ރައީސް ނަޝީދު، ރައީސް ޞާލިޙަށް ފޮނުއްވި މެސެޖެއް ކަމަށް ބުނެ ފޭކް މެސެޖެއް ވެސް ދައުރުވަނީ
![](https://dhen.mv/wp-content/uploads/2021/04/6909D9F1-0D0A-4822-B7D9-E8082B86FFB2-850x548.jpeg)
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް، ބޮޑު ވަޒީރުކަން ދެއްވުމަށް އެދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް މެސެޖެއް ފޮނުއްވާފައިވާއިރު، އެމަނިކުފާނު އަނެއްކާ އެހެން މެސެޖެއް ވެސް ރައީސް ޞާލިޙަށް ފޮނުއްވި ކަމަށް ބުނެ ދަނީ ވާހަކަ ފެތުރެމުންނެވެ.
މީސް މީޑިއާގައި ވެސް މި މެސެޖު މިހާރު ދައުރުވަމުން ދާއިރު، އޭގައި ބުނެފައި ވަނީ ރައީސް ޞާލިޙަށް ކާމިޔާބުކަމާއެކު ޤައުމު ހިންގަން ނޭނގޭތީ އެމްޑީޕީއަށް ރައްޔިތުން ކުރަމުންދާ ސަޕޯޓު ގެއްލެމުންދާ ކަމަށެވެ.
މި ޤައުމު "ސަލާމަތް ކުރަން" ބޭނުންވާ ތައުލީމާއި ވިސްނުން ރައީސް ޞާލިޙްގެ ނެތް ކަމަށް ވެސް އެ މެސެޖުގައި ބުނެފައި ވެއެވެ. އެހެންކަމުން 2023 ގެ ރިޔާސީ އިންތިހާބަށް މަޑުކޮށް، އެ އިންތިހާބުން ބަލިވާން ބޭނުން ނޫން ކަމަށް ވެސް ބުނެފައިވެއެވެ.
އަދި، ރައީސް ނަޝީދު ބޮޑު ވަޒީރަށް ހެދުމަށް ނުވަތަ ރައީސް ޞާލިޙް އިސްތިއުފާ ދެއްވުމަށް ވެސް ދައުރުވަމުންދާ އެ މެސެޖުގައި ބުނެފައިވެއެވެ.
![](https://dhen.mv/wp-content/uploads/2021/04/20210420_113219-1024x775.jpg)
މީގެއިތުރުން އެ މެސެޖުގައި ބުނެފައި ވަނީ ނައިބު ރައީސް ފައިސަލް ނަސީމްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ފާސްކޮށް، ރައީސް ނަޝީދު ނައިބު ރައީސްގެ މަގާމަށް އައްޔަން ކުރެއްވުމަށެވެ. އަދި އެއަށް ފަހު ރައީސް ޞާލިޙް އިސްތިއުފާ ދެއްވުމަށާއި އޭރުން ރައީސް ނަޝީދަށް އަލުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަށް ވެވި، އެމްޑީޕީ ވެސް ސަލާމަތް ކުރެވޭނެ ކަމަށް ވެސް އެ މެސެޖުގައި ބުނެފައިވެއެވެ.
ދައުރު ވަމުން އަންނަ މި މެސެޖަކީ ރައީސް ނަޝީދު ފޮނުއްވި މެސެޖެއް ނޫން ކަމާއި، މިއީ ބަޔަކު ހަދައިގެން ދައުރުކުރާ މެސެޖެއްކަން "ދެން" އަށް ވަނީ އެނގިފައެވެ.
ނަމަވެސް އެކަން އިތުރަށް ޔަގީން ކުރަން، ރައީސް ޞާލިޙަށް މިފަދަ މެސެޖެއް ލިބިވަޑައިގެންފައި ވޭތޯ "ދެން" އިން ސުވާލު ކުރުމުން، ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވީ "ލިބިވަޑައިނުގަންނަވާ" ކަމަށާއި "ދައުރުވަމުން އަންނަ މި މެސެޖަކީ ފޭކް މެސެޖެއް" ކަމަށެވެ.