ތަހުގީގަށް ފުލުހުންގެ އިދާރާއަށް ގެނައުމަށްފަހު، ރައީސް ޔާމީން ވިޝަން އޮޕްޓިކަލްސްއަށް ގެންގޮސްފި

ތަހުގީގަށް ފުލުހުންގެ އިދާރާއަށް ގެނައުމަށް ފަހު، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ވިޝަން އޮޕްޓިކަލްސްއަށް ގެންގޮސްފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ވިޝަން އޮޕްޓިކަލްސްއަށް ރައީސް ޔާމީން ގެންދެވީ އެމަނިކުފާނު ތުރުކުރައްވާ އައިނުކޮޅު ހެދުމަށެވެ.
މިކަމާ ގުޅޭ އިތުރު ތަފްސީލެއް އަދި ލިބިއެއް ނުވެއެވެ.
ފުލުހުން މިއަދު ވަނީ ތަހުގީގަކަށް ރައީސް ޔާމީން ފުލުހަށް ގެންގޮސްފައެވެ. އެ މަނިކުފާނުގެ މައްޗަށް ދައުލަތުން ކުރަނީ މަނީ ލޯންޑްރިންގެ ދައުވާއެވެ. ޔާމީންގެ މައްޗަށް ދައުލަތުން މަނީ ލޯންޑްރިންގެ ދައުވާ ކުރަނީ އެމަނިކުފާނުގެ ނަމުގައި އޮތް އެކައުންޓަކަށް މޯލްޑިވްސް މާކެޓިން އެންޑްޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޚިޔާނާތުގެ ފައިސާ ދައުރުކުރި ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފް ކުންފުނިން އެއް މިލިއަން ޑޮލަރު ޖަމާކުރި ކަމަށް ބުނާ މައްސަލައިގައެވެ.
ކުރީގެ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިން ކުށް ސާބިތުވެކަމަށް ކަނޑައަޅައި 5 އަހަރަށް ޖަލަށް ލުމާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.
ރަމަޟާން މަހަށް ރައީސް ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް އިދިކޮޅު ކޯލިޝަނުންނާއި ރައީސް ޔާމީންގެ އާއިލާއިން ވަނީ އެދިފައެވެ. އެހެން ނަމަވެސް އެކަމަށް އަދި ވަކި ގޮތެއް ނިންމާފައި ނުވެއެވެ.