ދީން

ޒިނޭކޮށް، ރާބުއިން ފަދަ ބޮޑެތި ފާފަތައް ކޮށްފައި ތައުބާވެއްޖެނަމަ އެފާފަތަކަށް ގިޔާމަތް ދުވަހު ޢަޛާބު ދެއްވާނެތޯ؟

ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަތީފް ، ދެން އޮންލައިން

الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد:

Ads by STELCO

ޝައްކެއްނެތް ފާފަޔަކީ ނުރައްކާތެރި ބިރުވެރިކަން ހުރި ، އިލާހުގެ ކޯފާ ހައްގުވާނެކަމެކެވެ. ނަމަވެސް ﷲ އީ އޯގާވަންތަ ރަހުމަތްވަންތަ ރަސްކަލާނގެ، އެހެންވެ އަޅުތަކުން ކުރެ އެބައިމީހުންގެ ނަފްސަށް އަނިޔާވެރިވެވޭ މީހުނަށް ތައުބާގެ ދޮރު ހުޅުއްވަވާފައިވެއެވެ. ކިތަންމެ ފާފައެއް ކުރިއަސް، ކޮންމެ ގޮތަކަށް އުޅުނަސް، އެކަލާނގެ ހައިބަވަންތަކަމާއި ގަދަ ކީރިތި ވަންތަކަން ވިސްނި، އެކަލާނގެއަށް ބިރުވެތިވެ، އެކަލާނގެ ހަޟުރަތަށް އަތުވައްޖެ އަޅަކު އެކަލާނގެ ގަބޫލު ކުރައްވައެވެ. ވީމާ ﷲގެ ރަހުމަތުން މާޔޫސް ނުވާށެވެ! އެކަލާނގެ ހަޟުރަތަށް އަވަސްވާށެވެ! އެކަލާނގެއީ ހުރިހާ ފާފައެއް ފުއްސަވާ ރަސްކަލާނގެއެވެ. އަޅުން އެކަލާނގެ ހަޟުރަތަށް ރުޖޫޢަވެ، ތައުބާވެ، ފާފަ ފުއްސެވުންއެދި އާދޭސް ދެންނެވުމަށް އެކަލާނގެ ލޯބިވެ ވޮޑިގަންނަވައެވެ. އެކަލާނގެ ވަހީކުރެއްވިއެވެ.

{ قُلْ يَـٰعِبَادِىَ ٱلَّذِينَ أَسْرَفُوا۟ عَلَىٰٓ أَنفُسِهِمْ لَا تَقْنَطُوا۟ مِن رَّحْمَةِ ٱللَّهِ ۚ إِنَّ ٱللَّهَ يَغْفِرُ ٱلذُّنُوبَ جَمِيعًا ۚ إِنَّهُۥ هُوَ ٱلْغَفُورُ ٱلرَّحِيمُ } [الزمر 53] މާނައީ: "ތިމަން އިލާހުގެ އަޅުތަކުންކުރެ ފާފަކުރުމުން އެބައިމީހުންގެ ނަފްސުތަކަށް އިސްރާފުކޮށްފައިވާ މީހުނަށް ކަލޭގެފާނު ދަންނަވާށެވެ. ﷲގެ ރަހުމަތުން މާޔޫސް ނުވާށެވެ. އެކަލާނގެ ހުރިހައިފާފަ ފުއްސަވައެވެ. ހަމަކަށަވަރުން އެކަލާނގެއީ ފާފަފުއްސަވާ ރަޙީމްވަންތަ ރަސްކަލާނގެއެވެ."

މާތް ﷲ އެކަލާނގެ އަޅާގެ ކިބައިން ބޭނުންވެ ވޮޑިގަންނަވަނީ އެއްމެ ކަމެކެވެ. އެއީ އިޚްލާޞްތެރިކަމެވެ. ތެދުވެރިކަމެވެ. އެކަލާނގެ ކޯފާއާއި އަޛާބަށް ބިރުވެތިވެ، އެކަލާނގެ ހަޟުރަތުގައިވާ ނިއުމަތަށް އެދުންވެރިވެ، ފާފަކުރުން ހުއްޓާލައި، މުސްތަގުބަލްގައި އެފަދަ ފާފައަކަށް އަރައިނުގަތުމަށް އަޒުމްކޮށް އެކަލާނގެއަށް ދެންނެވުމެވެ. އަދި ޞާލިޙް އަމަލު ގިނަކުރުމެވެ. އޭރުން އެކަލާނގެ ތިބާގެ ހުރިހާ ފާފައެއް ފުއްސަވައި، ތިބާއީ އެކަލާނގެ ގާތް އަޅުންގެ ތެރެއިން ލައްވާނެކަން ކަށަވަރެވެ. އަދި ކިޔެއް އަޅާގެ ތައުބާ ފުރިހަމަވެ، ފާއިތުވީ ތަނުގެ ބަދަލުގައި ހެޔޮ ޢަމަލު ކޮށް، އެގޮތުގައި ސާބިތުވެ، ތަޤުވާވެރި ވެއްޖެ އަޅެއްގެ އިސްވެ ދިޔަބައި ޘަވާބާއި ދަރުމައަށް ބަދަލު ކޮށްދެއްވައެވެ. އެކަލާނގެ ވަޙީކުރައްވަނީ { إِلَّا مَن تَابَ وَءَامَنَ وَعَمِلَ عَمَلًۭا صَـٰلِحًۭا فَأُو۟لَـٰٓئِكَ يُبَدِّلُ ٱللَّهُ سَيِّـَٔاتِهِمْ حَسَنَـٰتٍۢ ۗ وَكَانَ ٱللَّهُ غَفُورًۭا رَّحِيمًۭا } الفرقان 70. މާނައީ: " ތައުބާވެ، ހެޔޮވެގެންވާ އަމަލު ކޮށްފި މީހުންނީ އެބައިމީހުންގެ ނުބައި ކަންތައްތައް ހެޔޮ ކަންތައްތަކަށް މާތް ﷲ ބަދަލު ކުރައްވާނެއެވެ."

އަޅާގެ މައްޗަށް ވަނީ އިޚްލާސްތެރިކަމާއި ތެދުވެރިކަމާއި އެކުގައި ތައުބާވެ، އިސްލާހު ވުމެވެ. އެކަލާނގެ އަންގަވާފައިވެއެވެ. {يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ تُوبُوٓا۟ إِلَى ٱللَّهِ تَوْبَةًۭ نَّصُوحًا عَسَىٰ رَبُّكُمْ أَن يُكَفِّرَ عَنكُمْ سَيِّـَٔاتِكُمْ وَيُدْخِلَكُمْ جَنَّـٰتٍۢ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ.....} [التحريم 8]. "އޭ އީމާންވީ މީސްތަކުންނޭވެ! ތިޔަބައިމީހުން ތެދުވެރި ތައުބާއަކުން ﷲގެ ހަޟުރަތަށް ތައުބާވާށެވެ. އޭރުން ތިޔަބައިމީހުންގެ ރައްބު ތިޔަބައިމީހުންގެ ފާފަ ފުއްސަވައި އެތަނެއްގެ (ގަނޑުވަރުތަކާއި ގަސްތަކުގެ ދަށުން) ފެން އާރުތަށް ހިނގަހިނގައިވާ ސުވަރުގެ ތަކަކަށް ތިޔަބައިމީހުން ވައްދަވާނެއެވެ."

ތެދުވެރި ނުވަތަ އިޚްލާޞްތެރި ތައުބާއަކީ: 1- ތައުބާވުމަށް ގަސްތުކުރާ ފާފަ ހުއްޓާލުމެވެ. 2- ތިބާއަށް ކުރެވެފައިވާ ފާފައިގެ މައްޗަށް ލަދުވެތިވެ ދެރަވުމެވެ. 3- އެފާފަ އަލުން ނުކުރުމަށް އަޒުމް ކުރުމެވެ. 4- އަދި އަޅުންގެ ހައްގެއް އޮތް ކަމެއް ނަމަ އެކަމެއް ރައްދު ކުރުން ނުވަތަ އެމީހެއްގެ ހިތް ހަލާލު ހޯދުމެވެ. މިސިފަތަށް އެކުލެވިގެންވާ ތައުބާއަކުން ތައުބާ ވެއްޖެ ނަމަ އެތައުބާއީ ޞައްހަ ތައުބާއެކެވެ. މާތް ﷲ އެފާފަ ފުއްސަވާނެތެވެ. އަދި އެފާފައިން ދުރުހެލިވުންވެސް ފަސޭހަ ވާނެއެވެ. މާތް ﷲ ބައްލަވަނީ ތައުބާގެ އަދަދަކަށް ނޫނެވެ. ތައުބާގެ "ކޮލިޓީ" އެށެވެ.

ނުބައި ކަންތައްތަކާއި ދުރުހެލިވެ، ހެޔޮ އަމަލުތައް ކުރުމަށް ލޯބި ޖެހުމަކީ ޝައްކެއް ނެތް ގޮތުގައި މާތް ﷲ ގެ ހަޟުރަތުންވާ މަދަދެކެވެ. އެއީ އަބަދު އަބަދު ކޮންމެ މީހަކަށް ލިބޭނެ ފުރުސަތެއް ނޫނެވެ. ވީމާ ތިބާއަށް ލިބުނު ފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފައި ﷲގެ ދީން އުނގެނި އޮޅުންފިލުވައި، ﷲ އާއި ރަސޫލާ އެންގެވިގޮތަށް އުޅެން މަސައްކަތް ކުރާށެވެ. އޭރުން ތިބާއަކީ ތަގުވާވެރި ރަނގަޅު މީހެއްކަމުގައި ވެވޭނެކަން ކަށަވަރެވެ. އަދި ހަމައެކަނި ކާމިޔާބު ވާނެ މީހުންނަކީ އެއީއެވެ.والله أعلم.

  1. އަޙްމަދު

    ޤުރުއާނުގެ އާޔަތްތައްލިޔާއިރު ރަނގަޅަށް ލިޔުއްވުމަށް ނަޞޭޙަތްތެރިވަން.ޤުރުއާނަކީ ﷲގެ ކަލާމްފުޅު.

  2. އަހުމަދު

    މީހެއްގެ އަތްބަކާއި ޒިނޭކުރެވިފައި ވަނިކޮށް ،އޭނަގެ ފިރިމީހާ ކާރިން ހިތް ހަލާލު ހޯދާނީ ކިހިނެތް.އިތުރު މައްސަލަތަކާ ކުރިމަތި ވާނީ ނޫންތޯ