނިތުނިކޮށް ވެހެމުންދިޔަ ވާރެއާއި ޖެހިލާ ފިނިފިނި ރޯޅިން އެމާހައުލަށް އިތުރު ތާޒާކަމެއް ގެނެސްދެމުންދާ ކަހަލައެވެ.

"ކަމެއްވެގެންދޯ ތިއުޅެނީ." ބޯން އިން ކޮފީތަށި މޭޒުމަތީގައި ބަހައްޓާލަމުން ފާޒިލް އޭނަ ވާހަކަ ދައްކަން ބޭނުންވާ އަސްލު މައުޟޫއު ނެގިއެވެ.
ދާއިން އިނީއެވެ. ކުރިމަތިން ފެންނަން އޮތް މޫދާ ދިމާއަށް ނަޒަރު ހުއްޓާލައިގެންނެވެ.
"ދާއިން. ބުނީމަ އެނގޭނީ. މަށަށް އެނގެނީ ކޮންމެ ވެސް ކަމެއްވެއްޖެކަން." ފާޒިލްވަނީ ކެތްމަދުވެފައެވެ. ދާއިންގެ ހިމޭންކަމުން އޭނަގެ ޝައްކު އިތުރަށް ޔަޤީންވެއްޖެއެވެ.
"ތި ސުވާލަށް ދޭނެ ޖަވާބެއް ނޭނގޭ" ދާއިން އަދިވެސް އިނީ ދުރަށް މޫނު އަނބުރާލައިގެންނެވެ.
"އެ ކީއްވެ؟ ޒުހާއާ މައްސަލައެއް ޖެހުނީތަ؟ " ފާޒިލް ސުވާލަކަށް ފަހު ސުވާލެއް ކުރަމުންދިޔައެވެ.
"އާނ. ޒުހާ ވަރަށް ޗޭންޖް. ސަބަބު އެނގޭ ވެސް ނޫނީ ނޭނގޭ ވެސް ބުނެވިދާނެ." ދާއިން ދެމުންގެންދާ އަރަތެއް ކަހަލަ ޖަވާބުތަކުން ފާޒިލް އިނީ ހާސްވެފައެވެ. އެހެންވެ ތަކުރާރުކޮށް ފާޒިލް އަހަން ފެށުމުން ދާއިން ވެގެން އުޅޭގޮތް ކިޔައިދޭން ފެށިއެވެ.

"ރެޔަކީ ހަމަ މިކަހ​ަލަ ފިނިފިނި ރެއެއް. އަހަރެން ދިޔައީ ކޮއްކޮއެއްގެ ޕާޓީއަށް. އޭނަ ޗައިނާއަށް ކިޔަވަން ފުރަން އުޅޭތީ. ޒުހާ ކައިރީގައި އާދޭސް ކުރީމަ ވެސް އޭނަ ނުދިޔަ. އެހެންވެ އެކަނި ދިޔައީ. އާއިލާގެ މީހުންނާއި ރައްޓެހިން ވެސް ބައިވަރު ގޮސް ތިބި. ދެން ނޭނގެ އެތަނުގައި ވީކަމެއް. ދެލޯ ހުޅުވުނުއިރު އަހަރެން އޮތީ ގޭގައި. ޒުހާ ބުނި ކޮންމެ ވެސް ނުދަންނަ އަންހެން ކުއްޖަކު އަހަރެން ގެޔަށް ގެނައިކަމަށް. މޭމަތިން ދިލަ ނަގާހެން ހީވެގެން އަހަރެން ލައިގެން ހުރި ގަމީސް ބޭލީ. ތޫނު އެއްޗަކުން އިނީ ނަމެއް ލިޔެފައި." ދާއިން އޭނަގެ ވާހަކަ މެދުކަނޑާލަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ.

"ކޮން ނަމެއް." ފާޒިލްއަށް އަވަސް އަވަހަށް އަހާލެވުނެވެ. ދާއިން އޭނަ ލައިގެން ހުރި ގަމީހުގެ ދެތިން ގޮށް ނައްޓާލުމަށް ފަހު ފާޒިލްއަށް ދައްކާލިއެވެ. އެނަން ވަނީ ލަކުނެއްގެ ސިފައިގައި ފަވާލެވިފައެވެ.
"އުޝާ." ފާޒިލްއަށް އެ ނަން ކިޔާލެވުނެވެ.
"ދެން ދާއިން ނާހަންތަ ކޮއްކޮމެން ކައިރިން. އެރޭގަ ވީގޮތެއް." ފާޒިލްގެ ސިކުނޑިއަށް އަނެއްކާ ވެސް އިތުރު ސުވާލުތަކެއް ފުނި ޖެހުނެވެ.
"އެހިން. ޕާޓީގަ ހުރެފައި ގެޔަށް ދިޔައީ ކަމަށް ބުނީ ބޮލުގައި ރިއްސާތީ." ދާއިން އޮޅުންފިލުވައިދިނެވެ.
"ޒުހާ ރުޅިއާދޭ އެދުވަހުގެ ފަހުން އަހަރެން ދެކެ. މަށަށް ދިފާއުގައި ދެއްކޭނެ ވާހަކައެއް ވެސް ނެތް. ލޮލަށް ފެނުނު އެއްޗެއްދޯ ޒުހާ ވެސް ޤަބޫލު ކުރާނީ. ފާޒިލްއަށް އެނގޭނެ ޒުހާ ދެކެ މަ ވަރަށް ލޯބިވާކަން. މަގޭ މަންމައާއި ބައްޕަގެ ނުރުހުމުގައި އަހަރެން ޒުހާއާ ކައިވެނިކުރީ ވެސް." ދާއިންގެ އަޑު ބެދުނެވެ. ވާހަކަ ކުރިޔަށް ނުގެންދެވިގެން ހުއްޓާލީ ވެސް އެހެންވެއެވެ.

"ދާއިން ދަންނަންތަ އެއްވެސް އުޝާއެއް." ފާޒިލް ވާހަކަދެއްކީ ސީދާ ލޮލަށް ބަލަން ހުރެއެވެ.
"ނޫނެކޭ. އެނަން އަޑުވެސް މިއެހީ އަލަށް. މަގޭ ހަޔާތަށް ފުރަތަމަ ވެސް އައި ކުއްޖަކީ ޒުހާކަން އެނގޭނެ ފާޒިލް." ދާއިންގެ އަޑުގައި ވަނީ ޔަޤީންކަމެވެ.
އެވަގުތު އެތަނުގައި ލުއިލުއި މިއުޒިކެއްގެ އަޑުއިވެން ފެށުމާއެކު ފާޒިލްއާއި ދާއިންއަށް އެއަޑު އަންނަ ދިމާއަށް އެކުއެކީގައިހެން ބަލާލެވުނެވެ.

"ބޭނުންވޭ ވުމަށް ގާތުގައި...
އާދޭތޯ ހުންނާނަން ލޯބިން ތިޔަ އިންތިޒާރުގައި..."
އަންހެންކުއްޖެއްގެ ހިމަހިމަ ރީތިއަޑެކެވެ.
"އުޝާ. އަޅެ ލަވަކިޔަން ފަށާބަލަ." ހީނގެންފައި އެތަނުގައި ހުރި އެހެން އަންހެންކުއްޖަކު ބުނެލިއެވެ.
ދާއިންއަށް ހީވީ އުޑުވެއްޓި ބޮލުގައި ޖެހުނުހެންނެވެ.
އެއިވުނު ނަމަކީ ދާއިންގެ ބޮއްސުންލާފައިވާ ދިރިއުޅުމުގެ ސަބަބެވެ.

ދާއިން ގޮޑިން ތެދުވިއެވެ. އަދި ކުރިއަށް ހިނގައިގަތެވެ.

-- ނުނިމޭ --

  1. ހާދަ ކުރޭ