ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ ފަޒީލްގެ މައްޗަށް ހެކި ނުލިބިގެން މައްސަލަ ނިންމައިލައިފި
ކުޑަކުދިންނަށާއި ޒުވާން އަންހެން ކުދިންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުއްމަތު ކުރެވޭ އަހުމަދު ފަޒީލްގެ މައްޗަށް ހެކި ނެތުމުގެ ސަބަބުން ސަލާމަތް ވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު މިއަދު ވިދާޅުވީ އޭނާއާ ދެކޮޅަށް ޖިނާއީ ދައުވާއެއްކޮށް ކުށް ސާބިތު ކުރެވޭ ވަރުގެ ހެއްކާއި ގަރީނާ ލިބިފައި ނެތުމުން އެ މައްސަލަ ފައިލް ކޮށްފައިވާ ކަމަށެވެ. އަދި ފަޒީލަށް ތުހުމަތުކުރާ ޖިންސީ ގޯނާގެ މައްސަލަ ތަހުގީގު ކޮށް ނިމިފައިވާ ކަމަށެވެ.
މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ ފަރާތުން ސަރުކާރުގެ ސިޔާސީ މަގާމެއްގައި ހުރި ފަޒީލް ސަސްޕެންޑް ކޮށްފައި ހުންނަތާ މިހާރު ނުވަ ވަރަކަށް މަސް ވެދާނެއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ފަޒީލް އަދިވެސް ހުންނެވީ ސަސްޕެންޝަނުގައި ކަމަށެވެ.
އޭނާއަށް ކޮށްފައިވާ ތުހުމަތުތަކުގެ ތެރޭގައި ކުޑަކުއްޖަކު ރޭޕު ކުރުމުގެ ސަބަބުން އެކުއްޖާ ބަލިވެއިން ކަމުގެ މައްސަލައަކާއި، އޮޅިގެން ކަމަށް ބުނެ އަންހެން ކުދިންނަށް ބަދުއަހުލާގީ ފޮޓޯއާއި ވީޑިއޯ ފޮނުވާފައިވާ މައްސަލަ ހިމެނެއެވެ.