ލައިފްސްޓައިލް

ތަނަވަސްކަން ލިބިގެންވާ މީހާއަށް ހުރި ނިކަމެތިކަމެއް!

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ކޮންމެ އިންސާނަކަށް ވެސް ލިބޭނެ ދުނިޔެވީ އެންމެ ބޮޑު އުފަލަކީ ފުދުންތެރި ދިރިއުޅުމެކެވެ. ތަނަވަސް ކަމެވެ. ޢާއިލާގެ އަސާދީ މުހުތާދުތައް ފުއްދުމާއި ދެން ވެސް އުފަލާއި ހިތްހަމަޖެހުމަށް އެދޭ ކަންކަން ކުރުމުގެ މަގު ތަނަވަސް ވެފައި ވުމެވެ. ހަމައެހެންމެ ތަނަވަސް ގެދޮރާއި އަގު ބޮޑު ކާރާއި އެހެނިހެން ވަޞީލަތްތައް ލިބިފައި ވުމެވެ.

ތަނަވަސްކަމުގެ އަހުލުވެރިޔާއަށް މުޅި ދުނިޔެ ހިތަކަށް ލިބިފައިވާއިރު ، ނިކަމެތި މީހާގެ ޙާލަތަކީ މީގެ އިދިކޮޅު ޙާލަތެވެ. ޒަރޫރީ ބޭނުންތައް ފުއްދޭނެ ގާބިލްކަން ވެސް ނެތި އޭނާ އެ ވަނީ ހިތްދަތި ކަމުގައެވެ. ތަނަވަސް ގެއެއް ނުވަތަ ކާރެއް ލިބުމަކީ އޭނާ ހުވަފެނުގައި ވެސް ދުއް ކަމެއް ނޫނެވެ. އޭނާގެ ނަޒަރުގައި ތަނަވަސް މީހާއަކީ ނަސީބުވެރިއެކެވެ. ބާއްޖަވެރިއެކެވެ. އެފަދަ ކަމެއް ދެއްވައިފި ނަމަ ހާދަ ހެވެއެވެ.

މި ދެ ޙާލަތާ މެދު އެހެން ނަޒަރިއްޔާއަކުން ވިސްނާލަމާ ހެއްޔެވެ؟ އިންސާނާގެ ތަބީޢަތަކީ ނިކަމެތިކަން ލިބޭ މިންވަރަކަށް ﷲއާ ކުއްތަން ވާން މަސައްކަތް ކުރާ މިންވަރު އިތުރުވުމެވެ. އެހެނީ އެ ފަދަ މީހާގެ މުހުތާދުތައް ބައިވަރެވެ. ދުނިޔޭގެ ދޮރުތައް އޭނާގެ ކުރިމަތީގައި ވަނީ ލައްޕައިލެވިފައެވެ. އޭނާގެ އުދާސްތައް އަޑުއަހާނެ މީހަކު ނެތެވެ. އެފަދަ މީހާ ، ﷲ މަގަށް ރުޖޫޢަވުން އަވަސްވެއެވެ. އޭނާގެ މުހުތާދުތައް ﷲގެ ޙަޟްރަތުގައި ދަންނަވަން އަވަސްވެ ގަނެއެވެ. ތާޢަތާއެކު ބާއްޖަވެރި ޙަޔާތެއް ދެއްވައިތޯ ދުޢާ ކުރުން ގިނަވެއެވެ.

މިއާ ޚިލާފަށް ތަނަވަސްކަމުގެ އަހުލުވެރީންގެ ހުރިހައި ބޭނުމެއް ވަނީ ފުދިގެންނެވެ. ދުނިޔޭގައި ފިކުރު ކުރާނެ ކަމެއް ނެތަތީވެ ، އެމީހާގެ މައްޗަށް ދުނިޔެ ވެރިވެގަތުން ގާތްކަން ބޮޑުވެއެވެ. އޭނާ ދަންނަވަން ޖެހޭ ކަމެއް ނެތް ހިނދުގައި ދެން އަންނާން އޮތް ޙަޔާތާ މެދު ވިސްނުމުގެ ފުރުސަތު ވެސް ހަނި ވެގެން ދެއެވެ. އެހެންކަމުން އެ ފަދަ މީހާ އެ ދަނީ ﷲގެ މަގުން ފޭވަމުންނެވެ.

މިއީ އެންމެންގެ ޙާލަތު ނޫން ނަމަވެސް ، ވިސްނައިލުން މުހިންމު ކަމެކެވެ. ﷲ މުދާ ދެއްވައި ތަނަވަސް ކުރެއްވި މީހުންގެ ތެރެއިން ވެސް ﷲގެ މަގުގައި ހޭދަ ކުރާ މީހުންނަށް ހުރީ އުފާވެރި ކަމެވެ. އެއާ ޚިލާފަށް އެމީހާގެ މައްޗަށް ދުނިޔެ ވެރިވެ ޣާފިލްވެ ގަންނަ ތަނަވަސްކަމުގެ އަހުލުވެރިޔާއަށް ހުރީ ކިހައި ބޮޑު ބަދު ނަސީބެއްތޯއެވެ. ﷲއާ ކުއްތަންވާ ނިކަމެތި މީހާއަށް ވުރެ އެ ފަދަ ތަނަވަސްކަމުގެ އަހުލުވެރިޔާގެ ނިކަމެތިކަން މާ ބޮޑެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!