ދެން ރެސިޕީ | ކްރީމީ ޕާސްތާ
ޕާސްތާއަކީ ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު އިޓާލިއަން ކެއުމެކެވެ. މިއަދު މި ގެނެސްދެނީ ވަރަށް މީރު، ޗީޒް ޕާސްތާއެއްގެ ރެސިޕީއެވެ.
ބޭނުންވާ ތަކެތި:
- 5 ޖޯޑު ޕާސްތާ (ފެނުކައްކާފައި)
- 2 ފިޔާ (ހިމުންކޮށް ކޮށާފައި)
- 1 ޖޯޑު ޗީޒް (ގާނާފައި)
- 1 ޖޯޑު ގްރީންޕީސް
- 2 ޓޮމާޓޯ (ފޮތިފޮތިކޮށް ކޮށާފައި)
- 2 ކެޕްސިކަމް (ކުދިކޮށް ކޮށާފައި)
- 1 ޖޯޑު ފަސްމީރު މަސް
- 1/2 ޖޯޑު ޓޮމާޓޯ ސޯސް
- 1/2 ޖޯޑު ޗިލީ ސޯސް
- 1/2 ސައިސަމުސާ މުގުރި އަސޭމިރުސް
- 1 ކެރެޓް (ގާނާފައި)
- 1/2 ޖޯޑު ޕީލްޑް ޓޮމާޓޯ
- 1/2 ސައިސަމުސާ އަޖިނަމޮޓޯ
- 2 ލޮނުމެދު (ގާނާފައި)
- 1 ސައިސަމުސާ އިނގުރު (ގާނާފައި)
- ލޮނުކޮޅެއް
ތައްޔާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ ތަވާ އުނދުން މައްޗަށް އުދާލާފައި ކުޑަ ތެޔޮފޮދެއް އަޅާފައި ތެޔޮފޮދު ހޫނުވީމާ ފިޔާ ކޮޅާއި ކެޕްސިކަމް އަދި ކެރެޓް އެއްކޮށްފައި ފިޔާކޮޅު މޯޅިވީމާ ޓޮމާޓޯ ފޮތިތަކާއި ޗީޒް ފިޔަވައި ބާކީ ހުރި ހުރިހާ ބާވަތްތައް އެއްކޮށްފައި މިބައި ރަނގަޅަށް އެއްވަންދެން މަޑު ގިނީގައި ކައްކާލާށެވެ.
ދެން ޓްރޭއެއްގައި ކުޑަ ބަޓަރުކޮޅެއް ހާކާފައި ޕާސްތާކޮޅު ޓްރޭގައި ފަތުރާލާފައި ޓޮމާޓޯ ފޮތިތައް ޕާސްތާ މަތީގައި އަތުރާލާފައި މައްޗަށް ޗީޒް ވިއްސާލާފައި ޗީޒް ދިޔާވަންދެން އަވަނުން ފިހެލާށެވެ.
Ads by Allied Insurance